Roadha Mihaaru
މަހުގެ އަގު މައްޗަށް ދާން ފަށައިފި

މަހުގެ އަގު މައްޗަށް ދާން ފަށައިފި

13 އެޕްރީލް 2021

މާލޭގެ މަސް މާރުކޭޓުގައި ކަނޑުމަހުގެ އަގު ވޭތުވެދިޔަ ތިން ދުވަހުގެ ތެރޭގައި 65ރ. އަށް އަރައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މާލޭގެ މަސް މާރުކޭޓުގައި ކަނޑުމަހުގެ އަގު ވޭތުވެދިޔަ ތިން ދުވަހުގެ ތެރޭގައި 65ރ. އަށް އަރައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް މަސް މާރުކޭޓުގައި ތާޒާ ކަނޑުމަސް ކިލޯއެއް ލިބެން ހުރީ 45ރ. އަށެވެ. ނަމަވެސް މިހާރު އަގު ވަނީ 65ރ. އަށް އުފުލިފަ އެވެ. މިއީ 20ރ. ގެ އިތުރުވުމެކެވެ.

ބާޒާރުގައި ކަންނެލި ކިލޯއެއްގެ އަގު ވެސް އުޅެނީ ހަމަ މި އަގުގަ އެވެ. ނަމަވެސް ކުުރިއާ އަޅާ ބަލާއިރު ކަންނެލީގެ އަގަށް ބޮޑު ބަދަލެއް އައިސްފައެއް ނުވެ އެވެ.

މާރުކޭޓުގައި މަސް ވިއްކާ މީހަކު ބުނިގޮތުގައި މަސް ލިބުމުގައި މިހާރު ދަތިތަކެއް އެބަހުއްޓެވެ. މީގެ ސަބަބެއް ކަމަށް އޭނާ ބުނަނީ އެންވެެރިކަން ދަށްވުމެވެ.

"ރެހި ނުލިބޭ އެއްގޮތަކަށް ވެސް. އޭގެ އެއްޗެއް ލޮލަށް ނުފެންނަތާ ކިތަންމެ ދުވަހެއް. އެހެންވެ މަސްވެރިކަން ވެސް ވަރަށް ދަށް،" އޭނާ ބުންޏެވެ.

އޭނާ މިހެން ބުނި ނަމަވެސް މާރުކޭޓުގައި ކަނޑުމަސް އެހާ މަދެއް ނޫނެވެ.

މަސްވެރިކަން ކުރާ މީހަކު ބުނީ މި ދުވަސްވަރު މޫސުން ލަފާ ނުކުރެވޭތީ މަސް ބޭނުމުގައި ދަތިތަކާ ކުރިމަތިވާ ކަމަށެވެ. އެގޮތުން، ކަންނެލި ބާނާ ވަރު ވަރަށް ބޮޑަށް ދަށްވެފައިވާއިރު ކަނޑުމަސް ބާނާ ވަރު ވެސް މަދުވެފައިވާ ކަމަށް އޭނާ ބުންޏެވެ.

"މޫސުން ހުރިހާ ވެސް މައްސަލައަކީ. ނޭނގޭ ކަނޑުގަދަ ވާނެއިރެއް ލަފާ ކުރާކަށް ވެސް މި ދުވަސްވަރު. އެހެންވެ ކަންނެލީގެ މަސްވެރިކަން މިހާރު ނުކުރެއޭ ބުނުން ވެސް ގޯހަކަށް ނުވާނެ،" މަސްވެރިޔާ ބުންޏެވެ.

މަސް މާރުކޭޓުގައި ވިއްކާ މަހުގެ އެހެނިހެން ވާތްތަކުގެ ތެރޭގައި ފާނަ ކިލޯއެއްގެ އަގު އުޅެނީ 30ރ. އަށެވެ. އަދި ރަތް މަހެއްގެ 350ރ. އާއި 500ރ. އާ ދެމެދުގައި އުޅޭއިރު މުށި މަހުގެ އަގު އުޅެނީ 20ރ. އަށް ތިން މަހެވެ.