Roadha Mihaaru
އަމިއްލަ އޮފީސްތައް ވެސް ބަންދުކުރަން އަންގައިފި

އަމިއްލަ އޮފީސްތަކަށް ވެސް މުވައްޒަފުން ނުނެރެން އަންގައިފި

07 މެއި 2021

ކޮވިޑް ޖެހޭ މީހުންގެ އަދަދު ރެކޯޑް އަދަދަކަށް އިތުރުވެފައި ވާތީ އެ ބަލި ކޮންޓްރޯލްކުރަން، މާލެ ސަރަހައްދުގައި ހިންގާ އަމިއްލަ އޮފީސްތައް ވެސް ބަންދުކުރުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކޮވިޑް ޖެހޭ މީހުންގެ އަދަދު ރެކޯޑް އަދަދަކަށް އިތުރުވެފައި ވާތީ އެ ބަލި ކޮންޓްރޯލްކުރަން، މާލެ ސަރަހައްދުގައި ހިންގާ އަމިއްލަ އޮފީސްތައް ވެސް ބަންދުކުރުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ފަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރުނު އިއުލާނެއްގައި ބުނީ މިއަދުން ފެށިގެން ވަކި ގޮތެއް އަންގަންދެން މާލެ ސަރަހައްދުގައި ހުންނަ ދައުލަތުގެ އޮފީސްތަކުގެ އިތުރުން، އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކާއި އޮފީސްތަކަށް މުވައްޒަފުން ހާޒިރުކޮށްގެން މަސައްކަތް ނުކުރުމަށް އަންގާ ކަމަށެވެ.

މި އިއުލާނުގައި ބުނެފައި ވަނީ ކޮންމެހެން ނުކުމެގެން ކުރަންޖެހޭ ޒަރޫރީ ބޭނުންތަކަށް ފިޔަވައި، މުވައްޒަފުން މަސައްކަތައް ނުނެރުމަށް އަންގާ ކަމަށެވެ. ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ވެސް އަންގާފައިވެ އެވެ. އަދި އޮންލައިންކޮށް ހިދުމަތްތައް ދިނުމަށް ވެސް އެދިފައިވެ އެވެ.

ކޮވިޑް ޖެހޭ މީހުންގެ ރިކޯޑް އަދަދަކަށް އިތުރުވެ، ސަރުކާރު އޮފީސްތައް ބަންދުކޮށް ގޭގައި މަސައްކަތް ކުރާ ގޮތަށް ރައީސް އޮފީހުން ނިންމީ މިދިޔަ ބުދަ ދުވަހު އެވެ. ރައީސް އޮފީހުގެ އެންގުމުގައިވާ ގޮތުން، ރައީސް އެންގެވީ ސަރުކާރުގެ މުވައްޒަފުން ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތް ކުރުމަށާއި ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެވެން އޮތް ހުރިހާ ހިދުމަތެއް އެ ގޮތަށް ދިނުމަށެވެ.

ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި އަނެއްކާވެސް ޚާއްސަ ފިޔަވަޅުތަކެއް އެޅީ އެ ބަލި ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވުމުންނެވެ. އެޗްޕީއޭ އިން ރޭ އާއްމު ކުރި މައުލޫމާތަށް ބަލާއިރު، މިއަދު ވެސް 703 މީހަކު މި ބައްޔަށް ޕޮޒިޓީވްފެއިވެ އެވެ. އެންމެ ގިނަ ބަޔަކަށް ބަލި ޖެހުނީ މާލޭންނެވެ. އެގޮތުން މާލޭން 526 މީހުންނަށް ބަލި ޖެހުނު ރަށްރަށުން ޕޮޒިޓިވްވީ 167 މީހެކެވެ.

އެކްޓިވް ކޭސްތަކުގެ އަދަދު ވެސް މިހާރު ވަނީ މިއިން ދުވަހަކު މައްޗަށް ނުދާ ވަރަށް މަތިވެފަ އެވެ. އެގޮތުން ބަލި ޖެހިފައި ތިބި މީހުންގެ އަދަދު މިހާރު ވަނީ 7،607 އަށް އަރައިފަ އެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 203 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އެއީ އިއްޔެއަށް ވުރެ ފަސް މީހުންގެ އިތުރު އަދަދެކެވެ.