Roadha Mihaaru
ގަރާޖު ސިޓީ ނެތި ރަޖިސްޓަރީ ކުރެވޭ ގޮތް ހަދަނީ

ގަރާޖު ސިޓީއަކާ ނުލައި އުޅަނދު ރަޖިސްޓަރީ ކުރެވޭ ގޮތަށް ހަދަން ކޮމިޓީން ފާސްކޮށްފި

25 އެޕްރީލް 2021

ގަރާޖެއްގައި ޕާކު ކުރެވޭނެ ކަމުގެ ލިޔުމެއް ނެތި ހަތަރު ފުރޮޅުލީ އުޅަނދު ފަހަރު ރަޖިސްޓަރީ ކުރެވޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނު އިސްލާހު ކުރަން ރައްޔިތުން މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައާ ބެހޭ ކޮމިޓީން ނިންމައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ގަރާޖެއްގައި ޕާކު ކުރެވޭނެ ކަމުގެ ލިޔުމެއް ނެތި ހަތަރު ފުރޮޅުލީ އުޅަނދު ފަހަރު ރަޖިސްޓަރީ ކުރެވޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނު އިސްލާހު ކުރަން ރައްޔިތުން މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައާ ބެހޭ ކޮމިޓީން ނިންމައިފި އެވެ.

ގަރާޖު ސިޓީއަކާ ނުލައި ކާރާއި ޕިކަޕު ފަދަ އުޅަނދުތައް ރަޖިސްޓަރީ ކުރެވޭ ގޮތް ހަދަން މަޖިލީހަށް ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ.

އޭނާ އެ އިސްލާހު ހުށަހެޅުއްވީ ބައެއް ގަރާޖުތަކުގެ ވެރިފަރާތްތަކުން އެކަމުގެ ނާޖާއިޒު ފައިދާ ނަގައި ގަރާޖު ފީގެ ގޮތުގައި ނުވަތަ ގަރާޖު ކުލީގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ނަގާ މައްސަލަ ހައްލު ކުރުމުގެ ބޭނުމުގައި ކަމަށް އެ ބިލުގައި ބުނެފައިވެ އެެވެ.

އެ މައްސަލަ ގައުމީ ތަރައްގީ އާއި ތަރިކަ ކޮމިޓީން ދިރާސާ ކުރިއިރު ވަނީ މާލެ ސިޓީ ކައުންސިލާއި ފުލުހުން އަދި ޓްރާންސްޕޯޓް އޮތޯރިޓީ އާއި ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލުން ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. އެ އިދާރާތަކުގެ ލަފަޔާ އެކު ކޮމިޓީން ނިންމާފައި ވަނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ރ) އިސްލާހު ކުރުމެވެ.

އެގޮތުން ރާއްޖޭގައި އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރަން ހުށަހަޅާއިރު ގަރާޖެއްގައި އެ އުޅަނދެއް ބާއްވާނެ ކަމުގެ ލިޔުން ހުށަހަޅަން ލާޒިމްނުވާ ގޮތަށް އެ މާއްދާ އިސްލާހު ކުރި އެވެ.

ކޮމިޓީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އެ އިސްލާހު ގެނައުމުގެ ބޭނުމަކީ ބައެއް ފަރާތްތަކުން ބޮޑު އަގުގައި ގަރާޖު ސިޓީ ވިއްކާ މައްސަލާގައި ދައުލަތަށް ފައިދާ ނުވެ އަދި ރައްޔިތުންނަށް ވެސް ބޮޑެތި ގެއްލުންވަމުން ދާތީ އެކަން ހައްލު ކުރުމުގެ ބޭނުމުގަ އެވެ.