Roadha Mihaaru
ފްލައިން ސްކޫލުގެ އެއްބަސްވުން އެވިޑުން ބާތިލްކޮށްފި

ފްލައިން ސްކޫލު ހިންގަން އޭއޭއޭއާ އެކު ވި އެއްބަސްވުން އެވިޑުން ބާތިލްކޮށްފި

18 ސެޕްޓެމްބަރ 2021

ޕައިލެޓުން ތަމްރީނު ކުރުމަށް އައްޑޫގައި ހިންގާ އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) އާއެކު ވެފައިވާ އެއްބަސްވުން އެވިޑް ކޮލެޖުން މިއަދު ބާތިލްކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޕައިލެޓުން ތަމްރީނު ކުރުމަށް އައްޑޫގައި ހިންގާ އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) އާއެކު ވެފައިވާ އެއްބަސްވުން އެވިޑް ކޮލެޖުން މިއަދު ބާތިލްކޮށްފި އެވެ.

އޭއޭއޭ ބޮއްސުންލައިގެން ދިއުމުން، އެ ތަނުގެ ހިންގުން މިދިޔަ ޖޫން މަހު ވަނީ ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ އެވިޑް ކޮލެޖުން ހަވާލުކޮށްފަ އެވެ. އޭގެ ފަހުން، ފްލައިން ސްކޫލުގެ ކަންކަން ބަލަހައްޓަމުން އައީ އެވިޑް ސްކޫލް އޮފް އޭވިއޭޝަން (އަސާ) ގެ ނަމުގައި އުފައްދާފައިވާ ކުންފުންޏަކުންނެވެ.

ނަމަވެސް ތަމްރީނުތަކަށް ސިވިލް އޭވިއޭޝަނުން އެވިޑަށް ލައިސަންސް ދޫކޮށްފައި ނުވާތީ، ކިޔެވުން ކުރިއަށް ގެންދިއުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވި އެވެ. އޭގެ އިތުރުން، ފްލައިން ސްކޫލު ހިންގަން ގަން އިންޓަނޭޝަނަލް އެއާޕޯޓުން އޭއޭއޭ އަށް ކުއްޔަށް ދީފައިވާ މުއްދަތު ވެސް ވަނީ ހަމަވެފަ އެވެ. އެހެންވެ، އެފަދަ ސަބަބުތަކާ ހުރެ "ސޭލްސް އެންޑް ޕާޗޭސް" އެއްބަސްވުން އުވާލާފައިވަނީ ދެ ފަރާތުން އެއްބަސްވެގެންނެވެ.

އޭއޭއޭގެ ދަރިވަރުންނާއެކު ވާޗުއަލްކޮށް މިއަދު ބޭއްވި ބައްދަލުވުމުގައި، އެވިޑުގެ ޗެއާމަން މުޝްތާގު ރަޝާދު ވިދާޅުވީ އެއްބަސްވުން އުވާލަން ޖެހުނީ ސަރުކާރުގެ ބައެއް އިދާރާތަކުން އެއްބާރުލުން ނުލިބުމުގެ ސަބަބުން، ޕްލޭނާ އެއްގޮތަށް ކަންކަން ކުރިއަށް ނުގެންދެވިދާނެތީ ކަމަށެވެ.

ކިޔެވުން ކުރިއަށްގެންދެވޭތޯ ވަރަށް މަސައްކަތްކުރި ކަމަށާއި އެކަމަށް ދެ މަސް ދުވަހުގެ ތެރޭގައި މިލިއަނުން ރުފިޔާ ހަރަދުކުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވަރަށް ދެރަވޭ. ހަގީގަތުގައި ވެސް ވަރަށް މަސައްކަތްކުރިން ތިކުދިންނަށް އަލި މަގެއް ފަހި ކޮށްދެވޭތޯ،" މުޝްތާގު ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ވާހަކަދެއްކި ބައެއް ދަރިވަރުން ބުނީ އޭއޭއޭއަށް ދިމާވެފައިވާ މައްސަލަތައް އެވިޑުން ހައްލުކުރަން ނޫޅުނު ކަމަށެވެ. ދެ ފަރާތުން ވެސް މަސައްކަތްކުރީ ދަރިވަރުންނަށް އޮޅުވާލަން ކަމަށް ބައެއް ދަރިވަރުން ބުންޏެވެ.

އެތަނުން އެއް ދަރިވަރަކު ބުނީ ފްލައިން ސްކޫލު ހިންގުމުގެ އެއްބަސްވުން ބާތިލްކުރުމުން އުފާވާ ކަމަށެވެ. އޭރުން ގެއްލުމުގެ ބަދަލު ހޯދަން ދާނެ މަގު އެނގިގެންދާ ކަމަށް ވެސް އެ ދަރިވަރު ބުނެ އެވެ.

އެކަމަށް ރައްދު ދެއްވަމުން މުޝްތާގު ވިދާޅުވީ އެވިޑުން އޭއޭއޭ ހިމާޔަތްކުރާކަށް ނުޖެހޭނެ ކަމަށެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީން (ސީއޭއޭ) އިން ވެސް މީގެ ކުރިން ބުނެފައިވަނީ ދަރިވަރުންނަށް ތަމްރީނުތައް ދޭން ޖެހޭނީ އޭއޭއޭއިންނެވެ. އެވިޑް ކޮލެޖުގެ މަސްއޫލިއްޔަތަކީ އެތަން މެނޭޖުކުރުން ކަމަށް މިދިޔަ މަހު އެ އޮތޯރިޓީން ބުންޏެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އާއްމުންގެ މީހަކު ޓްރާންސްޕޯޓް މިނިސްޓްރީ އަށް ހުށަހެޅި ސުވާލުތަކަށް ދިން ޖަވާބުގައި އެ މިނިސްޓްރީން ބުނީ އޭޓީއޯ އެޕްރޫވަލް ހޯލްޑުކުރާ އޯގަނައިޒޭޝަނެއްގެ އެޕްރޫވަލްގެ ދަށުން އެހެން ފަރާތަކަށް އެޕްރޫވްޑް ކޯސްތަކެއް ނުހިންގޭނެ ކަމަށެވެ. އެޕްރޫވްޑް އޯގަނައިޒޭޝަނެއްގެ ހިއްސާ ގަންނަ ފަރާތެއް ވާނީ އެޕްރޫވްޑް އޯގަނައިޒޭޝަންގެ ހިއްސާދާރަކަށް ކަމަށާއި ހިއްސާދާރަކަށް ލިބޭ ހުރިހާ ހައްގުތަކާއި މަންފާތަކެއް އެ ފަރާތަށް ލިބޭނީ އޭރުން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ދެކެ އެވެ. ނަމަވެސް އެވިޑު ކޮލެޖުން އޭއޭއޭގެ ހިއްސާ ގަނެފައި ނުވާތީ އެގޮތަކަށް ފްލައިން ސްކޫލެއް ނުހިންގޭނެ އެވެ. އޭއޭއޭއާއެކު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު މުޝްތާގު އޭރު ވިދާޅުވީ އެވިޑު ކޮލެޖުން އެންމެ އިސްކަންދޭނީ އެ ސްކޫލުގައި ކިޔަވާ 170 ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ގެންނާށެވެ. ނަމަވެސް އެއްބަސްވުން އުވާލިއިރު ވެސް އެއިން އެއްވެސް ކަމަކަށް ހައްލެއް ނުލިބުނު ކަމަށް އެ ދަރިވަރުން ބުނެ އެވެ.