Roadha Mihaaru
"ހަތުރޯން ކޭ ކިލާޅީ 11" މާ ވަރުގަދަ ވާނެ: ރޯހިތު

"ހަތުރޯން ކޭ ކިލާޅީ 11" ކުރީގެ ސީޒަންތަކަށް ވުރެ މާ ވަރުގަދަ ވާނެ: ރޯހިތު

22 ޖޫން 2021

ކަލާޒް ޗެނެލްގެ "ހަތުރޯން ކޭ ކިލާޅީ" ގެ 11 ވަނަ ސީޒަން ކުރީގެ ސީޒަންތަކަށް ވުރެ ހުރިހާ ގޮތަކުން ވެސް ވަރުގަދަ ވާނެ ކަމަށާއި އެހެންވެ މި ފަހަރުގެ ސީޒަން ވަރަށް ހާއްސަވާނެ ކަމަށް އޭގެ ހޯސްޓް މަޝްހޫރު ޑައިރެކްޓަރު ރޯހިތު ޝެޓީ ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކަލާޒް ޗެނެލްގެ "ހަތުރޯން ކޭ ކިލާޅީ" ގެ 11 ވަނަ ސީޒަން ކުރީގެ ސީޒަންތަކަށް ވުރެ ހުރިހާ ގޮތަކުން ވެސް ވަރުގަދަ ވާނެ ކަމަށާއި އެހެންވެ މި ފަހަރުގެ ސީޒަން ވަރަށް ހާއްސަވާނެ ކަމަށް އޭގެ ހޯސްޓް މަޝްހޫރު ޑައިރެކްޓަރު ރޯހިތު ޝެޓީ ބުނެފި އެވެ.

މިދިިޔަ މަހުގެ ކުރީކޮޅު ދެކުނު އެފްރިކާގައި ޝޯގެ ޝޫޓިން ފަށައި 42 ދުވަސް ފަހުން ޝޫޓިން ނިންމާލައި ބައިވެރިން މުމްބާއީ އަށް ދަތުރު ފެށި ވާހަކަ ހޯމަ ދުވަހު އިންސްޓަގްރާމްގައި ހިއްސާކޮށް ރޯހިތު ބުނީ އެންމެ އުފާވި ކަމަކީ ކޮވިޑް-19 ގެ މި ބަލިކަމުގެ ތެރޭގައި "ހަތުރޯން ކޭ ކިލާ" ޝޫޓްކުރަން ޖެހުނަސް، އެއްވެސް ދައްޗެއް، ހުރަހެއް ކުރިމަތިނުވެ މަސައްކަތް ކުރިއަށް ނިންމައިލެވުނީތީ ކަމަށެވެ.

"ޝޯގެ ބައިވެރިންނާއި ސްޓަންޓް ޓީމާއި ކަލާޒްގެ މުޅި ޓީމް މިކަހަލަ ހާލަތެއްގައި ދެއްކި ހިތްވަރަކީ ހަމަ ސާބަސް ދޭން ޖެހޭ ވަރުގެ ކަމެއް،" އޭނާ ބުންޏެވެ.

ކާމިޔާބު އެތައް ފިލްމެއް ޑައިރެކްޓްކޮށްފައިވާ ރޯހިތު ބުނި ގޮތުގައި "ހަތުރޯން ކޭ ކިލާޅީ 11" ވާނީ އެހެން ސީޒަންތަކާ "އެކްސްޓްރާ ސްޕެޝަލް" އެއްޗަކަށެވެ.

"އަހަންނަށް ވަރަށް ފަހުރުވެރިކަމާ އެކު ބުނަން ކެރިދާނެ މި ސީޒަން ވާނެ މި ޝޯ މުޅިން ހަރުފަތަކަށް ގެންދާނެ ސީޒަނަކަށް،" އޭނާ ބުންޏެވެ. "މި ގެނެސްދޭން މިހާރު މި ތިބީ ކެތްމަދުވެފައި."

އިންޑިއާގެ މަޝްހޫރު ސެލެބްރިޓީން ބައިވެރިކޮށްގެން ގެނެސްދޭ "ހަތުރޯން ކޭ ކިލާޅީ 11" ދައްކަން ފަށާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު ކަލާޒް އިން މިހާރު އަންނަނީ ޝޯގެ ޕްރޮމޯތައް ދައްކަމުންނެވެ. ބެލެވޭ ގޮތުން ޝޯ ދައްކަން ފަށާނީ މިހާރު ގެނެސްދޭ މަޝްހޫރު ބަތަލާ މަދޫރީ ޑިކްސިޓް ޖަޖެއްގެ ގޮތުގައި ބައިވެރިވާ "ޑާންސް ދީވާނޭ" ގެ ތިން ވަނަ ސީޒަން ނިންމައިލުމަށް އަންނަ މަހުގެ ތެރޭގަ އެވެ.

"ހަތުރޯން ކޭ ކިލާޅީ 11" ގެ ބައިވެރިންގެ ތެރޭގައި މި ފަހަރު ކަލާޒްގެ "ބިގް ބޮސް 14" ގައި ވާދަކޮށް ދެވަނަ އަށް ދިޔަ ލަވަކިޔުންތެރިޔާ ރާހުލް ވައިދިއާ އާއި ތިން ވަނަ އަށް ދިޔަ ބަތަލާ ނިކީ ތަމްބޯލީ އާއި އެ ސީޒަން ބަތަލާ ރުބީނާ ދިލައިކް ކާމިޔާބުކުރި އިރު ޝޯގައި ވާދަކުރި ފިރިމީހާ އެކްޓަރު އަބިނާވް ޝުކްލާ ހިމެނެ އެވެ.

އެ މީހުންގެ އިތުރުން "ބިގް ބޮސް 13" ގައި ވާދަކުރި ވިޝާލް އަދިތިޔާ ސިންގް އާއި މަޝްހޫރު ޓީވީ ތަރިން ކަމަށްވާ އަރުޖުން ބިޖްލާނީ އާއި ދިވްޔަންކާ ތުރިޕަތީ އާއި ޝްވޭތާ ތިވާރީ (ޕްރޭނާ) އާއި ޓީވީ އެކްޓަރު ސޯރަބް ޖެއިން އާއި ޓީވީ ބަތަލާ އަނުޝްކާ ސެން އާއި ލަވަކިޔުންތެރިޔާ އާސްތާ ގިލް އާއި "ބިގް ބޮސް 5" ގެ ދެވަނަ އަށް ދިޔަ ބަތަލާ މަހެކް ޗާހަލް އާއި އެމްޓީވީގެ "ރޯޑީޒް" އިން ވިދައިލި ވަރުން ސޫދާއި ބަތަލާ ސަނާ މަކްބޫލް ހިމެނެ އެވެ.

"ހަތުރޯން ކޭ ކިލާޅީ" އަކީ އެމެރިކާގެ "ފިއާ ފެކްޓާ" ގެ އިންޑިއާގެ ވާޝަނެވެ. މީގައި ފެންނާނީ ސެލެބްރިޓީން، ނުރައްކާތެރި ސްޓަންޓްތައް ހަދާ ތަނެވެ.