Roadha Mihaaru
ކޮލެޖް/ޔުނިވާސިޓީތަކުގެ ކިޔެވުން އޮންލައިންކޮށް

ކޮލެޖް/ޔުނިވާސިޓީތަކުގައި އޮންލައިންކޮށް ކިޔަވައިދޭން އަންގައިފި

07 މެއި 2021

ކޮވިޑް ޖެހޭ މީހުންގެ އަދަދު ރެކޯޑް އަދަދަކަށް އިތުރުވެފައި ވާތީ އެ ބަލި ކޮންޓްރޯލްކުރަން، މާލެ ސަރަހައްދުގެ ޔުނިވާސިޓިތަކާއި ކޮލެޖުތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކޮވިޑް ޖެހޭ މީހުންގެ އަދަދު ރެކޯޑް އަދަދަކަށް އިތުރުވެފައި ވާތީ އެ ބަލި ކޮންޓްރޯލްކުރަން، މާލެ ސަރަހައްދުގެ ޔުނިވާސިޓިތަކާއި ކޮލެޖުތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ފަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރުނު އިއުލާނެއްގައި ބުނީ މިއަދުން ފެށިގެން ވަކި ގޮތެއް އަންގަންދެން މާލެ ސަރަހައްދުގައި ހުންނަ ޔުނިވާސިޓީތަކާއި ކޮލެޖުތަކަށް ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދިނުމުގެ ބަދަލުގައި އޮންލައިންކޮށް ކިޔަވައިދޭން އަންގާ ކަމަށެވެ.

ކޮވިޑް ޖެހޭ މީހުން ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނާތީ، އެޗްޕީއޭ އިން އިއްޔެ އާއި މިއަދު ވެސް އަންނަނީ ފިޔަވަޅުތައް ވަރުގަދަކުރަމުންނެވެ.

މި ބަލީގައި މިއަދު އެކަނި ވެސް ތިން މީހުން މަރުވެފައިވެ އެވެ. ކޮވިޑްގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 80 އިން މައްޗަށް ގޮސްފަ އެވެ.

ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި އަނެއްކާވެސް ޚާއްސަ ފިޔަވަޅުތަކެއް އެޅީ އެ ބަލި ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވުމުންނެވެ. އެޗްޕީއޭ އިން އިއްޔެ އާއްމު ކުރި މައުލޫމާތަށް ބަލާއިރު، 703 މީހަކު މި ބައްޔަށް ޕޮޒިޓީވްފެއިވެ އެވެ. އެންމެ ގިނަ ބަޔަކަށް ބަލި ޖެހުނީ މާލޭންނެވެ. އެގޮތުން މާލޭން 526 މީހުންނަށް ބަލި ޖެހުނު އިރު ރަށްރަށުން ޕޮޒިޓިވްވީ 167 މީހެކެވެ.

އެކްޓިވް ކޭސްތަކުގެ އަދަދު ވެސް މިހާރު ވަނީ މިއިން ދުވަހަކު މައްޗަށް ނުދާ ވަރަށް މަތިވެފަ އެވެ. އެގޮތުން ބަލި ޖެހިފައި ތިބި މީހުންގެ އަދަދު މިހާރު ވަނީ 7،607 އަށް އަރައިފަ އެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 203 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.