Roadha Mihaaru
ވިހަ ގޭސް މަދުކުރަން ނިންމުމުން ރާއްޖޭގެ މަރުހަބާ

ވިހަ ގޭސް މަދުކުރަން ނިންމުމުން އެމެރިކާގެ ރައީސަށް ރާއްޖޭން މަރުހަބާ ކިޔައިފި

23 އެޕްރީލް 2021

ކުރިއަށް އޮތް 10 އަހަރުތެރޭ، ޖައްވަށް ދޫކުރާ ވިހަ ގޭހުގެ މިންވަރު 50 ޕަސެންޓު ދަށްކުރަން އެމެރިކާ އިން ނިންމުމުން އެ ގައުމުގެ ރައީސް ޖޯ ބައިޑެން އަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ މަރުހަބާ ވިދާޅުވެއްޖެ އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ކުރިއަށް އޮތް 10 އަހަރުތެރޭ، ޖައްވަށް ދޫކުރާ ވިހަ ގޭހުގެ މިންވަރު 50 ޕަސެންޓު ދަށްކުރަން އެމެރިކާ އިން ނިންމުމުން އެ ގައުމުގެ ރައީސް ޖޯ ބައިޑެން އަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ މަރުހަބާ ވިދާޅުވެއްޖެ އެވެ.

ރައީސް ކުރެއްވި ޓްވީޓްގައި ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުން ހުރިހާ އެންމެންނަށް ނޭދެވޭ އަަސަރު ކުރާ ކަމަށާއި ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކުގެ ދެމިއޮތުމާ ގުޅުންހުރި ކަމެއްގައި އެމެރިކާ އިން މިސާލު ދެއްކުމުން ހިތްވަރު ލިބޭ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ޓްވީޓެއް

އެމެރިކާގެ ރައީސް ބައިޑެން ނިންމަވާފައި ވަނީ 2030 ގެ ނިޔަލަށް، އެ ގައުމުން ޖައްވަށް ދޫކުރާ ގޭސްތައް ދެބައިކުޅަ އެއްބައި ދަށްކުރުމަށެވެ. މިއީ 2015 ވަނަ އަހަރުގެ ކުރިން، ޕެރިސް އެގްރީމެންޓްގެ ދަށުން އެ ގައުމުން ދަށްކުރަން އެއްބަސްވި އެމިޝަންގެ ދެ ގުނަ އިތުރު އަދަދެކެވެ. އިއްޔެ ފާހަގަކުރި ދުނިޔޭގެ ދުވަސް ނުވަތަ "އާތު ޑޭ" އާ ދިމާކޮށް އެމެރިކާ އިން މިކަން އިއުލާނުކުރި އިރު އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޕެރިސް އެގްރީމެންޓުން ވަކިވެ މޫސުމީ މައްސަލަތަކަށް ފުރަގަސް ދެއްވައިފަ އެވެ. ނަމަވެސް ބައިޑެން ވެރިކަމަށް ވަޑައިގެން އެއްބަސްވުން އިޔާދަކުރެއްވީ އެވެ.

އާތު ދުވަހާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ވެސް ވިދާޅުވެފައި ވަނީ އަންނަން އޮތް ޖީލުތަކަށް ރާއްޖޭގެ ތިމާވެއްޓާއި ގުދުރަތީ ރީތިކަން ރައްކާކުރުމުގެ މަސައްކަތް ސަރުކާރުން ވަރަށް ސީރިއަސްކޮށް ކުރާނެ ކަމެއް ކަމަށެވެ.