Roadha Mihaaru
"ހަތުރޯން ކޭ ކިލާޅީ 11" މި މަހު 17 ގައި

"ހަތުރޯން ކޭ ކިލާޅީ 11" މި މަހު 17 ގައި

05 ޖުލައި 2021

ކަލާޒްގެ ޝޯ "ހަތުރޯން ކޭ ކިލާޅީ" ގެ 11 ވަނަ ސީޒަން މި މަހުގެ 17 ގައި ފަށާނެކަން އިއުލާންކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކަލާޒްގެ ޝޯ "ހަތުރޯން ކޭ ކިލާޅީ" ގެ 11 ވަނަ ސީޒަން މި މަހުގެ 17 ގައި ފަށާނެކަން އިއުލާންކޮށްފި އެވެ.

ތާރީހާ އެކު މިހާރު އަންނަނީ ޝޯގެ އާ ޕްރޮމޯތަކެއް ވެސް ދައްކަމުނެވެ. "ހަތުރޯން ކޭ ކިލާޅީ" އަކީ އެމެރިކާގެ ޓީވީ ޝޯ "ފިއާ ފެކްޓާ" ގެ އިންޑިއާގެ ވާޝެނެވެ. އެ ގައުމުގެ ޓީވީ އިންޑަސްޓްރީގެ މަޝްހޫރު ސެލެބްރިޓީންނާ އެކި ގެނެސްދޭ ޝޯގައި ފެންނާނީ ވަރުގަދަ އަދި އެހާމެ ނުރައްކާތެރި ސްޓަންޓްތައް ހަދާ ތަނެވެ.

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ރޯހިތު ޝެޓީ ހޯސްޓްކުރާ "ހަތުރޯން ކޭ ކިލާޅީ" މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ދައްކަން ފަށާ އިރު، ޝޯގެ އެޕިސޯޑްތައް ގެނެސްދޭނީ ކޮންމެ ހޮނިހިރަކާއި އާދީއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 9:00 ގަ އެވެ.

މި ފަހަރުގެ ޝޯ ޝޫޓްކޮށްފައި ވަނީ ދެކުނު އެފްރިކާގަ އެވެ.

"ހަތުރޯން ކޭ ކިލާޅީ 11" ގެ ބައިވެރިންގެ ތެރޭގައި ކަލާޒްގެ "ބިގް ބޮސް 14" ގައި ވާދަކޮށް ދެވަނަ އަށް ދިޔަ ލަވަކިޔުންތެރިޔާ ރާހުލް ވައިދިއާ އާއި ތިން ވަނަ ހޯދި ބަތަލާ ނިކީ ތަމްބޯލީ އާއި އެ ސީޒަން ބަތަލާ ރުބީނާ ދިލައިކް ކާމިޔާބުކުރި އިރު ޝޯގައި ވާދަކުރި ފިރިމީހާ އެކްޓަރު އަބިނާވް ޝުކްލާ ހިމެނެ އެވެ.

އެ މީހުންގެ އިތުރުން ޝޯއިން ދެން ފެންނާނީ "ބިގް ބޮސް 13" ގައި ވާދަކުރި ވިޝާލް އަދިތިޔާ ސިންގް އާއި މަޝްހޫރު ޓީވީ ތަރިން ކަމަށްވާ އަރުޖުން ބިޖްލާނީ އާއި ދިވްޔަންކާ ތުރިޕަތީ އާއި ޝްވޭތާ ތިވާރީ (ޕްރޭނާ) އާއި ޓީވީ އެކްޓަރު ސޯރަބް ޖެއިން އާއި ޓީވީ ބަތަލާ އަނުޝްކާ ސެން އާއި ލަވަކިޔުންތެރިޔާ އާސްތާ ގިލް އާއި "ބިގް ބޮސް 5" ގެ ދެވަނަ އަށް ދިޔަ ބަތަލާ މަހެކް ޗާހަލް އާއި އެމްޓީވީގެ "ރޯޑީޒް" އިން ވިދައިލި ވަރުން ސޫދާއި ބަތަލާ ސަނާ މަކްބޫލް އެވެ.

ރޯހިތު ބުނެފައިވާ ގޮތުގައި މި ފަހަރުގެ ސީޒަނަކީ ޝޯ މުޅިން ތަފާތު ހަރުފަތަކަށް ގެންގޮސް ދީފައިވާ ސީޒަނެކެވެ.

މިދިޔަ އަހަރު ބަލްގޭރިއާ އިން ގެނެސްދިން "ހަތުރޯން ކޭ ކިލާޅީ 10" ކާމިޔާބުކުރީ ކަރިޝްމާ ތަނަންނާ އެވެ.