Roadha Mihaaru
އެވިޑް ކޮލެޖުން އައްޑޫ ފްލައިން ސްކޫލް ގަނެ، ހިންގަނީ

އައްޑޫ ފްލައިން ސްކޫލް އެވިޑް ކޮލެޖުން ގަނެ ހިންގަން ފަށަނީ

24 ޖޫން 2021

ސްރީ ލަންކާގެ ކުންފުންޏަކުން އައްޑޫގައި ހިންގާ ފްލައިން ސްކޫލް، ރާއްޖޭގެ އެވިޑް ކޮލެޖުން ގަނެ ހިންގުމުގެ މަސައްކަތާ ހަވާލުވެއްޖެ އެވެ.

މަރިޔަމް ޝަހުދާ މަރިޔަމް ޝަހުދާ

ސްރީ ލަންކާގެ ކުންފުންޏަކުން އައްޑޫގައި ހިންގާ ފްލައިން ސްކޫލް، ރާއްޖޭގެ އެވިޑް ކޮލެޖުން ގަނެ ހިންގުމުގެ މަސައްކަތާ ހަވާލުވެއްޖެ އެވެ.

މަތީ ތައުލީމުގެ އެކި ކޯސްތައް ހިންގާ އެވިޑް ކޮލެޖުން، އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޮޓިކްސް (އޭއޭއޭ) ގަނެ، އެ ސްކޫލު ހިންގުމާ ހަވާލުވިއިރު، އޭއޭއޭގެ ހިންގުން ދޯދިޔާވެ، ދަރިވަރުންގެ ކޯސް އެކަށީގެންވާ ގޮތަށް ކުރިއަށް ނުގެންދެވޭ މައްސަލަ ވަނީ ހޫނުވެފަ އެވެ.

އައްޑޫގައި މިއަދު ބޭއްވި ހަފްލާއެއްގައި އެވިޑް ކޮލެޖުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗެއާމަން އަބްދުﷲ މުޝްތާގް ރަޝާދެވެ. އޭއޭއޭ އިން ސޮއިކުރެއްވީ އެ ތަނުގެ ޖެނެރަލް މެނޭޖަރު މުހައްމަދު ފަޒީލް ރަޝީދެވެ.

އެއްބަސްވުމުގައިވާ ގޮތުން، ފްލައިން ސްކޫލު ހިންގާނީ "އެވިޑް ސްކޫލް އޮފް އޭވިއޭޝަން" (އަސާ) ގެ ނަމުގަ އެވެ.

އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު މުޝްތާގް ވިދާޅުވީ، އެވިޑް ކޮލެޖުން ފްލައިން ސްކޫލާ ހަވާލުވެ، އެންމެ އިސްކަން ދޭނީ މިހާރު އެ ސްކޫލުގައި ކިޔަވަވާ 170 ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލުގެނައުމުގެ މަސައްކަތް ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި، ވީ އެންމެ އަވަހަކަށް ހުރިހާ ދަރިވަރުންނާ ބައްދަލުކުރައްވައި، އެ މީހުންގެ ކަންބޮޑުވުންތައް ވަކިވަކިން ދެނެގަންނާނެ އެވެ. ދަރިވަރުންގެ އިތުރުން އެ މީހުންގެ ބެލެނިވެރިންނާ ވެސް ބައްދަލުކުރައްވައި، ކަންބޮޑުވުންތައް ބައްލަވަން މުޝްތާގް ވަނީ ނިންމަވައިފަ އެވެ. އަދި ދަރިވަރުންނާއި ބެލެނިވެރިންގެ ހިޔާލުގެ އެހީގައި ސްކޫލުގެ ހިންގުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ.

ފްލައިންގް ސްކޫލު އިމާރާތް ހުސްކުރަން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ) އިން ނޯޓިސް ފޮނުވާފައިވާއިރު، އޭއައިއޭގެ ބޯޑާ ބައްދަލުކުރައްވައި، އެ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމާ ގުޅިގެން މަޝްވަރާ ކުރުމަށް އޭއައިއޭގެ ބޯޑަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށް މުޝްތާގް ވިދާޅުވި އެވެ.

އޭނާ ވަނީ އައްޑޫ ފްލައިން ސްކޫލާއި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓާއެކު ވެފައިވާ އެއްބަސްވުން ކެންސަލްކޮށް ދިނުމަށް ނުވަތަ އިތުރު އެކްސްޓެންޝަނެއް ދިނުމަށް ވެސް އެދިވަޑައިގެންފަ އެވެ.

އަދި އިމާރާތް ހުސްކުރަން ޖެހިއްޖެ ހާލަތެއްގައި، އެހެން ގޮތެއް ހޯދުމަށް ސަރުކާރުގެ އެހީ ލިބޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މުޝްތާގް ވިދާޅުވީ، ދަރިވަރުންގެ ތަމްރީނުތައް ނުވަތަ އުދުހުން މެދުކެނޑިފައިވާ މައްސަލަ އަށް ހައްލެއް ގެނައުމަށް ބޭނުންވާ ސްޕެއާ ޕާޓްސް ރާއްޖެ ގެނައުމަށް މަސައްކަތް ކުރައްވާ ކަމަށެވެ. އެގޮތުން ސްޕެއާ ޕާޓްސް ގެނައުމަށް ބޭނުންވާ ޑޮލަރު ހޯދުމުގެ ކަންކަން ބޭންކުގެ އެހީއާއެކު ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މުޝްތާގް ވިދާޅުވި ގޮތުގައި، މިހާރު އެކުލަވާލާފައިވާ ޕްލޭންގެ ދަށުން، އެ ޓައިމްލައިނުގައި ކަންކަން ކުރެވިއްޖެ ނަމަ މި އަހަރުގެ ސެޕްޓެމްބަރު މަހު ފްލައިންގެ ކަންކަން ފެށޭނެ އެވެ. އޭގެ ކުރިން ދަރިވަރުންނަށް އެކި ކަންކަމުގައި ފޯރުކޮށްދޭން ޖެހޭ އެހީތައް ފޯރުކޮށްދެމުން ގެންދާނެ ކަމަށް ވިދާޅުވި އެވެ.

ކިޔަވައިދޭ އިންސްޓްރަކްޓަރުންނާ ގުޅޭ ގިނަ ކަންބޮޑުވުންތަކެއް ހުރި ކަމަށް މީގެ ކުރިން އެ ސްކޫލުގެ ދަރިވަރުން ހާމަކޮށްފައިވެ އެވެ.

މިކަމާ ގުޅިގެން މުޝްތާގް ވިދާޅުވީ، ކިޔަވައި ދިނުމަށް އިތުރު އިންސްޓްރަކްޓަރުން ހޯދުމުގެ މަސައްކަތް ކުރައްވާ ކަމަށެވެ. ނަމަވެސް މިވަގުތަށް އޭނާ ނިންމަވާފައި ވަނީ އެ ސްކޫލުގައި މިހާރު ތިބި އިންސްޓްރަކްޓަރުންގެ ބޭނުން ހިފާށެވެ.

މުޝްތާގް ވިދާޅުވިގޮތުގައި، މިހާރު އެންމެ އިސްކަމެއް ދެއްވަނީ ފްލައިން ސްކޫލުގައި ތިބި 170 ދަރިވަރުންގެ މައްސަލަތައް ހައްލު ކޮށްދީ، ކިޔެވުން ވީހާ ވެސް އަވަހަކަށް ނިންމުމަށެވެ. ނަމަވެސް މުސަތަގުބަލުގައި މި ސްކޫލުން އިތުރު ކޯސްތައް ހިންގުމަށް ރާވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އެގޮތުން ޕައިލެޓުން ތަމްރީނު ކުރުމުގެ އިތުރުން ފްލައިޓް އިންޖިނިއަރިންގެ ދާއިރާ އިން މީހުން ތަމްރީނު ކުރުމުގެ މަސައްކަތް ކުރުމަށް އެވިޑް ކޮލެޖުން ވަނީ ނިންމައިފަ އެވެ. އަދި އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ) ގެ ކޯސްތަކާއި ކެބިން ކްރޫ ކޯސްތައް ވެސް އެ ސްކޫލުން ހިންގާނެ އެވެ. ނަމަވެސް މި މަސައްކަތް ފަށާނީ މުޝްތާގް ވިދާޅުވިގޮތުގައި، މިހާރު ކިޔަވާ ދަރިވަރުންގެ ކޯސް ކުރިއަށް ގެންދިއުމުގެ ކަންކަން ހަމަޖެއްސުމަށް ފަހު އެވެ.

މިކަމުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީއާ ވެސް ބައްދަލު ކުރައްވާފައިވާކަން ފާހަގަކުރައްވައި މުޝްތާގް ވަނީ ކަމާ ގުޅުން ހުރި ހުރިހާ މުއައްސަސާތަކެއްގެ ލަފައާއެކު، ދަރިވަރުންގެ މަންފާ އަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.