Roadha Mihaaru
އެހީތެރިއެއްގެ ގޮތުގައި އުޅޭނެ އަގުހެޔޮ ރޮބަޓެއް

އެހީތެރިއެއްގެ ގޮތުގައި އުޅޭނެ އަގުހެޔޮ ރޮބަޓެއް ހަދައިފި

12 ޖޫން 2021

އެމެރިކާގެ ބޮސްޓަން ޑައިނަމިކްސް އިން އުފައްދާފައިވާ، އެތައް ބޭނުމެއް ހިފޭ އަގުބޮޑު ރޮބޮޓް ކުއްތާ "ސްޕޮޓް" އާ ދާދި އެއްގޮތަކަށް އަގު ހެޔޮ ރޮބޮޓެއް ޗައިނާގެ ކުންފުންޏަކުން އުފައްދައިފި އެވެ

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ ބޮސްޓަން ޑައިނަމިކްސް އިން އުފައްދާފައިވާ، އެތައް ބޭނުމެއް ހިފޭ އަގުބޮޑު ރޮބޮޓް ކުއްތާ "ސްޕޮޓް" އާ ދާދި އެއްގޮތަކަށް އަގު ހެޔޮ ރޮބޮޓެއް ޗައިނާގެ ކުންފުންޏަކުން އުފައްދައިފި އެވެ

ބޮސްޓަން ޑައިނަމިކްސްގެ ރޮބޮޓްގެ އެވްރެޖް އަގަކީ 74،500 ޑޮލަރު (1.2 މިލިއަން ރުފިޔާ) އެވެ.

ޗައިނާގެ ޔުނިޓްރީ ރޮބޮޓްކްސް ކިޔާ ކުންފުންޏަކުން "ސްޕޮޓް" އާ ދާދި އެއް ސިފައަކަށް ހަދައި މިހާރު ޑެމޯއެއް ވެސް ދައްކާލައިފަ އެވެ. އޭގެ އަގުތައް ހުރީ ދިވެހި ރުފިޔާއިން ބަލާ ނަމަ 40،000 އާއި 131،000ރ. އާ ދެމެދުގަ އެވެ.

މި ރޮބޮޓަކީ ހަމަ "ސްޕޮޓް" ގޮތަށް ހަތަރެސްފައި ޖަހައިގެން އޮންނަ އެއްޗެވެ. ތަފާތަކީ މިއީ "ސްޕޮޓް" ގޮތަށް ބޮޑެތި ނުރައްކާތެރި މަސައްކަތްތަކާ ހިލާފަށް ގެންގުޅޭ މީހާ "އެހީތެރިއެއް" ގެ ގޮތަށް ބޭނުން ކުރެވިދާނެ އެއްޗެކަށްވުމެވެ. މީގެ ޑެމޯ އަށް ބަލާ އިރު ބޮޑަށް ސިފަ ވަނީ ޕެޓެއް ނުވަތަ އޮޅު ޖަނަވާރެއް ގެންގުޅުމާ އެވެ.

ޔުނިޓްރީ ރޮބޮޓްސް އިން ދައްކައިލީ "ގޯ 1" އެވެ. މީގެ ޑެމޯ އިން ފެންނަ ގޮތުގައި ކަސްރަތަށް ނުކުންނަ އިރު އާއި ބާޒާރުކުރަން ނުކުންނަ އިރު ނުވަތަ ހަމަ ހިތްހަމަޖައްސައިލަން ހިނގާލަން ނުކުންނަ އިރު ވެސް ބައިވެރިއެއްގެގެ މި ރޮބޮޓް ބޭނުން ކުރެވިދާނެ އެވެ. މީހާގެ ހަރަކާތްތަކަށް ބަލައިގެން އެކުއެކީގައި "ގޯ" ހަރަކާތްކުރާނެ އެވެ. މި އުފައްދާފައި ވަނީ އިންސާނާއާ ގުޅިލާމެހިފައިވާ ވަރަށް ގިނަ ފީޗާތައް ހިމަނައިގެންނެވެ.

އެހެންވެ މި ރޮބޮޓް ގެންގުޅުމަކީ ހަމަ ޕެޓެއް ގެންގުޅުން ކަހަލަ ކަމެކެވެ.

ކަސްރަތަށްދާ އިރު ގެންދާ ފެންފުޅި އުފުލަން އެހީތެރިއެއްގެ ގޮތުގައި ވެސް "ގޯ" ބޭނުންކުރެވިދާނެ އެވެ.

"ގޯ 1" ގެ ތިން ވާޝަނެއް ހަދާފައިވެ އެވެ. ހިތްހަމަޖެހުމަކީ މާ އަގު ބޮޑު އެއްޗަކަށް ނުވުމެވެ. "ގޯ 1 އެއާ" ގެ އަގަކީ 2،700 ޑޮލަރު (41,728ރ.) އެވެ. "ގޯ 1" ގެ އަގަކީ 3،500 ޑޮލަރު (54,092ރ.) އެވެ. "ގޯ 1 އެޑޫ" ގެ އަގަކީ 8،500 ޑޮލަރު (131,367ރ.) އެވެ.

މި ތިން ވާޝަނުގެ ބަރުދަނަކީ 12 ކިލޯ އެވެ. ދުވެއްޔަކީ ގަޑިއަކީ 17 ކިލޯމީޓަރެވެ.

ޔުނިޓްރީ ރޮބޮޓިކްސް އިން "ގޯ 1" އަށް މިހާރު ކުންފުނީގެ ސައިޓުން ޕްރީ-އޯޑަރު ވެސް ކުރެވޭނެ އެވެ. އޭގައި މި އުފެއްދުމާ ބެހޭ ވަރަށް ގިނަ މައުލޫމާތު ވެސް ހިމަނާފައިވެ އެވެ.