Roadha Mihaaru
އޯވަޑްރާފްޓް ފެސިލިޓީގެ މުއްދަތު އިތުރުކުރަން ނިންމައިފި

ފައިސާ ޗާޕު ކުރުމުގެ ހުއްދައިގެ މުއްދަތު އިތުރުކުރަން ނިންމައިފި

21 އެޕްރީލް 2021

މަރުކަޒީ ބޭންކު އެމްއެމްއޭއިން ފައިސާ ޗާޕު ކުރުމަށް ނުވަތަ ޕަބްލިކް އެކައުންޓް އޯވަޑްރޯ ކުރުމަށް ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް މިދިޔަ އަހަރު ދިން ހުއްދަ އެއް އަހަރަށް އިތުރު ކުރުމަށް މަޖިލީހުގެ ވަގުތީ ކޮމިޓީން މިރޭ ނިންމައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މަރުކަޒީ ބޭންކު އެމްއެމްއޭއިން ފައިސާ ޗާޕު ކުރުމަށް ނުވަތަ ޕަބްލިކް އެކައުންޓް އޯވަޑްރޯ ކުރުމަށް ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް މިދިޔަ އަހަރު ދިން ހުއްދަ އެއް އަހަރަށް އިތުރު ކުރުމަށް މަޖިލީހުގެ ވަގުތީ ކޮމިޓީން މިރޭ ނިންމައިފި އެވެ.

މުއްދަތު އިތުރުކުރަން ފެންނަ ކަމަށް ނިންމާފައިވަނީ އެކަން ދިރާސާ ކުރުމަށް މިއަދު ހެދި ވަގުތީ ކޮމިޓީގެ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ނިންމުން މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުމަށް އެ ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.

ވަގުތީ ކޮމިޓީން މިއަދު ވަނީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އެމްއެމްއޭގެ އިސް ބޭފުޅުންގެ އިތުރުން އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތާ ވެސް ބައްދަލުކޮށް މަޝްވަރާކޮށްފަ އެވެ.

ހައްދެއް ނެތި ދަރަނި ނެގުމާއި ހައްދެއް ނެތި އެމްއެމްއޭއިން އޯވަޑްރޯ ކުުރުން މަނާކޮށްފައި އޮތީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ) އަދި (ބ) އިންނެވެ. ނަމަވެސް ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވުމުން ސަރުކާރުން މިދިޔަ އަހަރު ހުށަހެޅީ އެ މާއްދާތައް ސަސްޕެންޑްކޮށް، 4.4 ބިލިއަން ރުފިޔާ ޗާޕްކުރަން ހުއްދަ ހޯދުމަށެވެ. އެ ހުއްދަ މަޖިލީހުން އޭރު ދިނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ.

ހުއްދައިގެ މުއްދަތު އިތުރު ކުރުމަށް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅީ މުއްދަތު ހަމަވާން ކައިރިވިއިރު ވެސް ރާއްޖޭގެ އިގްތިސާދު ރަނގަޅު ނުވާތީ އެވެ. މިދިޔަ އަހަރު ދިން ހުއްދައިގެ މުއްދަތު ހަމަވާނީ އަންނަ ހޯމަ ދުވަހު އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވީ، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ އެ މާއްދާތަކަށް އަމަލުނުކުރުމުގެ ހުއްދަ އެއް އަހަރުދު ދުވަހަށް ދީފައި އޮތުމުން މިދިޔަ އަހަރު ދައުލަތުގެ ހިންގުމަށް ބުރޫ ނާރުވައި ކުރިއަށް ގެންދެވުނު ކަމަށެވެ. ބަލިމަޑުކަމުގައި ފަރުދުންނާއި ވިޔަފާރިތަކަށް ކުރިމަތިވި ގެއްލުންތަކުގައި އެހީވެވުނީ ވެސް އެ ހުއްދައިގެ ސަބަބުން ކަަމަށް އޭނާ ވިދާޅުވި އެވެ. އަދި ކޮވިޑް-19 އާ ހެދި ސިއްހީ ކަންކަމަށާއި ރައްކާތެރިކަމަށް ކުރަން ޖެހުނު ހަރަދުތައް ވެސް ކުރެވުނީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރު 4.4 ބިލިއަން ރުފިޔާގެ އޯވަޑްރާފްޓް ފެސިލިޓީއެއްގެ ހުއްދަ ދީފައިވާއިރު މިހާތަނަށް 3.8 ބިލިއަން ރުފިޔާ ވަނީ ޗާޕުކޮށްފަ އެވެ. މި އަދަދު ދާނީ ޕަބްލިކް އެކައުންޓަށް ފައިސާ ވަންނަ ވަރަކުން ސެޓްލްވަމުންނެވެ.