Roadha Mihaaru
ނަތީޖާ އެއްވަރުވި ދެ ދާއިރާއެއްގައި އަލުން ވޯޓުލަނީ

ނަތީޖާ އެއްވަރުވި ދެ ދާއިރާއެއްގެ ޝަކުވާތައް ބަލައި އަލުން ވޯޓުލަނީ

19 އެޕްރީލް 2021

ހުށަހެޅި ޝަކުވާތަކަށް ބެލުމަށް ފަހު ދެ ދާއިރާއެއްގައި އަލުން ވޯޓުލާން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުށަހެޅި ޝަކުވާތަކަށް ބެލުމަށް ފަހު ދެ ދާއިރާއެއްގައި އަލުން ވޯޓުލާން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

އެ ކޮމިޝަނުން މިރޭ ބޭއްވި ނިއުސް ކޮންފަރެންސްގައި ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، މި މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ދެ ވަނަ ބުރެއް ބާއްވަނީ ތ. ގާދިއްފުއްޓާއި ލ. މާވަށުގައި ކަމަށެވެ.

ގާދިއްފުށީގައި އަލުން ވޯޓުލަނީ، އެ ރަށުގެ އެއް ނަމްބަރު ފޮއްޓަށް ރ. އިންނަމާދޫ އަދި ލ. ކުނަހަންދޫ މީހަކު ވޯޓުލާފައިވާތީ އެވެ.

އެ ރަށު ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށް ޕީޕީއެމުން ވާދަކުރި ހައްވާ އަބްދުލް ހާދީއަށް 224 ވޯޓު އަދި އެމްޑީޕީގެ ކެންޑިޑޭޓް މަރިޔަމް ހަސަނަށް 222 ވޯޓު ލިބިފައި ވެ އެވެ. އެހެންވެ، ދާއިރާ ނޫން ދެ މީހަކު ވޯޓުލާފައިވާނީ އަންހެން ކެންޑިޑޭޓުންގެ މެދުގައި އަލުން ވޯޓުލުމަށް ނިންމީ ކަމަށް ޝަރީފް ވިދާޅުވި އެވެ.

މާވަށު O6.2 ފޮއްޓަށް ވެސް ދާއިރާ ނޫން އެހެން ދެ މީހަކު ވޯޓުލާފައިވާކަން ކަށަވަރުކުރެވިފައި ވެ އެވެ. އެ ރަށު ކައުންސިލްގެ ރައީސްގެ މަގާމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި އާދަމް އަބްދުއްރަހުމާން އަދި ޕީޕީއެމްގެ ކެންޑިޑޭޓް އަހުމަދު މޫސާއަށް ވެސް ލިބިވަޑައިގަތީ 525 ވޯޓެވެ.

އޭގެ އިތުރުން މާވަށު ކައުންސިލްގެ މެމްބަރުކަމަށް ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް ހަސަން ޝިފާޒު އަދި ޕީޕީއެމްގެ ކެންޑިޑޭޓް އިބްރާހިމް އަބޫބަކުރަށް ވެސް ލިބިވަޑައިގަތީ 432 ވޯޓެވެ.

އެ ދެ ރަށުގައި ވެސް ވޯޓުލާން ހަމަޖައްސާފައިވަނީ އެ ފޮއްޓަށް ރަޖިސްޓްރީވެފައިވާ މީހުން އެކަންޏެވެ. އަލުން ވޯޓު ލާނެ ތާރީހެއް ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން އިންތިހާބާ ގުޅޭގޮތުން އީސީއަށް ހުށަހެޅި 208 ޝަކުވާއެއްގެ ތެރެއިން 11 ފޮއްޓެއްގެ ނަތީޖާ ޔަގީންކުރަން ތަފާތު ޕްރޮސީޖާތަކެއް ހިންގަން ވަނީ ކަނޑައަޅައިފަ އެވެ.

ޝަރީފް ވިދާޅުވީ އިއްޔެއާ ހަމައަށް އިންތިހާބުގެ ދާއިމީ ނަތީޖާގެ 90 ޕަސެންޓަށް ވުރެ ބޮޑު އަދަދެއް ވެރިފައިކުރެވިފައިވާ ކަމަށެވެ. ދާއިމީ ނަތީޖާ އިއުލާނުކުރަން މާދަމާ ރޭ ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.