Roadha Mihaaru
ގަރާޖު ސިޓީ އުވައިލަން އެމްޑީޕީގެ އިސް ބޭފުޅުން ދެކޮޅު

ގަރާޖު ސިޓީ އުވައިލަން އެމްޑީޕީގެ އިސް ބޭފުޅުން ދެކޮޅު

29 އެޕްރީލް 2021

ކާރާއި ޕިކަޕު ފަދަ އުޅަނދުތައް މާލޭގައި ރަޖިސްޓަރީ ކުރަން ހުށަހަޅާއިރު، ގަރާޖެއް ހުރުމުގެ ޝަރުތު އުވައިލާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނު އިސްލާހު ކުރަން އެމްޑީޕީގެ ބައެއް އިސް މެމްބަރުން ދެކޮޅު ހައްދަވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކާރާއި ޕިކަޕު ފަދަ އުޅަނދުތައް މާލޭގައި ރަޖިސްޓަރީ ކުރަން ހުށަހަޅާއިރު، ގަރާޖެއް ހުރުމުގެ ޝަރުތު އުވައިލާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނު އިސްލާހު ކުރަން އެމްޑީޕީގެ ބައެއް އިސް މެމްބަރުން ދެކޮޅު ހައްދަވައިފި އެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައި މިހާރު އޮތް ގޮތުން މާލޭގައި ދުއްވަން ހަތަރު ފުރޮޅުލީ އުޅަނދެއް ގެނެވޭނީ ގަރާޖެއްގައި ޕާކު ކުރާނެ ކަމުގެ ލިޔުމެއް ޓްރާންސްޕޯޓް އޮތޯރިޓީ އަށް ހުށަހަޅައިގެނެވެ.

ނަަމަވެސް ގަރާޖުތަކުން އެފަދަ ލިޔުން ވިއްކުމާއި ޓްރާންސްޕޯޓް އޮތޯރިޓީގެ ބައެއް ފަރާތްތަކުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެކަމުގައި ކޮރަޕްޝަނުން އެ ހުއްދަ ދޫކުރާ މައްސަލަ ވަނީ ބޮޑުވެފަ އެވެ. އޭގެ ނަތީޖާއަކީ ގަރާޖުތައް ހުރި ކަމަށް ބުނެ ލިޔުން ހުށަހެޅިޔަސް ކާރުތަކާއި ޕިކަޕުތައް މާލޭގެ މަގުތަކުގައި ޕާކް ކުރުމެވެ.

އެކަން ހުއްޓުވުމުގެ ގޮތުން ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ހުށަހެޅުއްވީ ގަރާޖު ސިޓީއެއް ހުށަހެޅުން ލާޒިމު ނުވާ ގޮތަށް ގާނޫނު ބަދަލު ކުރުމަށެވެ. އޭރުން ޓްރާންސްޕޯޓު އޮތޯރިޓީގެ ކޮރަޕްޝަނާއި އުޅަނދު އެތެރެ ކުރުމުގައި ރައްޔިތުންނަށް ހުރި ދަތިތައް ހައްލު ވާނެ ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.

އެ ބިލު ދިރާސާކުރާ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގެ އެމްޑީޕީގެ ހުރިހާ މެންބަރުންގެ ވެސް ތާއީދާއެކު ކޮމިޓީން ފާސްކޮށް، ތަޅުމުގައި އެކަމަށް ބަހުސް ފަށާފައިވާ އިރު، އެކަމާ ގުޅިގެން އެ ޕާޓީގެ މެންބަރުންގެ ތެރޭގައި ވަނީ ހިޔާލު ތަފާތުވެފަ އެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ ރަޖިސްޓަރީ ކުރުމުގައި ހިންގާ ކޮރަޕްޝަން ހުއްޓުވޭނީ ގަވައިދު ރަނގަޅަށް ތަންފީޒު ކޮށްގެން ކަމަށެވެ. ގަވައިދު އުވާލައިފި ނަމަ މުޅި މާލެ ވެހިކަލްތަކުން ތޮއްޖެހޭނެ ކަމަށާއި އެއީ މާލެ އަށް އޮތް ހައްލެއް ނޫން ކަމަށް އީވާ ވިދާޅުވި އެވެ.

"ރަނގަޅަށް އަޅުގަނޑުމެން ވިސްނައިގެން ދުރު ރާސްތާގެ ހައްލުތަކެއް، ތިމާވެއްޓާ ވެސް ބައްދަލު މާލޭގެ ލޭންޑް ޔޫޒް ޕްލޭނަށް ރަނގަޅަށް މަޝްވަރާ ކޮށްގެން ވިސްނާލައިގެން، މާލޭގެ އާ ސިޓީ ކައުންސިލާއެކު މަސައްކަތްތަކެއް ކޮށްގެން، މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ލުއިތަކެއް ވާނެ ގޮތަށް ދުރު ރާސްތާ ހައްލެއް ގެންނަން ޖެހޭނީ،" އީވާ ވިދާޅުވި އެވެ.

އެއްވެސް ހާލެއްގައި ކޮރަޕްޝަން ހިންގާތީ އެ ހުއްޓުވަން އޮތް ގަވައިދު އުވާލިއެކޭ ކިޔާފައި އެއީ ކޮރަޕްޝަން ނުހިނގަނީ ކަމަކަށް ނުވާނެ--- އީވާ

އެ މައްސަލައިގައި އީވާ ހުށަހެޅުއްވީ ކޮމިޓީ ރިޕޯޓް އަލުން އަނބުރާ ކޮމިޓީ އަށް ފޮނުވުމަށެވެ. ދާއިމީ ހައްލެއް ހޯދުމަށް ރަނގަޅަށް މަޝްވަރާ ކޮށްގެން އަނބުރާ އެ ބިލް ގެންނަން ޖެހޭ ކަމަށް އީވާ ވިދާޅުވި އެވެ.

އެ މައްސަލާގައި ދެކޮޅަށް ދެކޮޅަށް ވާހަކަ ދެއްކެވީ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕް ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ. އޭނާ އެ ބިލު ސިފަ ކުރެއްވީ ފިހާރައަކުން ބަޔަކު ކޮންމެ ދުވަހަކު ވައްކަން ކުރާތީ އެކަން ހައްލު ކުރުމަށް ފިހާރަ ތަޅައިލުން ފަދަ ކަމެއް ގޮތުގަ އެވެ.

އެ މައްސަލައިގެ ހައްލެއް ކަމަށް އާޒިމް ވިދާޅުވީ އެކަން ކުރާ ފަރާތްތަކަށް އަދަބު ދިނުމާއި ޓްރާންސްޕޯޓް އޮތޯރިޓީ އާއި ގަރާޖު ސިޓީ ދޭ ފަރާތްތަކަށް ވެސް އަދަބު ދިނުމެވެ،

އެ މައްސަލައާ ގުޅިގެން އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވާހަކަފުޅު ދެއްކެވި އެވެ. އެ މަނިކުފާނު އެ ބިލާ ދެކޮޅު ކަމަށް ސީދާ ވިދާޅެއް ނުވެ އެވެ. ނަމަވެސް ވިދާޅުވީ ގައުމުތަކުގައި އެއްގަމު އުޅަނދު ފަހަރުގެ އަދަދު ކޮންޓްރޯލް ކުރަނީ ގަރާޖު ސިޓީއަކުން ނޫން ކަމަށެވެ. އެކަން ކޮންޓްރޯލް ކުރުމަށް ވަކި އިޖުރާތްތަކެއް ހުރި ކަމަށާއި އެފަދަ އިޖުރާތްތަކަށް ލެނބުން މުހިންމު ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މި މަޖިލީހުން ކުރަން ހުރި އިތުރު ކަންކަން މި މަޖިލީހުން ކުރަން ޖެހޭނެ ކަމަކީ އަޅުގަނޑު ހިތުގައި ޝައްކު ހިނގާ ކެމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

މާލެ ދާއިރާގެ އެމްޑީޕީގެ އިސް މެންބަރުން އެ ބިލު ފާސް ކުރަން ދެކޮޅު ހެއްދެވި ނަމަވެސް މަޖިލީހުގައި އިއްޔެ ވާހަކަ ދެއްކެވި ބައެއް އެހެން މެންބަރުން ވަނީ ގަރާޖު ސިޓީ ލާޒިމު ނުވާ ގޮތް ހެދުމަށް ތާއީދު ކުރައްވައިފަ އެވެ.

މި މައްސަލައާ ގުޅޭ ގޮތުން ގޮތެއް ނިންމަން މިއަދު 1:30 ގައި ވޯޓެއް ނަގާނެ އެވެ.