Roadha Mihaaru
އެސްޓީއޯގެ ފައިދާ މައްޗަށް، ގްރޫޕުގެ ފައިދާ ދަށަށް

އެސްޓީއޯގެ ފައިދާ މައްޗަށް، ގްރޫޕުގެ ފައިދާ ދަށަށް

16 މެއި 2021

މިދިޔަ އަހަރު އެސްޓީއޯ އަށް ލިބުނު ސާފު ފައިދާ އިތުރުވިއިރު އެ ކުންފުނި ހިމެނޭ އެސްޓީއޯ ގްރޫޕަށް ލިބުނު ފައިދާ ދަށްވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މިދިޔަ އަހަރު އެސްޓީއޯ އަށް ލިބުނު ސާފު ފައިދާ އިތުރުވިއިރު އެ ކުންފުނި ހިމެނޭ އެސްޓީއޯ ގްރޫޕަށް ލިބުނު ފައިދާ ދަށްވެއްޖެ އެވެ.

އެސްޓީއޯއިން ނެރުނު އެ ކުންފުނީގެ އަހަރީ ރިޕޯޓު ދައްކާގޮތުގައި އެ ކުންފުންޏަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނި 359 މިލިއަން ރުފިޔާ އެވެ. މިއީ 2019 ވަނަ އަހަރާ އަޅާ ބަލާއިރު 56 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. އެ އަހަރު އެސްޓީއޯ އަށް ސާފު ފައިދާގެ ގޮތުގައި ލިބުނީ 303 މިލިއަން ރުފިޔާ އެވެ.

ރިޕޯޓުން ދައްކާގޮތުުގައި މިދިޔަ އަހަރު އެސްޓީއޯ ގްރޫޕަށް ލިބުނު ފައިދާ ވަނީ 2019 ވަނަ އަހަރާ އަޅާ ބަލާއިރު 256 މިލިއަން ރުފިޔާ ދަށްވެފަ އެވެ. އެގޮތުން، 2019 ވަނަ އަހަރު މުޅި ގްރޫޕަށް 383.4 މިލިއަން ރުފިޔާގެ ސާފު ފައިދާ ވެފައިވާއިރު މިދިޔަ އަހަރު ލިބުނީ 127 މިލިއަން ރުފިޔާ އެވެ.

އެސްޓީއޯ ގްރޫޕުގައި އެ ކުންފުނީގެ އިތުރުން އެ ކުންފުނީގެ ދަށުން ހިންގާ އެލައިޑް އިންޝުއަރެންސާއި މިފްކޯ އާއި މޯލްޑިވް ގޭސް އަދި ފިޔުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ހިމެނެ އެވެ.

އެ ކުންފުނީގެ އަހަރީ ރިޕޯޓު ދައްކާގޮތުގައި މިދިޔަ އަހަރު އެ ގްރޫޕަށް ލިބުނު ފައިދާ ދަށްވެފައި ވަނީ އެކި ދާއިރާތަކުން ލިބުނު އާމްދަނީ ދަށްވުމާ ގުޅިގެންނެވެ. އެގޮތުން، ފިޝަރީޒް އާއި އިންޝުއަރެންސާއި ތެލާއި ގޭސް އަދި ކޮންސްޓްރަކްޝަން ދާއިރާއިން އެ ގްރޫޕަށް ލިބުނު އާމްދަނީ ވަނީ 2019 ވަނަ އަހަރާ އަޅާ ބަލާއިރު ދަށްވެފަ އެވެ.

މިދިޔަ އަހަރު އެސްޓީއޯ ގްރޫޕަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ތެލުގެ ވިޔަފާރިންނެވެ. ތެލުގެ ވިޔަފާރިން މިދިޔަ އަހަރު އެ ގްރޫޕަށް ވަނީ 3.9 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މިއީ 2019 ވަނަ އަހަރާ އަޅާ ބަލާއިރު ގާތްގަނޑަކަށް 50 ޕަސެންޓް ދަށް އަދަދެކެވެ.

އެސްޓީއޯއިން ވަނީ އެ ކުންފުންޏަށް ލިބުނު ފައިދާއިން ހިއްސާއަކަށް 60 ރުފިޔާ ބަހަން އަހަރީ އާއްމު ޖަލްސާއަށް ހުށަހަޅަން ނިންމައިފަ އެވެ. މި ޖަލްސާ އޮންނާނީ މި މަހުގެ 31 ވަނަ ދުވަހުގަ އެވެ.