Roadha Mihaaru
"ހަތުރޯން ކޭ ކިލާޅީ 11" ގެ ޕްރޮމޯ ދައްކާލައިފި

"ހަތުރޯން ކޭ ކިލާޅީ 11" ގެ ޕްރޮމޯ ދައްކާލައިފި

14 ޖޫން 2021

ކަލާޒްގެ ރިއަލިޓީ ޝޯ "ހަތުރޯން ކޭ ކިލާޅީ" ގެ 11 ވަނަ ސީޒަން އަންނަ މަހުގެ ތެރޭގައި ދައްކަން ފަށާނެ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށް ޝޯގެ ފުރަތަމަ ޕްރޮމޯ ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކަލާޒްގެ ރިއަލިޓީ ޝޯ "ހަތުރޯން ކޭ ކިލާޅީ" ގެ 11 ވަނަ ސީޒަން އަންނަ މަހުގެ ތެރޭގައި ދައްކަން ފަށާނެ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށް ޝޯގެ ފުރަތަމަ ޕްރޮމޯ ދައްކާލައިފި އެވެ.

ޝޯގެ ހޯސްޓް، މަޝްހޫރު ޑައިރެކްޓަރު ރޯހިތު ޝެޓީއާ އެކު އާންމުކުރި ޕްރޮމޯގައި ބުނީ ވަރަށް އަވަހަށް ޝޯ ގެނެސްދޭން ފަށާނެ ކަމަށެވެ. އެކަމަކު އަދި ތާރީހެއް ކަށަވަރެއް ނުވެ އެވެ. ރޯހިތުގެ އިންސްޓަގްރާމްގައި ވެސް "ޑަރް ވާސަސް ޑެއާ" ޖަހާފައި ޕްރޮމޯ ޕޯސްޓްކޮށްފައިވެ އެވެ.

"ހަތުރޯން ކޭ ކިލާޅީ 11" މި ފަހަރު ދެކުނު އެފްރިކާ އިން ގެނެސްދޭ އިރު، އޭގެ ޝޫޓިން އަށް އެ ގައުމަށް ދިޔައީ މިދިޔަ މަހުގެ ކުރީކޮޅު އެވެ. ޝޯގެ ޝޫޓިން މިހާރު އޮތީ ގާތްގަނޑަކަށް ނިމުމަކަށް އައިސްފަ އެވެ.

"ހަތުރޯން ކޭ ކިލާޅީ" އަކީ އެމެރިކާގެ "ފިއާ ފެކްޓާ" ގެ އިންޑިއާގެ ވާޝަނެވެ. މީގައި ފެންނާނީ ސެލެބްރިޓީން، ނުރައްކާތެރި އެކި ސްޓަންޓްތައް ހަދާ ތަނެވެ.

މި ފަހަރުގެ ސީޒަން ބައިވެރިންނަކީ "ބިގް ބޮސް 14" ގައި ވާދަކޮށް ދެވަނަ އަށް ދިޔަ ލަވަކިޔުންތެރިޔާ ރާހުލް ވައިދިއާ އާއި ތިން ވަނަ އަށް ދިޔަ ބަތަލާ ނިކީ ތަމްބޯލީ އާއި އެ ސީޒަން ބަތަލާ ރުބީނާ ދިލައިކް ކާމިޔާބުކުރި އިރު ޝޯގައި ވާދަކުރި ފިރިމީހާ އެކްޓަރު އަބިނާވް ޝުކްލާ އާއި "ބިގް ބޮސް 13" ގައި ވާދަކުރި ވިޝާލް އަދިތިޔާ ސިންގް އާއި މަޝްހޫރު ޓީވީ ތަރިން ކަމަށްވާ އަރުޖުން ބިޖްލާނީ އާއި ދިވްޔަންކާ ތުރިޕަތީ އާއި ޝްވޭތާ ތިވާރީ (ޕްރޭނާ) އާއި ޓީވީ އެކްޓަރު ސޯރަބް ޖެއިން އާއި ޓީވީ ބަތަލާ އަނުޝްކާ ސެން އާއި ލަވަކިޔުންތެރިޔާ އާސްތާ ގިލް އާއި "ބިގް ބޮސް 5" ގެ ދެވަނަ އަށް ދިޔަ ބަތަލާ މަހެކް ޗާހަލް އާއި އެމްޓީވީގެ "ރޯޑީޒް" އިން ވިދައިލި ވަރުން ސޫދާއި ބަތަލާ ސަނާ މަކްބޫލެވެ.

ކޮންމެ ސީޒަނެއް ވެސް ބޭރު ގައުމެއްގައި ޝޫޓްކޮށްގެން ގެނެސްދޭ އިރު، މިދިޔަ އަހަރު ބަލްގޭރިއާ އިން ގެނެސްދިން "ހަތުރޯން ކޭ ކިލާޅީ 10" ކާމިޔާބުކުރީ ބަތަލާ ކަރިޝްމާ ތައްނާ އެވެ.

އެ ޝޯ އަށް ފަހު "ހަތުރޯން ކޭ ކިލާޅީ: މޭޑް އިން އިންޑިއާ" ގެ ނަމުގައި އިންޑިއާ އިން ޝޯއެއް ގެނެސްދިނެވެ. ފަރާ ޚާނާއި ރޯހިތު ހޯސްޓްކުރި އެ ޝޯ ކާމިޔާބުކުރީ ނިއާ ޝަރުމާ އެވެ.