ސްރީ ލަންކާގެ ކުންފުންޏަކުން އައްޑޫގައި ހިންގަމުން ދިޔަ އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޮޓިކްސް (އޭއޭއޭ)، އެވިޑް ސްކޫލް އޮފް އޭވިއޭޝަން (އަސާ) ގެ ނަމަށް ބަދަލުކުރީ އެތަން ކުއްޔަށް ހިފައިގެން ކަމަށާއި އޭއޭއޭގެ ހިއްސާ ގަނެގެން ނޫން ގޮތަކަށް އެވިޑަށް ފްލައިން ސްކޫލު ނުހިންގޭނެކަން އެކަމާ ބެހޭ ގޮތުން ހުރި ބައެއް ލިޔުންތަކުން ހާމަވެއްޖެ އެވެ.
12 އޯގަސްޓް 2021
ސްރީ ލަންކާގެ ކުންފުންޏަކުން އައްޑޫގައި ހިންގަމުން ދިޔަ އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޮޓިކްސް (އޭއޭއޭ)، އެވިޑް ސްކޫލް އޮފް އޭވިއޭޝަން (އަސާ) ގެ ނަމަށް ބަދަލުކުރީ އެތަން ކުއްޔަށް ހިފައިގެން ކަމަށާއި އޭއޭއޭގެ ހިއްސާ ގަނެގެން ނޫން ގޮތަކަށް އެވިޑަށް ފްލައިން ސްކޫލު ނުހިންގޭނެކަން އެކަމާ ބެހޭ ގޮތުން ހުރި ބައެއް ލިޔުންތަކުން ހާމަވެއްޖެ އެވެ.
މައްސަލަ ބޮޑުވެފައިވާ ފްލައިން ސްކޫލުގެ ހާލަތު ރަނގަޅުކުރުމަށް ކަމަށް ބުނެ، ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ އެވިޑް ކޮލެޖުން ވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ހިންގާ ސްކޫލާ ހަވާލުވެފަ އެވެ. އެ ކަމުގެ އެއްބަސްވުމުގައި ސޮއިކުރަން މިދިޔަ ޖޫން 24 ގައި ބޭއްވި ރަސްމިއްޔާތުގައި އެވިޑު ކޮލެޖުގެ ޗެއާމަން މުޝްތާގު ރަޝާދު ވިދާޅުވީ ފްލައިން ސްކޫލު ހިންގުމާ އެ ތަނުން ހަވާލު ވަނީ އޭއޭއޭގެ ހުރިހާ ވަސީލަތެއް ގަތުމަށް ފަހު ކަމަށެވެ.
ނަމަވެސް، އޭއޭއޭ އަތުން ބޮޑު ބަދަލެއް ހޯދަން ދަރިވަރުން ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން ހުށަހެޅި ލިޔުމެއްގައި ބުނެފައި ވަނީ، އެވިޑު ކޮލެޖާ އެކު، ދައުވާ ލިބޭ ފަރާތުން ކުރި މުއާމަލާތަކީ ދައުވާ ލިބޭ ފަރާތުގެ ވިޔަފާރި ވިއްކާލުމުގެ މުއާމަލާތެއް ނޫން ކަމަށެވެ. އެ މުއާމަލާތަކީ އޭއޭއޭގެ ވަސީލަތް ކުއްޔަށް ހިފައިގެން، އޭއޭއޭގެ ނަމުގައި އޮތް ފްލައިން ސްކޫލު އެވިޑް ކޮލެޖުން ހަރަދުކޮށް، މެނޭޖުކޮށްގެން، އޭއޭއޭގެ ނަމުގައި ހިންގަން ވެފައިވާ މުއާމަލާތެއް ކަމަށް އޭގައިވެ އެވެ.
އެ މުއާމަލާތުގައި، ދައުވާ ލިބޭ ފަރާތުގެ ވިޔަފާރި ގަތުމަށް އެވިޑް ކޮލެޖަށް އިހުތިޔާރު އޮތް ނަމަވެސް އެކަން ކުރެވޭނީ އަންނަ އަހަރުގެ ޖުލައި މަހުގެ ފަހުން ކަމަށް ދެ ފަރާތުން އެއްބަސްވެފައި ވެ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އާއްމުންގެ މީހަކު ޓްރާންސްޕޯޓް މިނިސްޓްރީ އަށް ހުށަހެޅި ސުވާލުތަކަށް މިދިޔަ ބުދަ ދުވަހު ދިން ޖަވާބުގައި އެ މިނިސްޓްރީން ބުނީ އެޕްރޫވްޑް ޓްރެއިނިން އޯގަނައިޒޭޝަން (އޭޓީއޯ) އެޕްރޫވަލް ހޯލްޑުކުރާ އޯގަނައިޒޭޝަނެއްގެ އެޕްރޫވަލްގެ ދަށުން އެހެން ފަރާތަކަށް އެޕްރޫވްޑް ކޯސްތަކެއް ނުހިންގޭނެ ކަމަށެވެ. އަދި އެޕްރޫވްޑް އޯގަނައިޒޭޝަނެއްގެ ހިއްސާ ގަންނަ ފަރާތެއް، އެ ހިސާބުން ފެށިގެން ވާނީ އެޕްރޫވްޑް އޯގަނައިޒޭޝަންގެ ހިއްސާދާރަކަށެވެ. އޭރުން ހިއްސާދާރަކަށް ލިބޭ ހުރިހާ ހައްގުތަކާއި މަންފާތަކެއް އެ ފަރާތަށް ލިބޭނެ ކަމަށް ފެންނަ ކަމަށް އޭގައިވެ އެވެ.
ނަމަވެސް، އެވިޑް ކޮލެޖުން އޭއޭއޭގެ ހިއްސާ ގަނެފައިނުވާތީ، އެ ގޮތަށް ވަސީލަތްތައް ކުއްޔަށް ނަގައިގެން ފްލައިން ސްކޫލެއް ނުހިންގޭނެ އެވެ.
އޭޓީއޯ އެޕްރޫވަލް ހޯލްޑުކުރާ އޯގަނިޒޭޝަނަކުން އެ އޯގަނިޒޭޝަނަށް ދޫކޮށްފައިވާ އެޕްރޫވަލްގެ ދަށުން އެޕްރޫވްޑް ކޯސްތައް ހިންގުމަށްޓަކައި އެހެން ފަރާތަކާ އެކު ކުރެވޭ ވިޔަފާރީގެ މުއާމަލާތެއްގެ ސަބަބުން އެޕްރޫވްޑް އޯގަނިޒޭޝަންގެ ހިންގުމަށް ބަދަލެއް އަންނަ ނަމަ އެ ބަދަލެއް ޗޭންޖު މެނޭޖްމަންޓް ޕްރޮސީޖާތަކާ އެއްގޮތްވާ ގޮތުގެ މަތިން ސިވިލް އޭވިއޭޝަން އޮތޯރިޓީ އަށް ހުށަހަޅައި އެކަމުގެ ހުއްދަ ހޯދަންވާނެ ކަމަށް ވެސް، އެ ސުވާލުގެ ޖަވާބުގައި މިނިސްޓްރީން ބުންޏެވެ.
"އެޕްރޫވްޑް އޯގަނައިޒޭޝަނަކާއި އެހެން ފަރާތަކާ ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތެއްގެ ސަބަބުން އެޕްރޫވްޑް އޯގަނައިޒޭޝަނަށް ބަދަލުތަކެއް އައި ނަމަވެސް އެޕްރޫވްޑް އޯގަނައިޒޭޝަނަށް ދޫކޮށްފައިވާ އޭޓީއޯ އެޕްރޫވަލްގެ ދަށުން ކޯސްތައް ކުރިއަށް ގެންދެވޭނީ އެޕްރޫވްޑް އޯގަނައިޒޭޝަނަށެވެ. މި ހާލަތުގައި ވެސް އޭޓީއޯ އެޕްރޫވަލް ދެމި އޮންނާނީ އެޕްރޫވްޑް އޯގަނައިޒޭޝަނަށް ދޫކޮށްފައިވާ ހުއްދައިގެ ގޮތުގަ އެވެ،" އެ ލިޔުމުގައި ވެ އެވެ.
އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު މުޝްތާގު ވިދާޅުވީ އެވިޑް ކޮލެޖުން އެންމެ އިސްކަން ދޭނީ އެ ސްކޫލުގައި ކިޔަވާ 170 ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ގެންނާށެވެ. އޭގެ ދަށުން، މިދިޔަ މަހުގެ ފަހުކޮޅު ވަނީ ދަރިވަރުންގެ ކިޔެވުން އަލުން ފަށައިފަ އެވެ. ނަމަވެސް، ގަން އިންޓަނޭޝަނަލް އެއާޕޯޓާ އެކު އޭއޭއޭއިން ވެފައިވާ އެއްބަސްވުން މިދިޔަ މަހު ހަމަވެފައިވާތީ، އެ އިމާރާތުގައި ކިޔެވުން ކުރިއަށް ގެންދިއުމުގެ މަގު ބަންދުވީ އެވެ.
ފްލައިން ސްކޫލުގެ އެއްބަސްވުން އެވިޑުން ބާތިލްކޮށްފި
"އެވިޑުން ލައިސަންސް ނެގުމުގެ މަސައްކަތް ކުރިއަށްދޭ"
ޕައިލެޓު ތަމްރީނުތައް ހިންގަން ޖެހޭނީ އޭއޭއޭ އިން
އޭއޭއޭ އަތުން ބޮޑު ބަދަލެއް ހޯދަން ދައުވާ ކޮށްފި
ފްލައިން ސްކޫލްގެ ދަރިވަރުން "މަގުމަތިވެފައި"
ފްލައިން ސްކޫލުގެ ޑީންއަކަށް ބޭފުޅަކު ހަމަޖައްސައިފި
އިމާރާތެއް ނެތް، އައްޑޫން ފްލައިން ސްކޫލު ގެއްލިދާނެ؟
އެވިޑް ކޮލެޖުން އައްޑޫ ފްލައިން ސްކޫލް ގަނެ، ހިންގަނީ
މިލިއަނުން ހޭދަކޮށް އެތައް ދަރިވަރަކަށް ބޮޑު ލަނޑެއް!
ފްލައިން ސްކޫލު ހިންގަން އޭއޭއޭއަށް ދެން ޖާގައެއް ނެތް