Roadha Mihaaru
ބިދޭސީ ލަޝްކަރެއް ބޭނުމެއް ނޫން: އިރާގުގެ ބޮޑުވަޒީރު

ބިދޭސީ ލަޝްކަރެއް ބޭނުމެއް ނޫން: އިރާގުގެ ބޮޑުވަޒީރު

25 ޖުލައި 2021

އިރާގުގައި އުޅޭ އިސްލާމިކް ސްޓޭޓްގެ ހަނގުރާމަވެރިން ބަލިކުރުމަށްޓަކައި އެމެރިކާ ސިފައިން ނުވަތަ ބިދޭސީ އެއްވެސް ގައުމެއްގެ ލަޝްކަރެއް ބޭނުން ނުވާކަމަށް، އިރާގުގެ ބޮޑުވަޒީރު މުސްތަފާ އަލްކާޒިމީ މިއަދު ވިދާޅުވެއްޖެ އެވެ.

އިރާގުގައި އުޅޭ އިސްލާމިކް ސްޓޭޓްގެ ހަނގުރާމަވެރިން ބަލިކުރުމަށްޓަކައި އެމެރިކާ ސިފައިން ނުވަތަ ބިދޭސީ އެއްވެސް ގައުމެއްގެ ލަޝްކަރެއް ބޭނުން ނުވާކަމަށް، އިރާގުގެ ބޮޑުވަޒީރު މުސްތަފާ އަލްކާޒިމީ މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމެރިކާ ސިފައިންގެ ލަޝްކަރެއް އިރާގުގައި ނެތަސް، އިރާގުގެ އަސްކަރިއްޔާ ތަމްރީންކޮށް ތަރައްގީކުރުމުގައި އެމެރިކާގެ އަސްކަރީ ތަޖުރިބާގެ އެހީ، އިރާގަށް ވަރަށް ބޭނުމެވެ. އަދި އެކަމާ ބެހޭ ގޮތުން، އެމެރިކާ ސަރުކާރާ އެކު މިހާރު ދައްކަމުން ވާހަކަތަކުން ނަތީޖާއެއް ނެރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެސޯސިއޭޓެޑް ޕްރެސް އަށް ދެއްވި އިންޓަވިއުއެއްގައި މުސްތަފާ އަލް ކާޒިމީ ވިދާޅުވީ، އެމެރިކާގެ ޖާސޫސީ މައުލޫމާތު ވެސް އިރާގު ސަރުކާރަށް ބޭނުންވާ ކަމަށާއި، އެ ދާއިރާއިން އެހީތެރިވެދިނުމަށް ވެސް އެމެރިކާގައި އެދޭނެ ކަމަށެވެ. އޭގެ އިތުރުން މިދިޔަ އެޕްރީލް މަހުގެ ތެރޭގައި އެމެރިކާ އިން އިއުލާންކޮށްފައިވާ ގޮތުގެ މަތިން، އެމެރިކާ ސިފައިން އިރާގުން ފައިބާނެ ގޮތުގެ ވަގުތު ތާވަލެއް އެކުލަވައިލުމަށް ވެސް، އިރާގުން އެމެރިކާގައި އެދޭނެ ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ.

"އައިއެސް ޖަމާއަތާ ދެކޮޅަށް ހަނގުރާމަ ކުރުމަށާއި، އަހަރެމެންގެ ލަޝްކަރު އެކަމަށް ތައްޔާރުކުރުމަށް ވެސް ވަގުތު ތާވަލެއް އެބަ ބޭނުންވޭ. ނަމަވެސް އެކަންކަމާ މެދު ވަކި ގޮތެއް ނިންމޭނީ، އަޅުގަނޑު ވޮޝިންޓަނަށް ގޮސް އެމެރިކާގެ ވެރިންނާ އެކު ދައްކާ ވާހަކަތަކުގެ ތެރެއިން،" އެމެރިކާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގަންނަވަމުން ބޮޑުވަޒީރު ވިދާޅުވި އެވެ.

ކާޒިމީގެ މި ދަތުރުފުޅުގައި އެމެރިކާގެ ރައީސް ޖޯ ބައިޑެންއާ އެކު ބައްދަލުކުރައްވައި، އެމެރިކާ ސިފައިން އިރާގުން ބޭލުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ އެވެ. އެމެރިކާ ސިފައިން އިރާގުން ބޭލުމަކީ، އިރާގުގެ ޝީއީ ޖަމާއަތްތައް މިވަގުތު އެންމެ ބޮޑަށް، އިރާގު ސަރުކާރަށް ބާރުއަޅަމުން އަންނަ ކަންތަކެވެ.

ވަކިން ހާއްސަ ގޮތެއްގައި މިދިޔަ އަހަރުގެ ތެރޭގައި އިރާގަށް ވަޑައިގެންނެވި ތަނުން، އީރާންގެ އަސްކަރީ ޖެނެރަލް ގާސިމް ސުލައިމާން އާއި އިރާގުގެ ޝީއީ ހަނގުރާމަވެރިންގެ ކޮމާންޑަރު އަބޫ މަހްދީ އަލް މުހައްދިސް، އެމެރިކާ ސިފައިން ދިން ޑްރޯން ހަމަލާއެއްގައި އަވަހާރަކޮށްލުމާ ގުޅިގެން، ޝީއީންގެ ރުޅިވެރިކަން ވަނީ ވަރަށް ބޮޑުވެފަ އެވެ.

އެ ހާދިސާ އަށް ފަހު، އިރާގުގެ ޝީއީ ހަނގުރާމަވެރިންގެ ފަރާތުން، އެމެރިކާ ސިފައިންނަށް ދޭ ހަމަލާތައް ވެސް ވަނީ އިތުރުކޮށްފަ އެވެ. އިރާގުގެ ޝީއީންގެ އެންމެ ބޮޑު ޝަކުވާއަކީ، އިރާގުގެ އެތެރޭގެ ސަލާމަތީ ކަންތައް ބެލެހެއްޓުމުގައި ވެސް، އިރާގު ސިފައިންނަށް ވުރެ އެމެރިކާ ސިފައިންގެ ނުފޫޒު ބޮޑުވުމެވެ.