Roadha Mihaaru
އޭދަފުށިން މަރުވި މީހަކު ކޮވިޑަށް ޕޮޒިޓިވް

އޭދަފުށިން މަރުވި މީހަކު ކޮވިޑަށް ޕޮޒިޓިވް

29 މެއި 2021

ބ. އަތޮޅު ހޮސްޕިޓަލަށް މިއަދު ގެންދިޔަ އޭދަފުށީ މީހަކު މަރުވެފައިވާއިރު، އޭނާ ކޮވިޑަށް ޕޮޒިޓީވްވެފައިވާ ކަމަށް އެޗްޕީއޭ އިން މިރޭ ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ބ. އަތޮޅު ހޮސްޕިޓަލަށް މިއަދު ގެންދިޔަ އޭދަފުށީ މީހަކު މަރުވެފައިވާއިރު، އޭނާ ކޮވިޑަށް ޕޮޒިޓީވްވެފައިވާ ކަމަށް އެޗްޕީއޭ އިން މިރޭ ބުނެފި އެވެ.

އެ އިދާރާ އިން އިން ދެންމެ ބުނީ މަރުވެފައި ވަނީ އުމުރުން 77 އަހަރު ދިވެހި ފިރިހެނަކު ކަމަށެވެ. ބ. އޭދަފުށީގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް މިއަދު ހަވީރު ގެންދިޔަ އެ މީހާ މަރުވެފައި ވަނީ އިރުއޮއްސި ހައެއް ޖެހިއިރު ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މިއާއެކު ކޮވިޑްގައި ރާއްޖެ އިން މަރުވި މީހުންގެ އަދަދު 158 އަށް އެރީ އެވެ. މި މަހު އެކަނި ވެސް 85 މީހަކު ވަނީ ކޮވިޑްގައި މަރުވެފަ އެވެ.

މި ބަލީގައި އިއްޔެ ފަސް މީހަކު މަރުވި އެވެ. އޭގެ ތެރެއިން އެކަކަށް ފަރުވާ ދެމުން ދިޔައީ ދަރުމަވަންތަ ހޮސްޕިޓަލްގަ އެވެ. އަނެއް ހަތަރު މީހުންނަށް ފަރުވާ ދިނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގަ އެވެ.

ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފަ އެވެ. އެއާ އެކު ބަލީގައި ބޮޑުވަރުވާ މީހުންނާއި މަރުވާ މީހުންގެ އަދަދު ވެސް ވަނީ ވަރަށް މަތީގަ އެވެ. ބަލި ޖެހިފައި ތިބި މީހުންގެ އަދަދު މިހާރު ވެސް 24،000 އަށް ވުރެ ގިނަ އެވެ.

ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ގޯސްވުމުގެ ސަބަބުން އެޗްޕީއޭ އިން ވަނީ ފިޔަވަޅުތައް ވަރުގަދަ ކޮށްފަ އެވެ. މާލޭ ސަރަހައްދުގައި ކާފިއުގެ ވަގުތު އިތުރުކޮށް، ހުއްދަ ހޯދައިގެން ނޫނީ ބޭރަށް ނުނިކުމެވޭ ގޮތަށް ފިޔަވަޅު އަޅާފައި ވާއިރު، މޮނިޓަރިންނަށް ލާފައިވާ ރަށްތަކުގެ ތެރެއިން ހާލަތު ގޯސް ރަށްރަށުގައި ވެސް އަންނަނީ ކާފިއު ހިންގަމުންނެވެ.