Roadha Mihaaru
ގަރާޖު ސިޓީ އުވާލަން ނުފެންނަ ކަަމަށް ނިންމައިފި

ގަރާޖު ސިޓީ އުވާލަން ނުފެންނަ ކަމަށް ކޮމިޓީން ނިންމައިފި

11 ނޮވެމްބަރ 2021

ގަރާޖެއްގައި ޕާކު ކުރެވޭނެ ކަމުގެ ލިޔުމެއް ނެތި ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓަރީ ކުރެވޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމަށް ނުފެންނަ ކަމަށް ގައުމީ ތަރައްގީ އާއި ތަރިކަ ކޮމިޓީން ނިންމައި އެ ބިލު މަޖިލިސް ތަޅުމަށް ފޮނުވައިފި އެވެ.

އާނިފާ ހުސެއިން ސިރާޖް އާނިފާ ހުސެއިން ސިރާޖް

ގަރާޖެއްގައި ޕާކު ކުރެވޭނެ ކަމުގެ ލިޔުމެއް ނެތި ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓަރީ ކުރެވޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމަށް ނުފެންނަ ކަމަށް ގައުމީ ތަރައްގީ އާއި ތަރިކަ ކޮމިޓީން ނިންމައި އެ ބިލު މަޖިލިސް ތަޅުމަށް ފޮނުވައިފި އެވެ.

ކާރާއި ޕިކަޕު ފަދަ އުޅަނދުތައް މާލޭގައި ރަޖިސްޓަރީ ކުރަން ހުށަހަޅަން ޖެހޭނީ ގަރާޖަކާ އެކުގައި ކަމަށް ޝަރުތު އުވާލާ ގޮތަށް ގާނޫނު އިސްލާހު ކުރަން ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ.

އޭނާ އެ އިސްލާހު ހުށަހެޅުއްވީ ބައެއް ގަރާޖުތަކުގެ ވެރިފަރާތްތަކުން ގަރާޖު ސިޓީގެ ނާޖާއިޒު ފައިދާ ނަގައި ގަރާޖު ކުލީގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ނަގާ މައްސަލަ ހައްލު ކުރުމުގެ ބޭނުމުގައި ކަމަށް އެ ބިލުގައި ބުނެފައިވެ އެެވެ.

މިދިޔަ އޭޕްރީލް މަހު ހުށަހެޅި އެ ބިލަށް މަޖިލީހުގައި ބަހުސްކުރުމަށްފަހު ފުރަތަމަ ތަރިކަ ކޮމިޓީއަށް ފޮނުވުމުން އެ ކޮމިޓީން ކުރީގެ މާލެ ސިޓީ ކައުންސިލާއި ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާކުރުމަށް ފަހު ނިންމީ ގަރާޖު ސިޓީ އުވާލުމަށެވެ. އެކަމަކު އެ ނިންމުމަށް މަޖިލީހުގެ ގިނަ މެންބަރުންތަކެއް ދެކޮޅު ހެއްދެވި އެވެ. އަދި އެ ބިލު ދެވަނަ ފަހަރަށް ކޮމިޓީއަށް ފޮނުވާލީ އެވެ.

އެހެންވެ އެ ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ނިންމާލުމުގެ ކުރިން ކޮމިޓީން ވަނީ މާލެ ސިޓީގެ ކައުންސިލާ ބައްދަލުކޮށްފަ އެވެ.

އެ ބައްދަލުވުމުގައި މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ މާލެ މިހާރު ވެސް ވަރަށް ބޮޑަށް ތޮއްޖެހިފައި އޮތް އިރު އިތުރު ވެހިކަލްތައް އެތެރެކުރާއިރު އެ ބާއްވާނެ ޖާގައެއް ނެތި ދޫކޮށްލާ ކަމުގައިވާ ނަމަ އެކަމުން ނުކުންނާނީ ވަރަށް ނުރަނގަޅު ނަތީޖާއެއް ކަމަށެވެ.

އެހެންވެ ހާއްސަކޮށް މާލެ އެތެރެކުރާ ވެހިކަލް ކޮންޓްރޯލު ކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި ގަރާޖު ސިޓީ އުވާލުމަކީ އެންމެ އެކަށީގެންވާ ވަގުތު ނޫން ކަމަށް ވިދާޅުވި އެވެ.

އެ މައްސަލަ ކޮމިޓީން ދިރާސާކުރުމަށް ފަހު ގިނަ މެންބަރުން ވެސް ނިންމީ ގަރާޖު ސިޓީ އުވާލުމަކީ މާލެ ތޮއްޖެހުމަށް މަގުފަހިވާނެ ކަމެއް ކަމުގަ އެވެ. ވޯޓުގައި ބައިވެރިވީ ފަސް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުން ވޯޓު ދެއްވީ ގަރާޖު ސިޓީ އުވާލާ އިސްލާހު ގެންނަން ނުފެންނަ ކަމަށެވެ.

އެހެން ނަމަވެސް މެންބަރު ނަޝީދު ހުށަހެޅުއްވި އިސްލާހުގެ މަގްސަދު ހާސިލުކުރުމަށްޓަކައި ގަރާޖު ސިޓީގެ ސަބަބުން ދިމާވާ މާލީ ތަކުލީފު ތަކާއި ޕާކިންގެ މައްސަލަ އަށް ހައްލު ހޯދުމަށް ސިޓީ ކައުންސިލާއި ޓްރާންސްޕޯޓު އޮތޯރިޓީގައި ދަންނަވަން ރިކޮމެންޑޭޝަން ރިޕޯޓުގައި ހިމެނި އެވެ.