Roadha Mihaaru
2020: އެމްޓީސީސީގެ އެންމެ ކާމިޔާބު އަހަރު

40 އަހަރުގެ ތެރޭގައި މާލީ ގޮތުން އެމްޓީސީސީ އަށް އެންމެ ބޮޑު ފައިދާއެއް ވީ މިދިޔަ އަހަރު

30 އެޕްރީލް 2021

މިދިޔަ އަހަރު އެމްޓީސީސީ އަށް މާލީ ގޮތުން ރެކޯޑު އަދަދަކަށް ފައިދާ ވެފައިވާކަން އެ ކުންފުނީގެ އަހަރީ ރިޕޯޓުން ދައްކައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މިދިޔަ އަހަރު އެމްޓީސީސީ އަށް މާލީ ގޮތުން ރެކޯޑު އަދަދަކަށް ފައިދާ ވެފައިވާކަން އެ ކުންފުނީގެ އަހަރީ ރިޕޯޓުން ދައްކައިފި އެވެ.

އެ ރިޕޯޓު ދައްކާގޮތުް މިދިޔަ އަހަރު ނިމުނުއިރު، ސާފު ފައިދާގެ ގޮތުގައި 190.7 މިލިއަން ރުފިޔާ ލިބިފައި ވެ އެވެ. މިއީ އެމްޓީސީސީގެ 40 އަހަރުގެ ތާރީހުގައި ނުލިބޭ ވަރުގެ ކުރިއެރުމެކެވެ. އަދި މިއީ 2019 ވަނަ އަހަރާ އަޅާ ބަލާއިރު ދެގުނަ އިތުރު އަދަދެކެވެ.

ޓެކްސް އަށް ކެނޑުމުގެ ކުރިން އެ ކުންފުންޏަށް ލިބިފައިވަނީ 224.72 މިލިއަން ރުފިޔާގެ ފައިދާއެކެވެ. މިއީ 2019 ވަނަ އަހަރާ އަޅާ ބަލާއިރު ވެސް 253 ޕަސެންޓުގެ ކުރިއެރުމެކެވެ. އެ އަހަރު ފައިދާގެ ގޮތުގައި ލިބުނީ 63.6 މިލިއަން ރުފިޔާ އެވެ.

އެހެން އަހަރުތަކާ އަޅާ ބަލާއިރު ހުރިހާ ގޮތަކުން ވެސް އެމްޓީސީސީ ވަނީ ކުރިއަރައިފަ އެވެ. އެގޮތުން، މިދިޔަ އަހަރު އެ ކުންފުނިން ވަނީ 1.34 ބިލިއަން ރުފިޔާގެ ވިޔަފާރި ކޮށްފަ އެވެ. މިއީ އެ ކުންފުނިން ހިންގާ ޕްރޮޖެކްޓުތަކާއި ކުރާ އެހެނިހެން ވިޔަފާރިތަކުން ލިިބުނު އާމްދަނީ އެވެ.

ޖެނުއަރީ 21، 2020 ގައި އެމްޓީސީސީގެ ސީއީއޯ ކަމަށް އައްޔަން ކޮށްފައިވާ އާދަމް އާޒިމް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި މިދިޔަ އަހަރު އެ ކުންފުނިން ވަނީ ގިނަ އަދަދެއްގެ މަޝްރޫއުތަކެއްގެ މަސައްކަތް ފަށައިފަ އެވެ. އާމްދަނީ އާއި ފައިދާ އިތުރުވުމުގެ އެންމެ ބޮޑު ސަބަބަކީ އެއީ ކަމަށް އޭނާ ވިދާޅުވި އެވެ.

ރެކޯޑު އަދަދެއްގެ ފައިދާއަކާއެކު އަހަރު ނިންމައިލެވުމާއެކު، އެމްޓީސީސީން ވަނީ އެ ކުންފުނީގެ ހިއްސާގެ ފައިދާގެ ގޮތުގައި ވެސް ބޮޑު އަދަދެއް ބަހަން ނިންމައިފަ އެވެ. އެ ކުންފުނީގެ ބޯޑުން ނިންމާފައި ވަނީ މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް ތިން ރުފިޔާ ބެހުމަށެވެ. މިއީ އެ ކުންފުނީގެ ތާރީހުގައި ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ނިންމި އެންމެ ބޮޑު އަދަދެވެ.

އެމްޓީސީސީން ބުނިގޮތުގައި، އެ ކުންފުނިން އަންނަނީ ވިޔަފާރި ފުޅާކޮށް، ހިންގުން ހަރުދަނާކުރުމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކާއި އިސްތިރާޖީ ޕްލޭންތަށް އެކުލަވައިލަމުންނެވެ. މާކެޓުގެ ހާލަތަށް ބަލައި އެ ކަންކަން މުރާޖައާ ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ކޮވިޑް-19ގެ ހާލަތުގައި ވެސް އެކަށީގެންވާ ފިޔަވަޅުތަށް އަޅައި، މާލީ ނަތީޖާ ނެރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޓީސީސީން ބުންޏެވެ. ހިއްސާދާރުންނަށް ފައިދާވާ ގޮތަށް ހުރިހާ ވިޔަފާރިތައް ކުރިއަރުވަން މަސައްކަތް ކުރާ ކަމަށް ވެސް ބުނެ އެވެ.