Roadha Mihaaru
ޝްވޭތާ "ހަތުރޯން ކޭ ކިލާޅީ" އަށް ދިއުމުން ހައިޖާނެއް

ޝްވޭތާ ތިވާރީ "ހަތުރޯން ކޭ ކިލާޅީ 11" އަށް ދިއުމުން މައްސަލަގަނޑެއް

10 މެއި 2021

ކުރީގެ ސިލްސިލާ "ކަސޯޓީ" ގެ ޕްރޭނާގެ ރޯލު ކުޅެގެން މަޝްހޫރުވި ބަތަލާ ޝްވޭތާ ތިވާރީ ކަލާޒް ޗެނެލްގެ ސްޓަންޓް ރިއަލިޓީ ޝޯ "ހަތުރޯން ކޭ ކިލާޅީ 11" ގައި ވާދަކުރަން ނިންމައި، ޝޯގެ ޝޫޓިން އަށް ހޮނިހިރު ދުވަހު ދެކުނު އެފްރިކާ އަށް ފުރުމާ ގުޅިގެން އޭނާ އާއި މައްސަލަ ޖެހިފައިވާ ފިރިމީހާއާ ދެމެދު އަނެއްކާ ވެސް މައްސަލަ އިތުރަށް ހޫނުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުރީގެ ސިލްސިލާ "ކަސޯޓީ" ގެ ޕްރޭނާގެ ރޯލު ކުޅެގެން މަޝްހޫރުވި ބަތަލާ ޝްވޭތާ ތިވާރީ ކަލާޒް ޗެނެލްގެ ސްޓަންޓް ރިއަލިޓީ ޝޯ "ހަތުރޯން ކޭ ކިލާޅީ 11" ގައި ވާދަކުރަން ނިންމައި، ޝޯގެ ޝޫޓިން އަށް ހޮނިހިރު ދުވަހު ދެކުނު އެފްރިކާ އަށް ފުރުމާ ގުޅިގެން އޭނާ އާއި މައްސަލަ ޖެހިފައިވާ ފިރިމީހާއާ ދެމެދު އަނެއްކާ ވެސް މައްސަލަ އިތުރަށް ހޫނުވެއްޖެ އެވެ.

ފިރިމީހާ އަބިނާވް ކޯލީ އަށް ގެވެށި އަނިޔާގެ ތުހުމަތު މީގެ ދެ އަހަރު އަހަރު ކުރިން ކޮށްފައިވާ ޝްވޭތާ ކޭޕް ޓައުނަށް ފުރައިގެން ދިޔައީ މުމްބާއީގެ ހޮޓަލަކަށް އެ މީހުންގެ 4 އަހަރުގެ ފިރިހެން ދަރިފުޅު ރިޔަންޝް ކޯލީ "އެއްލާފައި" ކަމަށް ބުނެ އަބިނާވް ވަނީ ޓްވިޓާއި ފޭސްބުކްގައި ވެސް ވީޑިއޯތަކެއް އާންމުކޮށްފަ އެވެ.

އޭނާ ބުނީ ޝްވޭތާ ފުރައިގެން ދިޔައީ ޝޯގައި ވައިވެރިވާން އުޅޭ ވާހަކަ ބުނުމުން އެކަމާ އިންކާރުކޮށްފައި ވަނިކޮށް ކަމަށެވެ. އަދި އެންމެ ބޮޑަށް ހިތްހަމަނުޖެހުނީ ދަރިފުޅު "އެއްލާލާފައި" ދިއުމުން ކަމަށް ބުންޏެވެ.

"އަހަރެން އޭނާ ގާތު ބުނިން ކޮވިޑްގެ މި ހާލަތުގައި ދަތުރުކުރުން ރައްކާތެރިއެއް ނޫނޭ. ޝޯގައި ބައިވެރިވާނެ ކަމެއް ނެތޭ. އެކަމަކު އަހަރެން އެކަމާ ނުގަބޫލުކަން ވެސް އެނގި ހުރެ ޝްވޭތާ ވަނީ ދަރިފުޅު އެއްލާލާފައި ފުރައިގެން ގޮސްފައި،"' އަބިނާވް ބުންޏެވެ.

އޭނާ ބުނި ގޮތުގައި މިކަމާ ހެދި ހޮނިހިރު ދުވަހު ޖެހުނީ ދަރިފުޅު ފެނޭތޯ އެެއް ހޮޓަލުން އަނެއް ހޮޓަލަށް ދުވާށެވެ.

"އަހަރެންގެ ފުލުހުންގެ އެހީ އަށް އެދުމުން އެ މީހުންގެ ފަރާތުން ވެސް އެހީއެއް ނުލިބުނު،" އަބިނާވް ބުންޏެވެ. "މި މައްސަލާގައި އަހަރެން ހައި ކޯޓަށް ވެސް ހުށަހަޅާނަން."

ދަރިފުޅު "އެއްލާލާފައި" ދިޔަ ކަމަށް ބުނެ ތުހުމަތުތަކެއް އެޅުވުމުން ޝްވޭތާ ވަނީ އެކަމަށް މިހާރު ރައްދު ދީފަ އެވެ. ބޮލީވުޑް ބަބްލް އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ދަރިފުޅު ހުރީ ދޮށީ އަންހެން ދަރިފުޅު ޕަލަކް ޗައުދަރީ އާއި އާއިލާގެ މީހުންގެ ގާތުގައި ކަމަށެވެ.

"އަހަރެން ކުރިން ވެސް ބުނެފައި އޮންނާނެ އަބިނާވް ގާތުގައި ދަރިފުޅުގެ ކަންކަމާ އޭނަ ކަންބޮޑުވާނެ ކަމެއް ނެތޭ. އަހަރެންގެ އާއިލާ އިން ދަރިފުޅު ބަލާނޭ،" ޝްވޭތާ ބުންޏެވެ. "އެކަމަކު އަހަރެން ދަރިފުޅު އެއްލާފައި ދިޔައީ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަ ދައްކާފައި ވަނީ މުޅިން އެހެން އެޖެންޑާއެއްގެ ބޭނުމުގައި. އަހަރެން ވަރަށް ހައިރާން ވެސް ވި އެކަމާ."

އޭނާ ބުނި ގޮތުގައި ދަރިފުޅާ ދުރުގައި މި ވަގުތު ހުއްޓަސް ފޯނާއި ވީޑިއޯ ކޯލްކޮށްގެން ދަރިފުޅަށް ވާނުވާ ބަލާނެ އެވެ. އެހެންވެ އެއީ އެއްވެސް މައްސަލައެއް ނޫން ކަމަށް ބުންޏެވެ.

"ހަތުރޯން ކޭ 11" ގެ ބައެއް ބައިވެރިންނާ އެކު ޝްވޭތާ (ވާތް ފަރާތުން ދެވަނަ).

ޝްވޭތާ އާއި އަބިނާވް ކައިވެނިކުރީ 2016 ގަ އެވެ. އަދި 2019 ގައި ކައިވެނީގައި ބޮޑެތި މައްސަލަތަލެއް ޖެހި އެ މީހުން ދިރިއުޅެނީ ވަކިންނެވެ. ޝްވޭތާގެ އަންހެން ދަރިފުޅު ޕަލަކް، 20، އަކީ ފުރަތަމަ ކަިއބެންޏަށް ލިބުނު ދަރިއެކެވެ. އޭނާގެ ބައްޕަ އަކީ ކުރީގެ ޓީވީ އެކްޓަރު ރާޖާ ޗައުދަރީ އެވެ.

ޕަލަކް އަކީ ވިވެކް އޮބެރޯއީ ޕްރޮޑިއުސްކުރާ ފިލްމު "ރޯޒީ" ސެފްރޯން ޗެޕްޓާ" އިން ބޮލީވުޑަށް ތައާރަފުވާން ތައްޔާރުވަމުން ބަތަލާއެކެވެ.

ބޮލީވުޑްގެ މަޝްްހޫރު ޑައިރެކްޓަރު ރޯހިތު ޝެޓީ ހޯސްޓްކުރާ "ހަތުރޯން ކޭ ކިލާޅީ" "ސީޒަން 11 ގައި މި ފަހަރު ވާދަކުރާ ބައިވެރިންގެ ތެރޭގައި ދިވްޔަންކާ ތުރިޕަތީ، އަބިނާވް ޝުކްލާ، ނިމީ ތަމްބޯލީ، ރާހުލް ވައިދިއާ، އަރުޖުން ބިޖްލާނީ، އާސްތާ ގިލް، މަހެކް ޗާހަލް، ސާނިއާ މަކްބަލް، ވަރުން ސޫދު، އަނުޝްކާ ސެން، ވިޝާލް އަދިތިޔާ ސިންގް އަދި ސޯރަބް ޖެއިން އެވެ.