Roadha Mihaaru
ހައްޔަކުރި އެންމެން ކުރިން އުޅުނީ އެކުގައި

ހައްޔަކުރި އެންމެން ކުރިން އުޅުނީ އެކުގައި

16 ޖޫން 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހަރާކޮށްލަން ޓެރަރިސްޓް ހަމަލާ ދިނުމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ މީހުން އޭގެ ކުރިން ގިނަ ވަގުތު ހޭދަކުރީ އެންމެން އެކުގައި ކަމަށް އެނގޭ މައުލޫމާތުތަކެއް ލިބިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހަރާކޮށްލަން ޓެރަރިސްޓް ހަމަލާ ދިނުމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ މީހުން އޭގެ ކުރިން ގިނަ ވަގުތު ހޭދަކުރީ އެންމެން އެކުގައި ކަމަށް އެނގޭ މައުލޫމާތުތަކެއް ލިބިއްޖެ އެވެ.

ހަމަލާގެ ތުހުމަތަށް މިހާތަނަށް ހައްޔަރުކޮށް ފުލުހުން މައުލޫމާތު ހާމަކޮށްފައިވާ ހަތަރު މީހުންނަކީ އަދުހަމް އަހްމަދު، މުޖާޒް އަހްމަދު، އަހްމަދު ފާތިހު އަދި ތަހްމީން އަހްމަދެވެ.

މިދިޔަ މަހު ހަ ވަނަ ދުވަހު ނަޝީދަށް ދިން ހަމަލާ އަށް ފަހު ސިފައިންނާއި ފުލުހުން ހަރުކަށި ފިކުރާ ދެކޮޅަށް ހިންގި އޮޕަރޭޝަންތަކުގެ ތެރޭގައި ހައްޔަރުކުރި މީހަކާ ހަމަލާއާ ގުޅުން ހުރިކަން ފުލުހުން ފަހުން ހާމަކޮށްފައިވެ އެވެ. އެކަމަކު އެ މީހާގެ މައުލޫމާތު ފުލުހުން ހާމައެއް ނުކުރެ އެވެ.

މި މީހުން އެކީގައި އުޅުނު ކަމުގެ މައުލޫމާތުތަކެއް ލިބުނީ އޭގެ ތެރެއިން ދެ މީހަކު ހުރި ލޯންޗެއް، ހަމަލާގެ ހަ ދުވަސް ކުރިން ފުލުހުން ހުއްޓުވި ކަމަށް ބުނެ ސޯޝަލް މީޑިއާގައި އާންމުވި ފޮޓޯއަކަށް ފަހުގަ އެވެ. އެ ފޮޓޯގައި ފެންނަ ލޯންޗްގައި، ނަޝީދަށް ހަމަލާދޭން އައިއީޑީ ގޮއްވާލި ކަމުގެ ތުހުމަތު އޮތް އަދުހަމާއި އައިއީޑީ ހަރުކޮށްފައި ހުރި ސައިކަލުގެ ވެރިމީހާ ކަމަށް ފުލުހުން ބުނާ ތަހުމީން ހުރެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި، ހަމަލާގެ ތަހުގީގަށް ހައްޔަރުކޮށްފައިވާ މީހުން އެކަކު އަނެކަކު ނުދަންނަ ކަމަށް ހެދިގެން އުޅުނަސް ހަަމަލާގެ ކުރިން އުޅުނީ އެކި ތަންތަނުން ބައްދަލުކޮށް އެކި ކަންކަމުގަ އެވެ. ހުޅުމާލޭގައި މި މީހުން އެކީގައި އާންމުކޮށް ނަމާދަށް އަރަނީ އަޒީޒާ މޫސާ މިސްކިތަށް ކަމަށާއި ކޮފީތަކަށް ވެސް ދަނީ އެކީގައި ކަމަށް އެ މީހުން އެކީގައި އުޅުނުތަން ފެނުނު މީހަކު ކިޔައިދިނެވެ.

"އެ މީހުން އެކުގައި ކޮފީތަކަށް ގޮސް، ހުޅުމާލޭގައި އެކި ހިސާބުތަކުގައި ވެސް އެއްކޮށް އުޅޭތަން ފެންނާނެ. ހައްޔަރުކޮށްފައި ތިބި ކަމަށް ފުލުހުން އެ ބުނާ މީހުން އެއްކޮށް އަދި އޭގެ ބައެއް މީހުން ވެސް އެގޮތަށް ފެނޭ،" އެ މީހާ ކިޔައިދިނެވެ.

މީގެ ތެރެއިން ދެ މީހަކު ލޯންޗެއްގައި ހުރި ފޮޓޯއާ ބެހޭ ގޮތުން އޭނާ ބުނީ ލޯންޗުތައް ކައިރިކުރާ ހުޅުމާލޭ ފެރީ ޓާމިނަލް ސަރަހައްދުގައި ވެސް އެ މީހުން ގޮސް ކޮފީއަށް ގޮސް ތިބޭ ކަމަށެވެ.

އާންމުވައިވާ ފޮޓޯއާ ބެހޭ ގޮތުން ފުލުހުން ބުނީ އެއީ މިދިޔަ މަހުގެ 1 ވަނަ ދުވަހުގެ ރޭ މެރިން ޕޮލިސް އިން ކަނޑުމަތިން ހުއްޓުވި ލޯންޗެއްގެ ފޮޓޯ ކަމަށާއި އޭގައި އަދުހަމާއި ތަހުމީން ހުރިކަން މިހާރު އެނގިފައިވާ ކަމަށެވެ. ލޯންޗް ހުއްޓުވީ ނެވިގޭޝަން ލައިޓުގައި މައްސަލައެއް ހުރިކަމަށް ފާހަގަވުމުން ހުޅުމާލެ ފަޅުތެރެއިން ކަމަށާއި އެކަންކަން ހައްލުކުރުމަށް އެ ރޭ ނަސޭހަތްތެރިވެފައިވާ ކަމަށް ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުން ބުނީ މިކަމާ ގުޅިގެން ތަހުގީގުން ބަލަންޖެހޭ ކަންކަން ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ފިޔަވަޅެއް ކަމެއް ނުބުނެ އެވެ.

ހަމަލާ ދިން ރޭ ވެސް، އައިއީޑީ ގޮއްވާލި ކަމަށް ތުހުމަތުކުރާ އަދުހަމު ހާދިސާ ހިންގި ތަނުގައި ހުރެފައި އެތަނުން ދުވެފައި ދުރަށް ގޮސް އޭނާގެ ގްރޫޕްގެ އެހެން މީހުން މާލޭގެ އެކި ހިސާބުން ބައްދަލުކުރާތަން ފެންނަ ވީޑިއޯ ފުޓޭޖްތަކެއް ފުލުހުން ހާމަކޮށްފައިވެ އެވެ.