Roadha Mihaaru
ދިއްފުށީގައި ކަރަންޓީނުގައި 500 މީހުން

ދިއްފުށީގައި ކަރަންޓީނުގައި 500 މީހުން، ވަގުތު ކުޑަކުރަން މަޝްވަރާކޮށްފި

10 އެޕްރީލް 2021

މިއަދު ކުރިއަށް ގެންދާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ކ. ދިއްފުށީގައި ވޯޓުލާން ޝަރުތު ހަމަވާ ގިނަ މީހުން ކަރަންޓީނުގައި ތިބުމުން، ވޯޓުލުމުގެ ވަގުތަށް ބަދަލު ގެންނަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ގައުމީ ލަފާދޭ ކޮމިޓީއާ މަޝްވަރާކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

މިއަދު ކުރިއަށް ގެންދާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ކ. ދިއްފުށީގައި ވޯޓުލާން ޝަރުތު ހަމަވާ ގިނަ މީހުން ކަރަންޓީނުގައި ތިބުމުން، ވޯޓުލުމުގެ ވަގުތަށް ބަދަލު ގެންނަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ގައުމީ ލަފާދޭ ކޮމިޓީއާ މަޝްވަރާކޮށްފި އެވެ.

އިންތިހާބުގައި މިހާތަނަށް ދިމާވެފައިވާ މައްސަލަތަކާ މެދު މަޝްވަރާކުރަން ގައުމީ ލަފާދޭ ކޮމިޓީއާ އެކު މީގެ އިރުކޮޅެއް ކުރިން ބޭއްވި ބައްދަލުވުމުގައި އީސީގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ، 700 އެއްހާ މީހުން ދިއްފުށީގައި ވޯޓުލާން ރަޖިސްޓަރީ ވެފައިވާ ކަމަށެވެ. ނަމަވެސް އާންމު ހާލަތުގައި، ނުވަތަ ކަރަންޓީނުން ބޭރުގައި ތިބީ 200 މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ބާކީ ތިބި 500 މީހުން ވޯޓުލާން ޖެހޭނީ [ހަވީރު] 5:00 އިން 6:00 އާ ދެމެދު،" އޭނާ ވިދާޅުވި އެވެ.

މާލޭގައި ބަހައްޓާފައިވާ ވޯޓުފޮއްޓަކަށް މީހަކު ވޯޓުލަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މާލޭގައި ބަހައްޓާފައިވާ ވޯޓުފޮއްޓަކަށް މީހަކު ވޯޓުލަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޝަރީފު ވިދާޅުވީ 500 އެއްހާ މީހުންނަށް ގަޑިއިރެއްގެ ތެރޭގައި ވޯޓުލާން ޖެހުމުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށެވެ. ވޯޓުލައި ނިންމަންޖެހޭ ވަގުތު ހަމަވި ނަމަވެސް، ކިއުގައި ތިބޭ އެންމެންނަށް ވޯޓުލުމުގެ ފުރުސަތު ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެ މީހުންނަށް ވޯޓު ލެވޭނެ އިންތިޒާމު ފަސޭހަކުރުމަށްޓަކައި، އާންމު ހާލަތުގައި ތިބި މީހުން ވޯޓު ލެވޭނެ ވަގުތު މެންދުރު 2:00 އާ ހަމައަށް ކުރުކުރަން އެ ކޮމިޓީ އަށް ޝަރީފު ހުށަހެޅި އެވެ.

ވޯޓު ލެވޭނެ ވަގުތު މީގެ ކުރިން އިއުލާންކޮށްފައި ވުމުން، އެ ވަގުތު ކުރުކުރަން ލަފާދޭ ކޮމިޓީގެ ގިނަ މެމްބަރުން ދެކޮޅު ހެއްދެވި އެވެ. ކައިރި ރިސޯޓުތަކުން ގިނަ ބަޔަކު ދިއްފުށީގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ކަމަށާއި އެ މީހުން ވޯޓުލުމުގެ ކަންތައް ކުރިއާލައި ހަމަޖައްސާފައިވާނެ ކަން ކޮމިޓީގެ މެމްބަރުން ފާހަގަކުރެއްވި އެވެ. ދިއްފުށީގައި ވޯޓުލާ ވަގުތު ކުޑަކުރުމުގެ ބަދަލުގައި އާންމު ހާލަތުގައި ތިބި މީހުން ވޯޓުލާ ވަގުތުގައި ކަަރަންޓީނުގައި ތިބި މީހުން ވޯޓު ލެވޭނެ ގޮތް ހަމަޖައްސަން ގައުމީ ލަފާދޭ ކޮމިޓީގެ މެމްބަރުން ހުށަހެޅުއްވި އެވެ.

މި މައްސަލައާ ގުޅިގެން ވަކި ގޮތެއް އަދި ނުނިންމަ އެވެ. ނަމަވެސް ކަރަންޓީނުގައި ތިބި 500 މީހުން އެންމެ އެއް ގަޑިއިރުގެ ތެރޭގައި ވޯޓުލައި ނިންމާނެ ގޮތަކާ މެދު ދިއްފުށީގައި ދަނީ ސުވާލު އުފައްދަމުންނެވެ.

މިއަދު ހެނދުނު 7:00 ގައި ވޯޓުލާން ފެށި އިރު، މިހާތަނަށް ވޯޓުލާފައި ވަނީ ވަރަށް މަދު އަދަދެއްގެ ބައެކެވެ. ގައިދުކުރުކަން އިތުރުކުރާށާއި ތޮއްޖެހުން މަދުކުރުމަށްޓަކައި ވޯޓު ލެވޭނެ ވަގުތު މިފަހަރު މި ވަނީ އިތުރުކޮށްފަ އެވެ.

މި އިންތިހާބުގައި 982 ގޮނޑިއަށް ޖުމުލަ 2،234 ކެންޑިޑޭޓުން ވާދަކުރެ އެވެ. އޭގެ ތެރެއިން 30 މެމްބަރުން ވަނީ އިންތިހާބަކާ ނުލައި ހޮވިފަ އެވެ.