Roadha Mihaaru
ސުޕްރީމް ކޯޓު ހުކުމާއެކު އަދުނާން ފުލުހުންގެ ވަޒީފާއަށް

ސުޕްރީމް ކޯޓުގެ ހުކުމާ އެކު އަދުނާން ފުލުހުންގެ ވަޒީފާއަށް

27 އެޕްރީލް 2021

މެރިން ޕޮލިސްގެ ކުރީގެ ވެރިޔާ އިބްރާހިމް އަދުނާން އަނީސް ފުލުހުންގެ ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން ވަޒީފާ އަލުން ހޯދަން ސިވިލް ކޯޓުގައި ކުރި ދައުވާގައި ދައުލަތުން އެއްބަސްވެ ވަޒީފާ ހަމަޖައްސައިދީފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މެރިން ޕޮލިސްގެ ކުރީގެ ވެރިޔާ އިބްރާހިމް އަދުނާން އަނީސް ފުލުހުންގެ ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން ވަޒީފާ އަލުން ހޯދަން ސިވިލް ކޯޓުގައި ކުރި ދައުވާގައި ދައުލަތުން އެއްބަސްވެ ވަޒީފާ ހަމަޖައްސައިދީފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ސުޕްރިޓެންޑެންޓުގެ ރޭންކާ އެކު، އަދުނާން މިދިޔަ ހަފުތާގައި މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ.

އަދުނާން ކުރި ހުރި ވަޒީފާ އަލުން ދޭން ފުލުހުންގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ސިވިލް ކޯޓުގައި ދައުވާކުރުމުން އެ ކޯޓުގެ ޑިސްޕިއުޓް ރިޒޮލޫޝަން ޑިވިޝަންގައި އަދުނާނާއި ދައުލަތުން ވަނީ ވަޒީފާ އިޔާދަކޮށްދިނުމާ ގުޅޭ ގޮތުން އެއްބަސްވުމަކަށް އައިސްފަ އެވެ. ދެ ފަރާތުން އެއްބަސްވި ގޮތަށް މި މަހުގެ ފަސް ވަނަ ދުވަހު ސިވިލް ކޯޓުގެ ގާޒީ އާއިޝަތު އަޒްފާ އަބްދުލްޣަފޫރު ހުކުމްކުރެއްވީ ތިން މަސް ދުވަހުގެ ތެރޭގައި ވަޒީފާ އިޔާދަކޮށްދިނުމަށާއި އެއް އަހަރުގެ މުސާރަ ކަމަށްވާ 354،708ރ. ވެސް އެ މުއްދަތުގެ ތެރޭގައި ކޮންމެ މަހަކަށް ޖެހޭ މިންވަރުން އަދާކުރަމުން ގޮސް ހަލާސްކުރުމަށެވެ.

ސުޕްރިޓެންޑެންޓެއްގެ މަގާމުގައި ހުންނަވަނިކޮށް އޮގަސްޓް، 2012 ގައި އަދުނާން ވަޒީފާއިން ވަކިކުރީ ފުލުހުންނާއި ސިފައިން ހިންގި ބަޣާވާތުގެ ނަމުގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ނެރުނު ރިޕޯޓެއްގައި އޭނާ ބައިވެރިވި ކަމަށް ތުހުމަތުކޮށެވެ. އޭނާ ވަކިކުރީ ގޯސްކޮށް ކަމަށް ސިވިލް ކޯޓުން 2014 ގައި ހުކުމް ކުރިޔަސް، ހައި ކޯޓުން 2018 ވަނަ އަހަރު ވަނީ އެ ހުކުމް ބާތިލްކޮށް، އަދުނާން ވަކިކުރީ ރަނގަޅަށް ކަމަށް ހުކުމްކޮށްފަ އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން މިދިޔަ ޖެނުއަރީ މަހު 13 ގައި ވަނީ ހައި ކޯޓުގެ ހުކުމް ބާތިލްކޮށްފަ އެވެ. ނަމަވެސް އޭނާއަށް އަލުން ވަޒީފާ ދިނުމަށް ނުވަތަ ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ދޭން ސުޕްރީމް ކޯޓުން އަންގާފައެއް ނުވެ އެވެ. ސަބަބެއްގެ ގޮތުގައި ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ އަލުން ވަޒީފާ ދިނުމަށް ނުވަތަ ލިބުނު ގެއްލުމުގެ ބަދަލު ނަގައިދޭން ދަށު ކޯޓުގައި އަދުނާން އެދިފައި ނެތުމުން، ދަށު ކޯޓުގައިި އެދިފައި ނެތް ކަމަކަށް އިސްތިއުނާފް މަރުހަލާއިން ފަރުވާ ދެވެން ނެތުމެވެ.

މަތީ ކޯޓުގެ ހުކުމުގައި ވަނީ ފުލުހަކު ވަޒީފާއިން ވަކިކުރެވޭނީ ގާނޫނާއި ގަވައިދާ ހިލާފު ކަމެއް ކުރިކަން ފުލުހުންގެ ތަހުގީގަކަށް ސާބިތުވުމާ އެކު އެއީ އެ މީހަކު ވަކިކުރަން އެކަށީގެންވާ ސަބަބަކަށް ވެގެން ކަމަށެވެ. އެކަމަކު އަދުނާން ވަކިކުރަން ނިންމީ ފުލުހުންގެ ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުނު ކޮން ހެކިތަކަކަށް ބިނާކޮށް ކަމެއް އަދި އެގޮތަށް ބޯޑަށް ބުރަވެވުނު ގޮތެއް ދައުލަތަށް ސާބިތުކޮށް ދެވިފައިނުވާ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.

އަދުނާންގެ އިތުރުން ފުލުހުންގެ ވަޒީފާއިން ވަކިކުރި ގިނަ އޮފިސަރުންތަކަކަށް އަލުން ވަޒީފާ ދިނުމަށް މި ސަރުކާރު އައި ފަހުން ކޯޓުތަކުން ހުކުމްކޮށްފައި ވެ އެވެ. އޭގެ ތެރެއިން، މިހާރުގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް އޮގަސްޓް، 2012 ގައި ވަކިކޮށްފައި ވަނިކޮށް އޭނާއަށް އަލުން ވަޒީފާދޭން ސުޕްރީމް ކޯޓުން ހުކުމްކުރި އެވެ.