Roadha Mihaaru
ލުޔެއް ނުލިބި، ރިސޯޓް މުވައްޒަފުން މާޔޫސްވެފައި!

ލުޔެއް ނުލިބި، ރިސޯޓް މުވައްޒަފުން މާޔޫސްވެފައި!

02 ޖުލައި 2021

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅި ފަހުން ރިސޯޓު މުވައްޒަފުންގެ ޝަކުވާއަކީ ޗުއްޓީ އަށް ރަށަށް ނުދެވުމެވެ. އެންމެން ވެސް އުއްމީދުކޮށްގެން ތިބީ ވެކްސިން ފުރިހަމަ ކުރުމުން ކަރަންޓީން ނުވެ ރަށަށް ދެވޭނެ ކަމަށެވެ. ނަމަވެސް މިދިޔަ އަންގާރަ ދުވަހު ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާ އެކު އެ އުއްމީދު ވެސް ގެއްލި ރިސޯޓު މުވައްޒަފުން މާޔޫސްވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅި ފަހުން ރިސޯޓު މުވައްޒަފުންގެ ޝަކުވާއަކީ ޗުއްޓީ އަށް ރަށަށް ނުދެވުމެވެ. އެންމެން ވެސް އުއްމީދުކޮށްގެން ތިބީ ވެކްސިން ފުރިހަމަ ކުރުމުން ކަރަންޓީން ނުވެ ރަށަށް ދެވޭނެ ކަމަށެވެ. ނަމަވެސް މިދިޔަ އަންގާރަ ދުވަހު ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާ އެކު އެ އުއްމީދު ވެސް ގެއްލި ރިސޯޓު މުވައްޒަފުން މާޔޫސްވެއްޖެ އެވެ.

ރިސޯޓް މުވައްޒަފުން އުއްމީދުކޮށްގެން ތިބީ ކޮވިޑް-19ގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކަށް ދިން ލުޔާއެކު ވެކްސިންގެ ދެ ޑޯޒު ޖަހާފައިވާ މީހުންނަށް ދަތުރު ކުރުމުގައި ލުއިތަކެއް ލިބޭނެ ކަމަށެވެ. ނަމަވެސް ސަރުކާރުން ނިންމީ ދެ ޑޯޒު ޖެހިޔަސް ދަތުރު ކުރާ މީހުން 14 ދުވަހު ކަރަންޓީން ވާން ޖެހޭ ގޮތަށެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު ތަފާސްހިސާބުތައް ދައްކާގޮތުގައި ރިސޯޓު މުވައްޒަފުންގެ ތެރެއިން 70 ޕަސެންޓަށްވުރެ ގިނަ މީހުން ވަނީ ދެ ޑޯޒު ފުރިހަމަ ކޮށްފަ އެވެ. އަދި ބައެއް ރިސޯޓުތަކުގެ 100 ޕަސެންޓް މުވައްޒަފުން ވަނީ ދެ ޑޯޒު ފުރިހަމަ ކޮށްފަ އެވެ.

"މިހާރު"އާ ވާހަކަދެއްކި ރިސޯޓު މުވައްޒަފަކު ބުނީ ސަރުކާރުން އެއްވެސް ގޮތަކަށް ރިސޯޓު މުވައްޒަފުންނާ މެދު ނުވިސްނާކަން މިހާރު ހާމަވެއްޖެ ކަމަށެވެ. އެގޮތުން، ރިސޯޓު މުވައްޒަފުން އަހަރެއްހާ ދުވަހު ކުރި އުއްމީދުތައް ސަރުކާރުން ފުނޑުފުނޑު ކޮށްލައިފި ކަމަށް އޭނާ ބުންޏެވެ.

ރިސޯޓެއްގެ މުވައްޒަފަކު ޓޫރިސްޓުން ރިސީވް ކުރަނީ: މަސައްކަތް ކުރީ ވަރަށް ބޮޑު ރިސްކެއްގެ ތެރޭގައި -- ފައިލް ފޮޓޯ: މިހާރު

ރިސޯޓެއްގެ މުވައްޒަފަކު ޓޫރިސްޓުން ރިސީވް ކުރަނީ: މަސައްކަތް ކުރީ ވަރަށް ބޮޑު ރިސްކެއްގެ ތެރޭގައި -- ފައިލް ފޮޓޯ: މިހާރު

"އަޅުގަނޑަށް އަނބިދަރިން ކައިރިއަށް ނުދެވޭތާ ހަ މަހަށްވުރެ ގިނަ ދުވަސް ވެއްޖެ. ވަރަށް އުއްމީދު ކޮށްގެން ހުރީ މި މަހު ރަށަށް ދެވޭނެ ކަމަށް. އެކަމަކު ހުރިހާ އުއްމީދެއް ފުނޑުފުނޑުކޮށްލައިފި." ނަން ހާމަ ނުކުރުމަށް އެދި މައުލޫމާތު ދިން ރިސޯޓު މުވައްޒަފަކު ބުންޏެވެ.

"މި ޕެންޑެމިކްގައި އެންމެ ކުރީ ސަފުގައި މަސައްކަތް ކުރާ އެއް ބަޔަކީ އަޅުގަނޑުމެން. ކޮންމެ ފަހަރަކު ނޫސް ކޮންފަރެންސްތަކަށް އަރާ އަޅުގަނޑުމެންގެ ތައުރީފު ކުރޭ. އެކަމަކު އަޅުގަނޑުމެންގެ ހައްގުގައި ކަމެއް ކުރަންވީމަ ނުވެފަ އޮންނަނީ."

އެހެން މުވައްޒަފަކު ބުނީ އޭނާ މަސައްކަތް ކުރާ ރިސޯޓުގެ ހުރިހާ މުވައްޒަފުން ވެސް ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށެވެ. އޭނާ ބުނީ ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް ލުއި ދެމުން އަންނައިރު ސަރުކާރުން އެ މީހުންނަށް ލުއި ނުދިނުމަކީ ރިސޯޓު މުވައްޒަފުންނާ ދޭތެރޭގައި ވި ބޮޑު ނާއިންސާފެއް ކަމަށެވެ.

"ކޮންމެ ކަމެއްގައި ވެސް ރިސޯޓު މުވައްޒަފުންނާ ދޭތެރޭ ކަންތައް ކުރަނީ ނާއިންސާފުން. ވެކްސިން ޖަހާށޭ ލުއި ދޭނަމޭ ބުނީ. ހުރިހާ އެންމެން މިތިބީ ވެކްސިން ޖަހައިގެން. ލިބުނު ލުޔެއް ނެތް. ރަށަށް ދަންޏާ މި ޖެހެނީ ޕޮޒިޓިވް ވެގެން، ރަނގަޅުވެގެން ދާން. އެ ނޫން ގޮތެއް ނެތް،" އެ މުވައްޒަފު ބުންޏެވެ.

ކަރަންޓީން ވާން ވެސް ރަށަށް ނުދެވޭ

ކޮވިޑް-19އާ ގުޅިގެން ސަރުކާރުން ވަނީ ރިސޯޓު މުވައްޒަފުންނަށް ޗުއްޓީ ދޭއިރު ޗުއްޓީގެ އިތުރުން ކަރަންޓީން ވާން 14 ދުވަސްދޭން ވަގުތީ ގާނޫނެއް ހަދައިފަ އެވެ. މި ސަންސެޓު ގާނޫނަށް ގިނަ ރިސޯޓުތަކުން އަމަލު ނުކުރާ ކަމުގެ ޝަކުވާތައް ވެސް ވަނީ އިތުރުވެފަ އެވެ.

ރިސޯޓު މުވައްޒަފަކު ބުނީ އޭނާ ޗުއްޓީ އަށް ދާން އެދުމުން ވެސް މެނޭޖުމަންޓުން ޗުއްޓީ ދޭން ދެކޮޅު ހަދާ ކަމަށެވެ. އެގޮތަށް ކަންތައް ކުރަނީ ކަރަންޓީނުގެ 14 ދުވަސް ދޭން ޖެހޭތީ ކަމަށް މެނޭޖުމަންޓުން އޭނާ ކައިރީގައި ބުނި ކަމަށް ވެސް އޭނާ ބުންޏެވެ.

ރިސޯޓު މުވައްޒަފަކު މަސައްކަތުގައި: ކޮވިޑް ތެރޭގައި ބުރަ މަސައްކަތްތަކެއް ކުރި -- ފޮޓޯ: ރިސޯޓް ވޯކާސް މޯލްޑިވްސް

ރިސޯޓު މުވައްޒަފަކު މަސައްކަތުގައި: ކޮވިޑް ތެރޭގައި ބުރަ މަސައްކަތްތަކެއް ކުރި -- ފޮޓޯ: ރިސޯޓް ވޯކާސް މޯލްޑިވްސް

"އަޅުގަނޑަށް ކުރިން ކޮންމެ ތިން މަހުން އެއްފަހަރު ރަށަށް ދެވޭ. އެކަމަކު ރިސޯޓު އަލުން ހުޅުވިފަހުން ރިސޯޓުގައި ތާށިވެފައި ހުންނަން މިޖެހެނީ. ސާދަ ދުވަސް ދޭން ޖެހޭތީ ޗުއްޓީ ވެސް ނުދިން. ވެކްސިން ފުރިހަމަ ކުރި މީހުންނަށް ލުއި ދިނީމަ ދެވޭނެ ކަމަށް ހުރީ. އެ ފުރުސަތު ވެސް ސަރުކާރުން ނުދިން،" ރިސޯޓު މުވައްޒަފަކު ބުންޏެވެ.

ރިސޯޓު މުވައްޒަފުންނަށް ރަށަށް ނުދެވޭތީ އެކަމަށް ހައްލު ހޯދައިދިނުމަށް އެދި "ރިސޯޓު ވޯކާސް މޯލްޑިވްސް" އިން ވަނީ ރައީސަށާއި ކަމާ ބެހޭ ފަރާތްތަކަށް ޕެޓިޝަނެއް ހުށަހަޅަން ވެސް ތައްޔާރުވެފަ އެވެ. މި ޕެޓިޝަނުގައި 600 އަށްވުރެ ގިނަ ރިސޯޓު މުވައްޒަފުން ވަނީ ސޮއި ކޮށްފަ އެވެ.

ޓޫރިޒަމް ދާއިރާގެ މުވައްޒަފުންގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ "ޓީމް" އިން ވެސް ވަނީ މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ވީހާ ވެސް އަވަހަށް އެޗްޕީއޭގެ ގަވާއިދުތަކަށް ބަދަލު ގެނެސް، ރިސޯޓު މުވައްޒަފުންނަށް ރަށަށް ދެވޭ ގޮތް ހަދައިދޭން އެ ޖަމިއްޔާއިން ވަނީ ސަރުކާރުގައި އެދިފަ އެވެ.

ހަގީގަތަކީ މި ކޮވިޑް ތެރޭގައި ރިސޯޓްތަކުގެ މުވައްޒަފުން ވަރަށް ބޮޑު ރިސްކެއް ނެގި ކަމެވެ. ބައެއް ރިސޯޓްތަކަށް އެއްވެސް ހުރަހެއް ނެތި ޓޫރިސްޓުން އައިސް، މާސްކް ވެސް ނާޅައި އުޅެމުން ދިޔަ އިރު މުވައްޒަފުން ދިޔައީ ބަރާބަރަށް ޑިއުޓީ އަދާކުރަމުންނެވެ. ބައެއް މުވައްޒަފުން ބުނި ގޮތުގައި އެއީ ގައުމަށް ޓަކައި ކޮށްދިން ހިދުމަތެކެވެ. އެކަމަކު އެ މުވައްޒަފުން މިއަދު ސުވާލުކުރަމުން ދަނީ، ގައުމުން އެ މީހުންނަށް ކޮށްދިނީ ކޮން ކަމެއް ހެއްޔޭ އެވެ؟