Roadha Mihaaru
ފްލައިން ސްކޫލުގެ ދަރިވަރުންގެ ލޯނު މިނިސްޓްރީގެ ދަށަށް

ފްލައިން ސްކޫލް ދަރިވަރުންގެ ލޯނު މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ބޭނުން ނަމަ އަންގަން އެދިއްޖެ

26 މެއި 2021

އައްޑޫ ފްލައިން ސްކޫލްގެ ދަރިވަރުންގެ ތެރެއިންް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ ލޯނުތައް ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ބޭނުން ނަމަ، މާދަމާގެ ނިޔަލަށް އެކަން އެ މިނިސްޓްރީއަށް އަންގަން އެދެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އައްޑޫ ފްލައިން ސްކޫލްގެ ދަރިވަރުންގެ ތެރެއިންް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ ލޯނުތައް ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ބޭނުން ނަމަ، މާދަމާގެ ނިޔަލަށް އެކަން އެ މިނިސްޓްރީއަށް އަންގަން އެދެފި އެވެ.

ލޯނުތައް މިނިސްޓްރީގެ ދަށަށް މި ބަދަލުކުރަނީ ފްލައިން ސްކޫލާ ބެހޭ ގޮތުން ދަރިވަރުން ކުރަމުން އަންނަ ޝަކުވާތަކާ ގުޅިގެން މިމަަހުގެ 11 ވަނަ ދުވަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމެވި ކަންކަމާ ގުޅިގެންނެވެ. އެ ނިންމެވުންތަކުގެ ތެރޭގައި އެ ސްކޫލުގެ ދަރިވަރުން ބީއެމްއެލް އިން ނަގާފައިވާ ލޯނުތަކަށް އިންޓަރެސްޓް އަރަމުންދާތީ، އެ ލޯނުތައް ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ހިމެނެ އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ ރައީސްގެ އެ ނިންމެވުމާ ގުޅިގެން މިނިސްޓްރީން، ބީއެމްއެލްއާ އެކު މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި ދަރިވަރުންގެ ލޯނުތައް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމުގެ ގޮތުން އެ ދަރިވަރުންގެ ހުއްދައަށް އެދި މެއިލްކޮށްފައި ވާނެ ކަމަށެވެ. އަދި އެކަމަށް މާދަމާގެ ނިޔަލަށް ޖަވާބެއް ދިނުމަށް މިނިސްޓްރީން އެދިފައިވެ އެވެ.

އައްޑޫ ފްލައިން ސްކޫލުގައި ކިޔަވާ ގިނަ ދަރިވަރުންނަކީ ބޮޑެތި ލޯނުތައް ނަގައިގެން ކިޔަވަމުން އަންނަ ދަރިވަރުންނެވެ. އެކަމަކު 12-18 މަސް ދުވަހުން ނިމޭ ކޯހެއް އެ މުއްދަތަށް ނުނިމި، ތިން ހަތަރު އަހަރު ހޭދަވަމުން ދާތީ އެ ދަރިވަރުންގެ ލޯނުގެ ފައިސާ ހުސްވެ، އިތުރަށް ވެސް ލޯނު ނަގަން ޖެހޭ ކަމުގެ ޝަކުވާތައް ދަނީ ކުރަމުންނެވެ.

ފްލައިން ސްކޫލުގެ މައްސަލަ ދިގުލައިގެންދާތީ ރައީސް ވަނީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އޮޑިޓްގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެން، ފްލައިން ސްކޫލް ހިންގާ އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) ގެ ހެޑް އޮފް ޕައިލެޓް ޓްރެއިނިން އާއި އެކައުންޓެބަލް މެނޭޖަރުގެ މައްސަލަ އިތުރަށް ބަލައި ފިޔަވަޅު އަޅަން ނިންމަވައިފަ އެވެ. އޭގެ ފަހުން، މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އެތަނުގެ ހެޑް އޮފް ޓްރެއިނިން ސުރަންޖަން ޑި ސިލްވާގެ ހުއްދަ ޓްރާސްޕޯޓް މިނިސްޓްރީން ވަނީ ބާތިލްކޮށްފަ އެވެ. އަދި ފްލައިން ސްކޫލުގެ މައްސަލަތައް އަވަހަށް ހައްލު ނުކުރެވޭ ނަމަ އެ ތަނުގެ އެކައުންޓެބްލް މެނޭޖަރު އަލީ އަކްބަރު ޖީވަންޖީގެ ހުއްދަ ވެސް ބާތިލްކުރާނެ ކަމުގެ އެންމެ ފަހުގެ އިންޒާރު ވެސް މިނިސްޓްރީން އެ ދުވަހު ދިނެވެ. ފްލައިން ސްކޫލްގެ ދަރިވަރުން އިމްތިހާނުތައް ފުރިހަމަކުރުމަށް ފަހު، އެތައް ދުވަހެއް ވާއިރު ވެސް އުދުހުމުގެ ތަމްރީނުތަކަށް ފުރުސަތު ނުލިބި، ބޮޑު ހަރަދެއް ހިނގާ ކަމުގެ ޝަކުވާތައް ދަރިވަރުންނާއި ބެލެނިވެރިން ކުރާތާ ގިނަ ދުވަސްތަކެެއް ވެއްޖެ އެވެ. އެފަދަ ގިނަ ޝަކުވާތަކެއް ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި ސިވިލް އޭވިއޭޝަން އޮތޯރިޓީ އަށް ވެސް ދަރިވަރުން ހުށަހަޅައިފައިވެ އެވެ. އެކަމަކު ކަމާ ބެހޭ އިދާރާތަކުން އެ ދަރިވަރުންގެ އަޑު ނާހައި ކަމަށް ބުނެ، އެ ދަރިވަރުން ކަންބޮޑުވުން ފާޅުކުރަމުންދާތާ ވެސް ގިނަ ދުވަސްތަކެއް ވެއްޖެ އެެވެ.