Roadha Mihaaru
ބޮޑުގޭ ޕާކިން ޒޯން ހުޅުވައިފި

175 ސައިކަލުގެ ޖާގައާ އެކު ބޮޑުގޭ ޕާކިން ޒޯން ހުޅުވައިފި

12 ޖުލައި 2021

މާފަންނުގައި ވަގުތީ މިސްކިތެއް ހުންނަ ބޮޑުގޭގެ އުތުރު ފަރާތުގައި ހެދި ޕާކިން ޒޯން، މާލޭ ސިޓީ ކައުންސިލުން މިއަދު ހުޅުވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާފަންނުގައި ވަގުތީ މިސްކިތެއް ހުންނަ ބޮޑުގޭގެ އުތުރު ފަރާތުގައި ހެދި ޕާކިން ޒޯން، މާލޭ ސިޓީ ކައުންސިލުން މިއަދު ހުޅުވައިފި އެވެ.

ސިޓީ ކައުންސިލުން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ޕާކިން ޒޯން ހުޅުއްވައިދެއްވީ މާލޭ ސިޓީގެ މޭޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

މި ޕާކިން ޒޯންގައި 175 ސައިކަލު ޕާކު ކުރެވޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ. އަދި މިތަން ހުޅުވާލުމާ އެކު އެ ސަރަޙައްދުގައި އޮންނަ ހަނިގޯޅިއެއް ކަމަށްވާ ދަކަނދާ މަގުގައި ޕާކް ކުރާ ސައިކަލްތައް މި ޒޯނަށް ބަދަލުކޮށް، އެ މަގުގައި ޕާކް ނުކުރެވޭ ގޮތަށް ވަނީ ހަދައިފަ އެވެ.

ބޮޑުގޭގައި ހެދި ޕާކިން ޒޯން ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: މާލޭ ސިޓީ ކައުންސިލް

ބޮޑުގޭގައި ހެދި ޕާކިން ޒޯން ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: މާލޭ ސިޓީ ކައުންސިލް

ބޮޑުގޭ ޕާކިންގް ޒޯން ހުޅުވާލީ އެ ތަން ރީތި ކުރުމަށް ފަންނުވެރިންގެ ހުނަރު ފެންނަ ގޮތަށް އެތަނުގެ ފާރުތަކުގައި ކުރެހުންތައް ވެސް ކުރެހުމަށް ފަހު އެވެ.

"މި ތަނުގައި ޕާކިން ޒޯނެއް ހެދުމުގެ މަސައްކަތް މި ފެށީ މި ސަރަހައްދުގެ ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިން. މަސައްކަތް ނިމުނީމާ އޭގެ ފަސޭހަކަން ލިބޭނެ،" މި ޕާކިން ޒޯންގެ މަސައްކަތް ފެއްޓެވި ދުވަހު މުއިއްޒު ވިދާޅުވެފައިވެ އެވެ.

ބޮޑުގޭގައި ހެދި ޕާކިން ޒޯން ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: މާލޭ ސިޓީ ކައުންސިލް

ބޮޑުގޭގައި ހެދި ޕާކިން ޒޯން ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: މާލޭ ސިޓީ ކައުންސިލް

ސިޓީ ކައުންސިލުން ބުނީ މާލޭގެ ޕާކިން މައްސަލަ އަށް ހައްލެއް ގެނައުމަށާއި ހިނގާފައި މަގުތަކުގައި އުޅޭ މީހުންނަށާއި އަދި އެއްގަމު އުޅަނދު ފަހަރު ދުއްވާ މީހުންނަށް ފަސޭހަ ވާނެ ގޮތަށް އިތުރު މަގުތައް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މާލޭގެ އެކި ސަރަހައްދުތަކުގައި ޕާކިން ޒޯންތައް ހަދަމުން އަންނައިރު، މިހާރު ވެސް ކުއްޔަށް ޕާކް ކުރެވޭނެ 211 ޖާގަ އަށް ކުރިމަތިލާން ވަނީ ހުޅުވާލައިފަ އެވެ.

މިހާތަނަށް ކުރެވުނު މަސައްކަތުން 6،000 އަށް ވުރެ ގިނަ ވެހިކަލްތައް މަގުމަތިން ނަގައި، ޕާކިން ޒޯންތަކަށް ވެއްދިފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.