Roadha Mihaaru
ބާރުގެ ބޭނުންކުރި ފުލުހުން ފްރަންޓްލައިނުން ސަސްޕެންޑް

އެއްވުން ރޫޅާލަން ބާރުގެ ބޭނުންކުރި ފުލުހުން ފްރަންޓްލައިން މަސްއޫލިއްޔަތުން ދުރުކޮށްފި

02 މެއި 2021

މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރައިގެ މައްސަލަތަކާ ދެކޮޅަށް ރޭ ކުރި ސުލްހަވެރި އިހުތިޖާޖު ރޫޅާލުމުގައި ބާރުގެ ބޭނުންކުރި ފުލުހުން، ޕްރޮންޓްލައިން ޕޮލިސިންގެ މަސްއޫލިއްޔަތުތަކުން މިއަދު ދުރުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރައިގެ މައްސަލަތަކާ ދެކޮޅަށް ރޭ ކުރި ސުލްހަވެރި އިހުތިޖާޖު ރޫޅާލުމުގައި ބާރުގެ ބޭނުންކުރި ފުލުހުން، ޕްރޮންޓްލައިން ޕޮލިސިންގެ މަސްއޫލިއްޔަތުތަކުން މިއަދު ދުރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފްރޮންޓްލައިން މަސްއޫލިއްޔަތުން އެ މީހުން ދުރުކުރީ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑާއި ޔޫސް އޮފް ފޯސް ރިވިއު ކޮމިޓީން މައްސަލަ ބަލައި ވަކި ގޮތެއް ނިމެންދެން ކަމަށެވެ.

"މި މައްސަލައާ ގުޅިގެން މިހާރު ކުރަމުންދާ ތަހުގީގުތަކުން ނުކުންނަ ނަތީޖާއަށް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ވާހަކަ ދަންނަވަމެވެ،" ފުލުހުންގެ މީޑިއާ ގްރޫޕަށް ފޮނުވި މެސެޖުގައި އޮފިޝަލް ވިދާޅުވި އެވެ.

ޒުވާނުންތަކެއް އިސްވެ ފަށާފައިވާ "ރައިޒް އަޕް އެމްވީ" މޫވްމަންޓުން ރަސްފަންނުން ފެށި މުޒާހަރާ ހޫނުވީ މަޖީދީ މަގު ސަންފްރޮންޓް ފިހާރައާ ހިސާބުންނެވެ. އޭގެ ފަހުން ހިނގި ހަމަނުޖެހުމުގައި، މުޒާހަރާގެ ބައިވެރިން ބޭނުންކުރި މެގަފޯން ފުލުހުން އަތުލި އެވެ.

"މެގަފޯން އަތުލަންވެގެން މުޒާހަރާގެ ބައިވެރިން އުޅުމުގެ ތެރެއިން އެ މީހުން ޓާގެޓް ކުރީ އޭގެ ތެރެއިން އެއް އަންހެން ކުއްޖަކަށް. ފުލުހުން ބޭނުންވީ އޭނާ ހައްޔަރުކުރަން. އެކަމަކު އެއްވެސް މީހަކު ބޭނުމެއް ނުވި އޭނާ ފުލުހުން ހައްޔަރުކޮށްގެން ގެންދާކަށް. އެހިސާބުން ހަމަނުޖެހުން އުފެދި ޕެޕާ ސްޕޭރޭ ޖަހައި ހެދީ،" މުޒާހަރާގެ ބައިވެރިޔަކު ބުންޏެވެ.

މުޒާހަރާކުރި މީހުންގެ ގަޔަށް ޕެޕަސްޕްރޭ ޖަހާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ރޭ އާއްމުވެ އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވެ އެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ފުލުހުން ވަނީ ވަރަށް ގަދައަށް ޕެޕާ ސްޕްރޭ ޖަހައިފަ އެވެ. އަނިޔާވެރިކަމާއެކު މީހުން ދުރުކުރަމުންދާތަން ވެސް ވީޑީއޯގައި ފެނެ އެވެ.

އެ ފާޑުކިޔުންތަކަށްފަހު ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ މުޒާހަރާ ރޫޅާލި ގޮތް ތަހުގީގުކުރަން އަމުރުކުރައްވައިފަ އެވެ. ކަންބޮޑުވުން ފާޅުކުރައްވައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ފުލުހުން ބާރުގެ ބޭނުން ކުރަން ގަނޫނު ހުއްދަކުރާ ހާލަތްތަކުގައި ވެސް ބާރުގެ ބޭނުން ކުރަން ވާނީ އެކަމަށް ކަނޑައެޅިފައިވާ މިންގަނޑުގެ ތެރެއިން ކަމަށެވެ.