Roadha Mihaaru
ވަގުތީ ނަތީޖާ އިއުލާންކޮށް ނިމޭނީ ހުކުރުދުވަހު: އީސީ

ވަގުތީ ނަތީޖާ އިއުލާންކޮށް ނިމޭނީ ހުކުރުދުވަހު: އީސީ

14 އެޕްރީލް 2021

އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނުކޮށް ނިންމާލެވޭނީ ހުކުރު ދުވަހު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނުކޮށް ނިންމާލެވޭނީ ހުކުރު ދުވަހު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

ހޮނިހިރުދުވަހު ބޭއްވި، ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނުކުރަން ފެށީ މިއަދެވެ. އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ވަގުތީ ނަތީޖާ އިއުލާނުކޮށް ނިމޭނެ ކަމަށެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާންކުރަންޖެހޭ ވަކި މުއްދަތެއް އިންތިހާބާ ބެހޭ އާއްމު ގާނޫނަކު ނޯވެ އެވެ. ނަމަވެސް ވޯޓުލާތާ 14 ދުވަހުގެ ތެރޭގައި ދާއިމީ ނަތީޖާ އިއުލާނުކުރަންޖެހެ އެވެ. އެހެންވެ، މި މަހުގެ 24 ގެ ކުރިން ދާއިމީ ނަތީޖާ އިއުލާނުކުރަން އީސީ އަށް ޖެހޭނެ އެވެ.

ކައުންސިލާއި އަންހެނުންގެ ކޮމިޓީތަކަށް 3،814 ކެންޑިޑޭޓުން ވާދަކުރި އެވެ. ކައުންސިލް އިންތިހާބުގައި 2،234 އަދި އަންހެނުންގެ ކޮމިޓީއަށް 1،580 ކެންޑިޑޭޓުންނެވެ.

އެ ކެންޑިޑޭޓުންނަށް ވޯޓުލާފައިވަނީ 182،995 މީހުންނެވެ. އެއީ ވޯޓުލުމަށް ޝަރުތުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން 67 ޕަސެންޓް މީހުންނެވެ.