Roadha Mihaaru
"ހަތުރޯން ކޭ ކިލާޅީ 11" އަންނަ މަހު ފަށަނީ؟

"ހަތުރޯން ކޭ ކިލާޅީ 11" އަންނަ މަހު ދައްކަން ފަށަނީ؟

13 ޖޫން 2021

ކަލާޒްގެ ރިއަލިޓީ ޝޯ "ހަތުރޯން ކޭ ކިލާޅީ" ގެ 11 ވަނަ ސީޒަން އަންނަ މަހުގެ ތެރޭގައި ދައްކަން ފަށާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކަލާޒްގެ ރިއަލިޓީ ޝޯ "ހަތުރޯން ކޭ ކިލާޅީ" ގެ 11 ވަނަ ސީޒަން އަންނަ މަހުގެ ތެރޭގައި ދައްކަން ފަށާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މިދިޔަ މަހުގެ ކުރީކޮޅުން ފެށިގެން އެ ޝޯގެ ޝޫޓިން ދެކުނު އެފްރިކާގައި ކުރިއަށްދާ އިރު، ޝޯ ދައްކަން ފަށާނެ އިރަކާ ބެހޭ ގޮތުން ކަލާޒް އިން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެެ. އަދި ޝޯގެ ޕްރޮމޯއެއް ވެސް އަދި މިހާތަނަށް އާންމުކޮށްފައެއް ނުވެ އެވެ.

ނަމަވެސް ބައެއް މީޑިއާތަކުން ބުނީ "ހަތުރޯން ކޭ ކިލާޅީ 11" ގެ ޝޫޓިން މިހާރު ގާތްގަނޑަކަށް ނިމުމަކަށް އައިސްފައިވާތީ ވަރަށް އަވަހަށް ޝޯ ރަސްމީކޮށް ލޯންޗްކޮށް، ދައްކަން ފަށާނެ ތާރީހު އިއުލާންކުރާނެ ކަމަށެވެ.

އެމެރިކާގެ "ފިއާ ފެކްޓާ" ގެ އިންޑިއާ ވާޝަނުގެ ގޮތުގައި ގެނެސްދޭ "ހަތުރޯން ކޭ ކިލާޅީ" އަކީ ސެލެބްރިޓީންނާ އެކު ގެނެސްދޭ ވަރުގަދަ ސްޓަންޓް ޝޯއެކެވެ.

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ރޯހިތު ޝެޓީ ހޯސްޓްކުރާ ޝޯގެ މި ފަހަރުގެ ބައިވެރިންނަކީ "ބިގް ބޮސް 14" ގައި ވާދަކޮށް ދެވަނަ އަށް ދިޔަ ލަވަކިޔުންތެރިޔާ ރާހުލް ވައިދިއާ އާއި ތިން ވަނަ އަށް ދިޔަ ބަތަލާ ނިކީ ތަމްބޯލީ އާއި އެ ސީޒަން ބަތަލާ ރުބީނާ ދިލައިކް ކާމިޔާބުކުރި އިރު ޝޯގައި ވާދަކުރި ފިރިމީހާ އެކްޓަރު އަބިނާވް ޝުކްލާ އާއި "ބިގް ބޮސް 13" ގައި ވާދަކުރި ވިޝާލް އަދިތިޔާ ސިންގް އާއި މަޝްހޫރު ޓީވީ ތަރިން ކަމަށްވާ އަރުޖުން ބިޖްލާނީ އާއި ދިވްޔަންކާ ތުރިޕަތީ އާއި ޝްވޭތާ ތިވާރީ (ޕްރޭނާ) އާއި ޓީވީ އެކްޓަރު ސޯރަބް ޖެއިން އާއި ޓީވީ ބަތަލާ އަނުޝްކާ ސެން އާއި ލަވަކިޔުންތެރިޔާ އާސްތާ ގިލް އާއި "ބިގް ބޮސް 5" ގެ ދެވަނަ އަށް ދިޔަ ބަތަލާ މަހެކް ޗާހަލް އާއި އެމްޓީވީގެ "ރޯޑީޒް" އިން ވިދައިލި ވަރުން ސޫދާއި ބަތަލާ ސަނާ މަކްބޫލެވެ.

މި ތަރިންތައް މިދިޔަ މަހުގެ 7 ގައި ކޭޕް ޓައުނަށް ފުރައިގެން ދިޔަ ފަހުން "ހަތުރޯން ކޭ ކިލާޅީ 11" ގެ ހަވާސާގެ ތެރެއިން ނަގާފައިވާ ފޮޓޯތައް ވެސް އެ މީހުންގެ އިންސްޓްގަރާމްގައި ޕޯސްޓްކުރަމުންދެ އެވެ.

މިދިޔަ އަހަރު ބަލްގޭރިއާ އިން ގެނެސްދިން "ހަތުރޯން ކޭ ކިލާޅީ 10" ކާމިޔާބުކުރީ ބަތަލާ ކަރިޝްމާ ތައްނާ އެވެ.

"ހަތުރޯން ކޭ ކިލާޅީ" ދައްކަމުން އަންނަނީ 2008 އިން ފެށިގެންނެވެ. އަދި 11 ވަނަ ސީޒަނީ ރޯހިތު ހޯސްޓްކުރާ ފަސް ވަނަ ސީޒަނެވެ.