Roadha Mihaaru
ޝްވޭތާގެ ފިރިމީހާ އަނިޔާކުރި މައްސަލަ އަލުން ޕޮލިހަށް

ޝްވޭތާ ތިވާރީގެ ފިރިމީހާ އަނިޔާކުރި މައްސަލަ އަލުން ޕޮލިހަށް

15 މެއި 2021

ފިރިމީހާ އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އިންޑިއާގެ ޓީވީ ބަތަލާ ޝްވޭތާ ތިވާރީ މިދިޔަ ހަފުތާގައި އިންސްޓަގްރާމްގައި އާންމުކުރުމާ ގުޅިގެން އެ މައްސަލަ ބަލައިދޭން އެދި ނެޝަނަލް ކޮމިޝަން ފޯ ވިމެން (އެންސީޑަބްލިއު) އިން މަހާރަޝްތުރާ ސްޓޭޓްގެ ފުލުހުންނަށް ހުށަހަޅައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފިރިމީހާ އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އިންޑިއާގެ ޓީވީ ބަތަލާ ޝްވޭތާ ތިވާރީ މިދިޔަ ހަފުތާގައި އިންސްޓަގްރާމްގައި އާންމުކުރުމާ ގުޅިގެން އެ މައްސަލަ ބަލައިދޭން އެދި ނެޝަނަލް ކޮމިޝަން ފޯ ވިމެން (އެންސީޑަބްލިއު) އިން މަހާރަޝްތުރާ ސްޓޭޓްގެ ފުލުހުންނަށް ހުށަހަޅައިފި އެވެ.

މައްސަަލަ ހުށަޙެޅިކަން އެތަނުގެ ޓްވިޓާގައި ވެސް ބުނެފައިވާ އިރު އޭގައި ވަނީ ޝްވޭތާގެ ފިރިމީހާ އަބިނާވް ކޯލީ އަށް ފިޔަވަޅު އަޅައި އޭނާ އަށް ހައްގު އަދަބުދޭން ގޮވާލައިފަ އެވެ. ވީޑިއޯ ޕޯސްޓްކުރިތާ އެއް ދުވަސް ވެސް ނުވަނީސް ޝްވޭތޯ ޑިލީޓްކޮށްލި ވީޑިއޯގައި ފެންނަނީ އޭނާ ހަތަރު އަހަރުގެ ދަރިފުޅު ރިޔަންޝް ކޯލީގެ އުރައިގެން އިމާރާތެއްގެ ބޭރުގައި ހިނގަމުންދާ އިރު ފަހަތުން އަބިނާވް ގޮސް ދަރިފުޅު ޖަހައިގަންނަން މަސައްކަތްކުރާ ތަނެވެ. އަދި އެކަމުގެ ތެރޭގައި ދަރިފުޅާ އެކު ޝްވޭތާ ބިންމައްޗަށް ވެއްޓުމުން އަނިޔާކުރާ މަންޒަރު ވެސް ފެނެ އެވެ.

ކަލާޒް ޗެނެލްގެ ސްޓަންޓް ރިއަލިޓީ ޝޯ "ހަތުރޯން ކޭ ކިލާޅީ" ގެ 11 ވަނަ ސީޒަނުގައި ވާދަކުރަން ދެކުނު އެފްރިކާ އަށް ކޭޕް ޓައުން އަށް ގޮސް ހުރި ޝްވޭތާ އެ ވީޑިއޯ އާންމުކޮށް ބުނީ އެކަން ކުރީ ފިރިމީހާގެ އަނިޔާވެރިކަން ހާމަކުރުމުގެ ގޮތުން ކަމަށެވެ. އެ ވީޑިއޯ އޭނާ ޕޯސްޓްކުރުމާ އެކު ވަރަށް ގިނަ ބަޔަކު އެއަށް ކޮމެންޓްކޮށް ޝްވޭތާ ހިތްވަރު ދީ، އަބިނާވަށް އެއްޗެހި ކިޔާފައިވެ އެވެ. އޭގެ ތެރޭގައި ޝްވޭތާ، ޕްރޭނާގެ ގޮތުގައި ވިދައިލި ކުރީގެ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ" ގެ ޕްރޮޑިއުސަރު އެކްތާ ކަޕޫރް ވެސް ހިމެނެ އެވެ.

އެކްތާ ވީޑިއޯ އަށް ކުރި ކޮމެންޓްގައި ކަމާބެހޭ ފަރާތްތަކުން އަބިނާވް ހައްޔަރުނުކޮށްގެން އުޅެނީ ކީއްވެތޯ ސުވާލުކޮށްފައިވެ އެވެ.

އަނިޔާކުރާ ވީޑިއޯ އާންމުކުރުމުގެ މާ ކުރިން 2019 ގައި ވެސް ޝްވޭތާ ވަނީ އަބިނާވް ގެވެށި އަނިޔާކުރާ މައްސަލަ ފުލުހުންނަށް ހުށަހަޅައިފަ އެވެ.

މި މައްސަލާގައި އޭނާ އަށް އިންސާފު ހޯދައިދީ ރައްކާތެރިކަމާއި ހިމާޔަތް ކަށަވަރުކޮށްދޭން އެދި އެންސީޑަބްލިއު އިން މައްސަލައިގެ ތެރެއަށް ވަދެ، ފުލުހުންނަށް ހުށަހެޅި އިރު އެތަނުގެ ޗެއާޕާސަން ރޭކާ ޝަރުމާ ވިދާޅުވީ މިހާތަނަށް އެނގިފައިވާ ގޮތުން ޝްވޭތާގެ ފިރިމީހާގެ ފަރާތުން އެތައް ތުރާލަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެހެންވެ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ވީހާ ވެސް އަވަހަކަށް ތަހުގީގުކޮށް ދޭން އެދިފައިވެ އެވެ.

ޝްވޭތާ މީގެ ހަފުތާއެއް ކުރިން ކޭޕް ޓައުނަށް ފުރައިގެން ދިއުމާ އެކު އަބިނާވް ގެންދަނީ އޭނާއާ ބެހޭ ގޮތުން ސާބިތު ނުހިފޭ އެތައް ވާހަކައެއް ސޯޝަލް މީޑިއާގައި އާންމުކުރަމުންނެވެ. އޭނާ ބުނެފައިވާ ގޮތުގައި ޝްވޭތާ ފުރައިގެން ދިޔައީ ދަރިފުޅު "އެއްލާލައިފަ" އެވެ.

ނަމަވެސް ޝްވޭތާ ބުނީ ދަރިފުޅު މިހާތަނަށް ވެސް ބެލީ އޭނާ ކަމަށާއި ކޭޕް ޓައުނަށް ދިޔައީ އަމިއްލަ އާއިލާގެ ގާތުގައި ދަރިފުޅު ބަހައްޓާފައި ކަމަށެވެ. ރިޔަޝަންގެ އިތުރުން ވެސް ޝްވޭތާގެ 20 އަހަރުގެ އަންހެން ކުއްޖަކު ހުރެ އެވެ. އެއީ އޭނާގެ ފުރަތަމަ ކައިވެންޏަށް ލިބުނު ޕަލަކް ޗައުދަރީ އެވެ.