Roadha Mihaaru
ނަޝީދުގެ ރިކަވަރީ ވަރަށް ރަނގަޅު: އާއިލާ

ނަޝީދުގެ ރިކަވަރީ ވަރަށް ރަނގަޅު: އާއިލާ

10 މެއި 2021

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަމާޒުވި ޓެރަރިސްޓް ހަމަލާއިން ލިބިވަޑައިގެންނެވި ޒަހަމްތަކުން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ރަނގަޅަށް ރިކަވާ ވަމުން އަންނަ ކަމަށް އެ މަނިކުފާނުގެ އާއިލާއިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަމާޒުވި ޓެރަރިސްޓް ހަމަލާއިން ލިބިވަޑައިގެންނެވި ޒަހަމްތަކުން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ރަނގަޅަށް ރިކަވާ ވަމުން އަންނަ ކަމަށް އެ މަނިކުފާނުގެ އާއިލާއިން މިއަދު ބުނެފި އެވެ.

ކުރުނބާ ރިސޯޓަށް ވަޑައިގަތުމަށްޓަކައި ގެކޮޅު، ގ. ކެނެރީގެ އިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރައިވަޑައިގަންނަވަނިކޮށް، އެ މަނިކުފާނު އަވަހާރަކޮށްލަން ބުރާސްފަތި ދުވަހުގެ ރޭ 8:30 ހާއިރު ދިން ހަމަލާގައި ނަޝީދަށް ބޮޑެތި ޒަހަމްތަކެއް ލިބިވަޑައިގަތެވެ. އެ ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުން މިހާރު ވެސް ގެންދަވަނީ ފަރުވާ ހޯއްދަވަމުންނެވެ.

އެ މަނިކުފާނުގެ އެއްބަނޑުއެއްބަފާ ބޭބޭފުޅު، ޑރ. އިބްރާހިމް ނާޝިދު ހެނދުނު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ނަޝީދާއެކު ވަރަށް ރަނގަޅަށް މިއަދު ވާހަކަ ދެއްކެވުނު ކަމަށެވެ. އަދި ވަރަށް ރަނގަޅަށް ރިކަވާ ވަމުން އަންނަކަން ނާޝިދު ފާހަގަކުރެއްވި އެވެ.

"މިހާރުން ފަށައިގެން މަސައްކަތް ކުރެއްވުމުގެ ޕްލޭން ހެއްދެވުމަށް މަސައްކަތް ކުރައްވަނީ. ވަރަށް ގިނަ ބަޔަކަށް ވަރަށް ގިނަ މަސައްކަތް،" މަޖިލީހުގެ ނައިބު ރައީސް އަދި ދެބެއިންގެ ދެދަރި އީވާ އަބްދުﷲ ޓެގްކުރައްވައި ކުރެއްވި ޓްވީޓުގައި ވިދާޅުވި އެވެ.

ނާޝިދު މީގެ ކުރިން "މިހާރު" އަށް ވިދާޅުވީ، ކޮއްކޯފުޅު ނަޝީދު އަވަހާރަކޮށްލަން އައިއީޑީ ގޮއްވާލައި ދިން ހަމަލާއިން އާއިލާ އަށް ލިބުނީ ވަރަށް ބޮޑު ޝޮކެއް ކަމަށެވެ. ނަމަވެސް ނަޝީދަކީ ހިތްވަރުގަދަ ބޭފުޅަކަށް ވުމުން މި ފަދަ ހަމަލާއަކުން އެ މަނިކުފާނު ދުލެއް ނުދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ޑޮކްޓަރުން އުއްމީދުކުރި ވަރަށް ވުރެ އަވަހަށް ރަނގަޅުވަމުން އަންނަ ކަމަށާއި އެ ރިކަވަރީގެ ބަޔަކީ ފިޓްނަސް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަންނި އަކީ ވަރަށް ފައިޓްކުރާ މީހެއް،" ނާޝިދު ވިދާޅުވި އެވެ.

އެ ހަމަލާއާ ގުޅިގެން މިހާތަނަށް ތިން މީހަކު ހައްޔަރުކޮށް އެ މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައި ވެ އެވެ. މި ހަމަލާގެ ފަހަތުގައި ތިބީ ދީނީ ގޮތުން ހައްދު ފަހަނައަޅައި ތިބި މީހުން ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ. ނަޝީދު އަވަހާރަކޮށްލަން ދީފައި ވަނީ ވަރަށް ވަރުގަަދަ ހަމަލާއެއް ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.