Roadha Mihaaru
އީސަގެ ޝަރީއަތް ހޯމަ ދުވަހު ފަށަނީ

އީސަގެ ގެވެށި އަނިޔާގެ މައްސަލައިގެ ޝަރީއަތް ހޯމަ ދުވަހު ފަށަނީ

16 ޖޫން 2021

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސާ، އޭނާގެ ކުރީގެ އަނބިކަނބަލުންނަށާއި ދަރިފުޅަށް ގެވެށި އަނިޔާކުރި މައްސަލައިގެ ޝަރީއަތް އަންނަ ހޯމަ ދުވަހު ފަށަން ތާވަލުކޮށްފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސާ، އޭނާގެ ކުރީގެ އަނބިކަނބަލުންނަށާއި ދަރިފުޅަށް ގެވެށި އަނިޔާކުރި މައްސަލައިގެ ޝަރީއަތް އަންނަ ހޯމަ ދުވަހު ފަށަން ތާވަލުކޮށްފި އެވެ.

އީސަ އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމަށާއި ދަރިފުޅަށް ވެސް އަނިޔާ ކުރަން އުޅުނު މައްސަލަ ފުލުހަށް ހުށަހެޅީ މިދިޔަ މަހު އެވެ. ފުލުހުން އެ މައްސަލަ ބަލައި ދައުވާ ކުރަން ފޮނުވުމުން އީސަގެ މައްޗަށް މި މަހުުގެ ތިން ވަނަ ދުވަހު ވަނީ އަނިޔާއެއް ދިނުމުގެ ދައުވާ ކޮށްފަ އެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ކްރިމިނަލް ކޯޓުގައި ބާއްވަން ތާވަލުކޮށްފައި ވަނީ ހޯމަ ދުވަހުގެ 11:00 އަށް ކަމަށެވެ.

އަނިޔާކުރި ކަމަށް ބުނެ ބަޔާން ދެއްވުމަށް ފަހު، އަސްރާ ވަނީ ފަހުން އީސަގެ މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށް ވިދާޅުވެފަ އެވެ. އޭނާ އެގޮތަށް އެދިވަޑައިގަތަސް ފުލުހުން އެ މައްސަލަ ބެލުން ހުއްޓައެއް ނުލަ އެވެ.

އެ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާ އަށް ލިބޭނެ އެންމެ ބޮޑު އަދަބަކީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.

ގެވެށި އަނިޔާގެ ތުހުމަތުގައި އީސަ ހައްޔަރުކުރުމުގެ އަމުރަކަށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓުގައި ވެސް އެދުނެވެ. އެކަމަކު އެ ކޯޓުން ގާނޫނީ ސަބަބުތަކާ ހެދި އެފަދަ އަމުރެއް ނެރެނުދިނެވެ.

އީސަގެ ގެވެށި އަނިޔާގެ މައްސަލައާ ގުޅިގެން އޭނާގެ އިސްތިއުފާ އަށް ގިނަ ބަޔަކު ގޮވާލި އެވެ. އީސަ ވަނީ އޭނާ މުގަައްރިރުކަން ކުރެއްވި މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ވެސް އިސްތިއުފާ ދެއްވައިފަ އެވެ.