Roadha Mihaaru
ޔޫއްޕެގެ ޑައިރެކްޝަނުން 5 ހޮވުމެއް

ޔޫއްޕެގެ ޑައިރެކްޝަނުން 5 ހޮވުމެއް

26 ޖުލައި 2021

އެކްޓަރެއްގެ އިތުރުން ޑައިރެކްޓަރެއްގެ ގޮތުގައި ވެސް ޔޫސުފް ޝަފީއު (ޔޫއްޕެ) އަކީ ވަރަށް ފާހަގަކޮށްލެވޭ ފަންނާނެކެވެ. ރާއްޖޭގައި އެންމެ ނަގާ ކިޔާ ޑައިރެކްޓަރުން މިހާތަނަށް ގެނެސްދިން އުފެއްދުންތަކަށް ވުރެ ގިނަ އުފެއްދުންތައް ޑައިރެކްޓަރެއްގެ ގޮތުގައި ގެނެސްދީގެން ވެސް ބެލުންތެރިންގެ ލޯތްބާއި ސަޕޯޓް ޔޫއްޕެ ހޯދާފައިވެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެކްޓަރެއްގެ އިތުރުން ޑައިރެކްޓަރެއްގެ ގޮތުގައި ވެސް ޔޫސުފް ޝަފީއު (ޔޫއްޕެ) އަކީ ވަރަށް ފާހަގަކޮށްލެވޭ ފަންނާނެކެވެ. ރާއްޖޭގައި އެންމެ ނަގާ ކިޔާ ޑައިރެކްޓަރުން މިހާތަނަށް ގެނެސްދިން އުފެއްދުންތަކަށް ވުރެ ގިނަ އުފެއްދުންތައް ޑައިރެކްޓަރެއްގެ ގޮތުގައި ގެނެސްދީގެން ވެސް ބެލުންތެރިންގެ ލޯތްބާއި ސަޕޯޓް ޔޫއްޕެ ހޯދާފައިވެ އެވެ.

އެހެންވެ ހަމައެކަނި އެކްޓަރެއްގެ ގޮތުގައި ފިލްމީ ދާއިރާ އަށް މިހާތަނަށް ކޮށް ދީފައިވާ ހިދުމަތްކުގެ އިތުރުން ކެމެރާގެ ފުރަގަހުގައި ވެސް ޔޫއްޕެ އަކީ މަސައްކަތްތެރިއެކެވެ. އެކްޓްކުރުމާއި ޑައިރެކްޓްރުމުގެ އިތުރަށް އޭނާ އަކީ ސްކްރީން ރައިޓަރެކެވެ. ޔޫއްޕެގެ ތަފާތު ކަމަކީ އަބަދު ވެސް ތަފާތު އެކި ކަހަލަ ޖޯންރާތަކުގެ އުފެއްދުންތައް ގެނެސްދޭތީ އެވެ.

އޭނާ އަކީ އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް ހިންގަމުން އަންނަ މީހެކެވެ.

މި ފަހުން ޔޫއްޕެ އަންނަނީ ސީރީޒްތައް ވެސް ލިޔެ، ޑައިރެކްޓްކުރަމުންނެވެ. އޭނާގެ ޑައިރެކްޝަން ފެށުނީ 2004 ގެ "އެ ދަތުރު" އިންނެވެ. އޭގެ ފަހުން އެ ދަތުރަށް ހުއްޓުމެއް ނެތެވެ.

ހަނދާން އާކޮށްލަން ބޭނުން ވަނީ ޔޫއްޕެ ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ފަސް ފިލްމެއްގެ މަތިންނެވެ. މިހާރު ވެސް އޭނާ ޑައިރެކްޓްކޮށްފައި އޮތް ދެ ފީޗާ ފިލްމެއްގެ މަސައްކަތް ނިމިފައި އެބައޮތެވެ. އެއީ "ކޮސް ގިނަ މިސްޓޭކް" އާއި "ކަޅަކި" އެވެ.

1. ދެވަންސޫރަ

ދެހާސް އަށާރަ ވަނަ އަހަރު ރިލީޒްކުރި މި މާޑާ މިސްޓްރީ އަކީ ޔޫއްޕެ ލިޔެ، ޑައިރެކްޓްކޮށް މުހިއްމު ރޯލެއް ވެސް ކުޅުނު ފިލްމެކެވެ. އިންޑިއާގެ ކުރު ފިލްމެއްގެ ޕްލޮޓެއް އަސްލަކަށް ބަލައިގެން ހެދި "ދެވަންސޫރަ" އަކީ ޔޫއްޕެ މިހާތަނަށް ގެނެސްދިން ފިލްމުތަކުގެ ތެރެއިން އެންމެ ތަފާތު އެއް ފިލްމެވެ.

އަލަށް ތައާރަފުކުރި މަރިޔަމް ޝިފާ ބަތަލާގެ ރޯލު ކުޅުނު ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި އަލީ އާޒިމް (ދޮންއައްޔަ)، މުހައްމަދު ފައިސަލް، އަހުމަދު އީސަ (އާނަންދު)، އިބްރާހީމް ޖިހާދު (ޖިމީ) އަދި ޖާދުﷲ އިސްމާއީލް (ޖާދު) ހިމެނެ އެވެ.

"ދެވަންސޫރަ" އަކީ އެންމެ ފަހުން ބޭއްވި ދިވެހި ފިލްމު އެވޯޑްސްގައި އެންމެ ވަރުގަދަ އެވޯޑްތައް ގެންދިޔަ ފިލްމެވެ. އޭގެ ތެރޭގައި މޮޅު ޑައިރެކްޓަރާއި މޮޅު ސްކްރީންޕްލޭ އާއި މޮޅު އެކްޓަރު އަދި މޮޅު އެޑިޓިން ހިމެނެ އެވެ.

"ދެވަންސޫރަ" ބަލައިލަން ބޭނުން ނަމަ މިހާރު ބައިސްކޯފުން އެ ފުރުސަތު އެބައޮތެވެ.

2. ލޯތްބަށްޓަކައި

މިއީ ލޯބީގެ ވަރަށް ސީރިއަސް ފިލްމެކެވެ. އަނެއްކާ ވެސް ހަމަ ޔޫއްޕެ ލިޔެ، ޑައިރެކްޓްކޮށް މުހިއްމު ރޯލެއް ވެސް ކުޅުނު ފިލްމެކެވެ.

ދެހާސް ނުވައެއްގައި ގެނެސްދިން "ލޯތްބަށްޓަކައި" ގެ ކާސްޓްގައި ޝީލާ ޏަޖީބު، ފައިސަލް އަދި ފާތުމަތު ފަރީލާ ހިމެނެ އެވެ.

3. އިންސާފު

ދެހާސް އެގާރައިގައި ގެނެސްދިން "އިންސާފު" އަކީ ރަށެއްގެ ދެ އަވަށެއްގެ މަދުގައި އޮންނަ ވާދަވެރިކަމާއި ކުށުގެ ވެށި ހަމައަކަށް އަޅުވައި އަމާން ތަނަކަށް ހަދަން ފުލުހުން ކުރާ މަސައްކަތް ދައްކުވައި ދިން ފިލްމެކެވެ.

ޔޫއްޕެ ލިޔެ، ޑައިރެކްޓްކޮށް އަދި ފުލުހެއްގެ ރޯލު ވެސް ކުޅުނު މި ފިލްމަކީ ބޮލީވުޑްގެ ތަރި އަޖޭ ދޭވްގަން ކުޅުނު "ސިންގަމް" ސްޓައިލްގެ ފިލްމެކެވެ. "އިންސާފު" ގެ ކާސްޓްގައި މުހައްމަދު މަނިކް، އަހުމަދު ސައީދު، އަހުމަދު ޒިޔާ، ޖިމީ އަދި މަރިޔަމް ޝަހުޒާ ގަދަ ތަރިން ހިމެނެ އެވެ.

މި ފިލްމުގެ ކާމިޔާބީ އަށް ފަހު އޭގެ ދެވަނަ ބައެއް ވެސް ހަދަން އުޅޭ ވާހަކަ ދެކެވުނެވެ. އެކަމަކު ފަހަކުން އެ އެ ފިލްމުގެ ވާހަކައެއް ނުދެކެވެ އެވެ.

ސާކް ފިލްމު ފެސްޓިވަލްގައި ވެސް ދެއްކި "އިންސާފު" އަކީ ދެވަނަ ދިވެހި ފިލްމު އެވޯޑްސްގައި ތިން އެވޯޑް ވެސް ހޯދި ފިލްމެކެވެ. އެއީ މޮޅު ސައުންޑް މިކްސިން، ސައުންޑް އެޑިޓިން އަދި އޮރިޖިނަލް ސްކޯ އެވޯޑެވެ.

4. ވީރާނާ

ފާތުމަތު ނަހުލާގެ ސްކްރީންޕްލޭއަކަށް 2010 ގައި ގެނެސްދިން "ވީރާނާ" އަކީ ކުޑަކުއްޖަކަށް ކުރިމަތިވާ ޖިންސީ ގޯނާގެ މައްސަލައެއްގެ ސަބަބުން ދިމާވާ ކަންތައްތަކެއް ދައްކުވައި ދިން ފިލްމެކެވެ.

ޔޫއްޕެ ފިލްމު ޑައިރެކްޓްކުރި އިރު އޭނާއާ އެކު މީގެ މުހިއްމު ރޯލުތައް ކުޅުނީ ނިއުމާ މުހައްމަދާއި އާމިރާ އިސްމާއީލެވެ.

5. ދައުވަތު

"ދައުވަތު" އަކީ ޔޫއްޕެ 2019 ގައި ގެނެސްދިން ފިލްމެކެވެ. އޭނާގެ އަމިއްލަ ސްކްރީންޕްލޭއަކަށް ހެދި މި ފިލްމަކީ ދެމަފިރިޔަކު ދުރުކުރަން ސިހުރު ހެދުމުން ދިމާވާ ހާދިސާތަކެއް ދައްކުވައި ދިން ބިރުވެރި ފިލްމެކެވެ.

މީގެ ކާސްޓްގައި މަރިޔަމް އައްޒަ، އާނަންދު އަދި ދޮންއައްޔަ އަދި ފައިސަލް ހިމެނެ އެވެ.