Roadha Mihaaru
އިނގިރޭސި ވިލާތުން ޝާހީ ޔޮޓެއް އަލުން ބަންނަނީ

އިނގިރޭސި ވިލާތުން ޝާހީ ޔޮޓެއް އަލުން ބަންނަނީ

31 މެއި 2021

ދެހާސް ހަތެއްގައި ބޭނުންކުރުން ހުއްޓައިލި އިނގިރޭސި ޝާހީ ޔޮޓް "ބްރިޓޭނިއާ" ގެ ބަދަލުގައި އާ އުޅަނދެއް ބަަންނަން ނިންމާފައިވާ ކަމަށް ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ސަރުކާރުން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދެހާސް ހަތެއްގައި ބޭނުންކުރުން ހުއްޓައިލި އިނގިރޭސި ޝާހީ ޔޮޓް "ބްރިޓޭނިއާ" ގެ ބަދަލުގައި އާ އުޅަނދެއް ބަަންނަން ނިންމާފައިވާ ކަމަށް ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ސަރުކާރުން ބުނެފި އެވެ.

ބައިނަލްއަގްވާމީ މައިދާނުގައި އިނގިރޭސިވިލާތާއި އެހެން ގައުމުތަކާ އޮންނަ ވިޔަފާރި އާއި ޑިޕްލޮމެޓިކް ގުޅުން ބަދަހިކުރުމުގެ ނަމުގައި ބަންނަން ނިންމާފައިވާ އުޅަނދުގެ ކުރެހުމެއް ވެސް ބޮޑުވަޒީރުގެ އޮފީހުން އާންމުކޮށްފައިވެ އެވެ. އާ ޑިޒައިން ހުރީ "ބްރިޓޭނިއާ" އާ ދާދި އެއްގޮތަކަށެވެ.

މި އުޅަނދަށް 200 މިލިއަން ޕައުންޑް (284 މިލިއަން ޑޮލަރު) ހޭދަވާނެ އެވެ.

އާ އުޅަނދަށް ދޭނެ ނަމެއް އަދި އިއުލާން ނުކުރި ނަމަވެސް ޑެއިލީ ޓެލެގްރާފުން ބުނީ "ބްރިޓޭނިއާ" ފަރުމާކުރެއްވުމުގައި އިސް ރޯލެއް އަދާކުރެއްވި އަދި މިދިޔަ މަހު އަވަހާރަވި ރާނީ އެލިޒަބަތު ދޭއްގެ ފިރިކަލުން ޕްރިންސް ފިލިޕްގެ ނަން ދީފާނެ ކަމަށް ބެލެވޭ ކަމަށެވެ.

އާ އުޅަނދު ބަންނާނެ ކުންފުންޏެއް ހޯދަން ވަރަށް އަވަހަށް ބީލަމަށް ހުޅުވާލައި، ކުންފުންޏަކާ ހަވާލުކުރާނެ އެވެ. މި އުޅަނދު ބަންނާނީ ތިމާވެއްޓާ ވަރަށް ރައްޓެހިކޮށް، ޒަމާނީ ޓެކްނޮލޮޖީ ވެސް ހިމެނޭ ގޮތަށެވެ.

ބޮޑުޒީރުގެ އޮފީހުން ބުނި ގޮތުގައި އުޅަނދު ހެދުމަށާއި އޭގެ އޮޕަރޭޝަނަށް އަހަރަކު ހޭދަވާނެ ވަރެއް މުޅިން ސާފުވާނީ ޓެންޑަރިން ޕްރޮސެސް ނިމުމުންނެވެ.

އަމާޒަކީ އަންނަ އަހަރުގެ ކުރީކޮޅު އުޅަނދު ބަނުމުގެ މަސައްކަތް ފަށައި ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި އެ ބޭނުންކުރަން ފެށުމެވެ. ތިރީސް އަހަރުގެ މުއްދަތަކަށް ބޭނުންކުރެވޭ ފެންވަރަށް ބަންނަ އުޅަނދުގެ އޮޕަރޭޝަނަލް މަސައްކަތްތައް ކުރާނީ ރޯޔަލް ނޭވީގެ ފަރާތުންނެވެ.