Roadha Mihaaru
އީވާގެ އިތުބާރު ނެތް މައްސަލަ އާދީއްތަ ދުވަހު

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އާދީއްތަ ދުވަހު

29 ނޮވެމްބަރ 2023

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަންނަ އާދީއްތަ ދުވަހުގެ ޖަލްސާ އަށް އެޖެންޑާ ކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަންނަ އާދީއްތަ ދުވަހުގެ ޖަލްސާ އަށް އެޖެންޑާ ކޮށްފި އެވެ.

އެމްޑީޕީގެ 49 މެންބަރުންނާއި މިނިވަން މެންބަރެއް ކަމަށްވާ ނޮޅިވަރަމް ދާއިރާގެ މުހައްމަދު ނަޝީދު އަބްދުﷲ ސޮއިކުރައްވައި ހުށަހެޅި އެ މައްސަލައިގެ ނޯޓިސް އީވާ އަށް ފޮނުވާފައި ވަނީ މި މަހުގެ 20 ގަ އެވެ.

މަޖިލީހުގެ ގަވައިދު ބުނާ ގޮތުން ނޯޓިސް ފޮނުވާތާ 14 ދުވަހަށް ފަހު އެންމެ ފުރަތަމަ ބާއްވާ ޖަލްސާގައި އެ މައްސަލަ ކުރިއަށް ގެންދަން ޖެހެ އެވެ.

އީވާ މަގާމުން ވަކިކުރަން ހުށަހެޅި ސަބަބުތައް ބަޔާން ކުރަމުން އެމްޑީޕީން ބުނެފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އީވާއާ އާއިލީ ގޮތުން ގުޅުން އޮތަސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި އީވާ އަމަލު ކުރެއްވީ އަމިއްލަ ޒާތީ މަސްލަހަތު އިސް ކުރައްވައިގެން ކަމަށެވެ.

އީވާ މަޖިލީހަށް އިންތިހާބުކުރީ އެމްޑީޕީ މެންބަރެއް ގޮތުގައި ކަމަށް ވިޔަސް އެ ޕާޓީން ވަކިވުމާ އެކު، އެ އެމްޑީޕީއާ އެކު، ހަދާފައިވާ ކެންޑިޑޭޓުންގެ އިގުރާރާ ވެސް އީވާ ހިލާފުވެފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.

އެހެންވެ އެ ޕާޓީގެ މެންބަރުންގެ އިތުބާރު އީވާ އަށް ގެއްލިފައިވާ ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ.

މަޖިލީހުގެ އާންމު ކޮމިޓީން ވަނީ އާދީއްތަ ދުވަހު އީވާ ޖަވާބުދާރީވުމަށް 30 މިނިޓުގެ ވަގުތެއް ދިނުމަށް ނިންމައިފަ އެވެ.