07 މެއި 2021
އައްޑޫގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުންދާތީ މި ރެއިން ފެށިގެން އަލުން ކާފިއު ހިންގައި ނިންމައިފި އެވެ.
އައްޑޫގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުންދާތީ މި ރެއިން ފެށިގެން އަލުން ކާފިއު ހިންގައި ނިންމައިފި އެވެ.
އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އީއީއޯސީ) އިން ރޭ ބޭއްވި ނޫން ކޮންފަރެންސްގައި މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމާފައި ވަނީ މިރެއިން ފެށިގެން ހަތް ދުވަހުގެ މުއްދަތަށް ކާފިއު ހިންގަން ކަމަށެވެ.
އެގޮތުން ކާފިއު ހިންގާ ގަޑިއަކަށް ހަމަޖައްސާފައި ވަނީ ރޭގަނޑު 9:00 އިން ފަތިހު 4:00 އާ ހަމައަަށެވެ. އައްޑޫގައި އެންމެ ފަހުން ކޮވިޑާ ހެދި ކާފިއު ހިންގީ މިދިޔަ ފެބްރުރީ މަހުގެ ތެރޭގަ އެވެ.
އައްޑޫގައި ބަލި ފެތުރުން ކޮންޓްރޯލްކުރަން އެޅި ފިޔަވަޅުތަކުގެ ތެރޭގައި ކާފިއު ވަގުތުތަކުގެ ތެރޭގައި ފިހާރަތަކާއި ކެފޭ/ރެސްޓޯރަންޓް ފަދަ ތަންތަން އާންމުކޮށް ހުޅުވައިގެން ހިދުމަތް ދިނުން ވެސް މަނާވާނެ އެވެ. އެކަމަކު އެ ނޫން ވަގުތުތަކުގައި ހާއްސަ ފިޔަވަޅުތަކާ އެކު ޑެލިވަރީ އާއި ޓޭކްއަވޭގެ ހިދުމަތްދެވޭނެ އެވެ.
މި މަހުގެ 1 އިން ފެށިގެން އައްޑޫ މޮނިޓަރިންގެ ހާލަތުގައި އޮތް އިރު، މިއަދުން ފެށިގެން އަޅާފައިވާ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި އެއް އަވަށުން އަނެއް އަވަށަށް ޒަރޫރީ ބޭނުމެއްގައި ހުއްދަ ހޯދައިގެން ނޫނީ ނުދިއުމާއި ހުރިހާ ކުޅިވަރު ހަރަކާތްތައް ހުއްޓައިލުމާއި ޖިމްތަކާއި ސެލޫން ފަދަ ތަންތަން ވެސް ބަންދުކުރުން ހިމެނެ އެވެ.
އައްޑޫން މިދިޔަ މަހުގެ ފަހުކޮޅު ކޮވިޑްގެ ކޭސްތަކެއް ފެނި، ބައްޔަށް ޕޮޒިޓިވްވާ މީހުން އިތުރުވަމުންދާތީ މޭޔަރު ވިދާޅުވީ މިހާރު ކޮމިއުނިޓީ ސްޕްރެޑެއް ވެސް އޮތުމާ އެކު ކުރަން ޖެހޭ އެންމެ މުހިއްމު ކަމަކީ ގިނަ ބަޔަކު އެއްވެ ނޫޅުން ކަމަށެވެ. އެގޮތުން ގްރޫޕް ހަދައިގެން ރޯދަ ވީއްލުން ފަދަ ކަންކަން މި ދަނޑިވަޅުގައި އިންތިޒާމުނުކުރަން އިލްތިމާސްކޮށްފައިވެ އެވެ. ހަމަމިއާ އެކު ބަލިން ރައްކާތެރިކަން ހޯދުމަށް އެޗްޕީއޭ އިން ދީފައިވާ އިރުޝާދުތަކަށް ވީހާ ވެސް ބޮޑަށް އަމަލުކުރުން ވަރަށް މުހިއްމު ކަމަށް މޭޔަރު ވިދާޅުވި އެވެ.
އައްޑޫގައި ކޮވިޑްގެ ބަލި މީހުން ތިބި އަވަށްތަކުގެ ތެރޭގައި ހިމެނެނީ ހިތަދު އާއި ފޭދު އާއި މީދޫގެ އިތުރުން ހުޅުދޫގަ އެވެ. އެ މީހުންނާ ގުޅިފައިވާ ޑައިރެކްޓް ކޮންޓެކްޓުންގެ އަދަދު 200 އާ ގާތްކުރެ އެވެ. ބަލި ޖެހިފައިވާ މީހުންގެ އަދަދު މިހާރު 40 އާ ގާތްކުރެ އެވެ. އޭގެ ތެރޭގައި ހައި ރިސްކް ކެޓަގަރީގައި ހިމެނޭ އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ވެސް ހިމެނޭ ކަމަށް އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ރޭ ބުންޏެވެ.
އައްޑޫގެ މޮނިޓަރިންގެ ހާލަތު ކޮންޓެކްޓް ޓްރޭސިން ނިމެންދެން ދަމަހައްޓާނެ އެވެ. އެ މަސައްކަތް އަންނަނީ ވަރަށް ބާރަށް ކުރަމުންނެވެ.
އައްޑޫގެ ކޮވިޑް ކޭސްތައް 100 އިން ދަށަށް
އައްޑޫގައި ކޮވިޑްގެ ކޭސްތަކަށް ދަށްވުމެއް
އިތުރު 26؛ އައްޑޫގައި މިހާރު ކޮވިޑްގެ 118 ކޭސް
މި ރެއިން ފެށިން އައްޑޫގައި ކާފިއު ހިންގަނީ
އައްޑޫ ކޮވިޑް: މަރަދޫގެ ކޭސްތައް އިތުރުވަނީ
އައްޑޫގައި އަދިވެސް ކޮވިޑްގެ 92 ކޭސް
އަމާޒަކީ އައްޑޫގެ ކޮންޓެކްޓް ޓްރޭސިން އަވަސްކުރުން
އަނެއްކާ ވެސް ކޮވިޑް ފެނި މުޅި އައްޑޫ ބަންދުކޮށްފި
އައްޑޫގެ ކޮވިޑް ކޭސްތައް 100 އިން ދަށަށް
އައްޑޫ ކޮވިޑް-19: އެޑްމިޓްކޮށްފައި އޮތް މީހަކު ނެތް