Roadha Mihaaru
ޕްރިޔަންކާ ލިބުމަކީ ބޮޑު ނަސީބެއް: ނިކް

ޕްރިޔަންކާ ލިބުމަކީ ބޮޑު ނަސީބެއް: ނިކް ޖޯނަސް

16 އެޕްރީލް 2021

ހަޔާތުގެ ބައިވެރިޔަކަށް ޕްރިޔަންކާ ޗޯޕްރާ ލިބުމަކީ ބޮޑު ނަސީބެއް ކަމަށާއި އެކަމާ އަބަދު ވެސް އުފާކުރާނެ ކަމަށް ނިކް ޖޯނަސް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހަޔާތުގެ ބައިވެރިޔަކަށް ޕްރިޔަންކާ ޗޯޕްރާ ލިބުމަކީ ބޮޑު ނަސީބެއް ކަމަށާއި އެކަމާ އަބަދު ވެސް އުފާކުރާނެ ކަމަށް ނިކް ޖޯނަސް ބުނެފި އެވެ.

މިދިޔަ މަހު ނެރުނު އޭނާގެ އެންމެ ފަހުގެ އަލްބަމް "ސްޕޭސްމޭން" ގެ ޕްރޮމޯޝަނުގެ ތެރެއިން ލިއޮފިޝަލް ޔޫއޭއެސް އަށް ދިން އިންޓަވިއުއެއްގައި ނިކް ބުނީ ޕްރިޔަންކާ އަކީ އޭނާ ކުރިއަށް ދާން މިހާރު ލިބޭ އެންމެ ބޮޑު ހިތްވަރު ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ލަވަތައް ހަދާ އިރު، އެ ލަވަތައް ކިޔަން އެ ދެ މީހުންގެ ލޯބީގެ ވާހަކަ އިންސްޕިރޭޝަނަކަށްވާ ކަމަށާއި ޕްރިޔަންކާ އަކީ ހިޔާލު ތަނަވަސްކޮށްދޭ މީހެއް ކަމަށް ނިކް ބުންޏެވެ.

"އެހެންވެ އަހަރެން ދެކެނީ އަހަރެންގެ ހަޔާތަށް ޕްރިޔަންކާ އައުމަކީ ބޮޑު ނަސީބެކޭ. އަހަރެމެން ދެ މީހުން އަބަދު ވެސް ވަރަށް ބިޒީކޮށް އުޅެން ޖެހުނަސް އެކީގައި ވަރަށް ގިނަ ވަގުތު ހޭދަކުރަން،" ނިކް ބުންޏެވެ. "އޭގެ ސަބަބުން ހަގީގަތުގައި އަހަރެމެންގެ ދެ މީހުންގެ ގުޅުން ބަދަހިވެ، ލޯބި އިތުރުކޮށްދޭ."

ޕްރިޔަންކާ މިދިޔަ އަހަރުގެ މެދުތެރެއިން ފެށިގެން އިނގިރޭސިވިލާތުގައި ވަގުތީ ގޮތުން ދިރިއުޅެމުން އަންނަ އިރު، ނިކް ވެސް އޭނާއާ އެކި އެ ގައުމަށް ދިޔަ އެވެ.

"އެކަމުގެ ސަބަބުން ވެސް ވަކިން ބޮޑަށް ދެ މީހުންނަށް އެކަނި ވަގުތު ހޭދަކޮށްލައި އަހަރެމެންގެ އެންމެ ހާއްސަ ހިނދުކޮޅުތައް ރައްކާކޮށްލަން ފުރުސަތު ލިބުނު،" ނިކް ބުންޏެވެ.

ޕްރިޔަންކާ އަންނަނީ އިނގިރޭސިވިލާތުގައި އެމެޒޯންގެ ސީރީޒްގެ "ސިޓަޑެލް" ގެ މަސައްކަތްކުރަމުންނެވެ. އެއީ "އެވެންޖާޒް" ގެނެސްދިން ދެބެން ކަމަށްވާ އެންތަނީ އާއި ޖޯ ރުޒޯ ޕްރޮޑިއުސްކުރާ އެއްޗެކެވެ.

އުމުރުގައި 10 އަހަރުގެ ފަރަގެއް ހުރި ޕްރިޔަންކާ، 38، އާއި ނިކް، 28، ކައިވެނިކުރީ 2018 ގަ އެވެ.