Roadha Mihaaru
ބޯކޮށް ވާރޭ ވެހި ލަންޑަންގައި ފެންބޮޑުވެފައި

ބޯކޮށް ވާރޭ ވެހި ލަންޑަންގައި ފެންބޮޑުވެފައި

26 ޖުލައި 2021

އިނގިރޭސި ވިލާތުގެ ލަންޑަނަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، ހޮނުއެޅުމާއި ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން، ލަންޑަންގެ ގިނަ ސަރަހައްދުތަކެއްގައި ފެންބޮޑުވެ، އާންމު ހަރަކާތްތަކަށް ވަރަށް ބޮޑަށް ހުރަސް އެޅިއްޖެ އެވެ.

އިނގިރޭސި ވިލާތުގެ ލަންޑަނަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، ހޮނުއެޅުމާއި ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން، ލަންޑަންގެ ގިނަ ސަރަހައްދުތަކެއްގައި ފެންބޮޑުވެ، އާންމު ހަރަކާތްތަކަށް ވަރަށް ބޮޑަށް ހުރަސް އެޅިއްޖެ އެވެ.

ލަންޑާން މެޓްރޯޕޮލިޓަން ފުލުހުން ބުނި ގޮތުގައި ލަންޑަންގެ މެދުތެރޭ ސަރަހައްދުގެ ވަށައިގެން އޮންނަ މަގުތަކުގައި ވަނީ ވަރަށް ބޮޑަށް ފެން ބޮޑުވެފަ އެވެ. ލަންޑަންގެ އެތެރޭގައި ދަތުރުކުރާ ބިންގަރާސް ރޭލު މަގުތަކުގައި ވެސް ވަނީ ދަތުރުފަތުރު ނުކުރެވޭ ވަރަށް ފެންބޮޑުވެފަ އެވެ.

ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް އެންމެ ބޮޑަށް ހުރަސް އެޅިފައިވަނީ، އާންމު ދަތުފަތުރުތަކަށެވެ. ޓިއުބްގެ ނަމުން އިނގިރޭސި ވިލާތުގައި މަޝްހޫރުވެފައިވާ ރޭލުގެ ހިދުމަތް ވެސް، ވަރަށް ގިނަ ސަރަހައްދުތަކުގައި މިހާރު ވަނީ މެދުކަނޑާލަން ޖެހިފަ އެވެ. އޭގެ އިތުރުން ވަރަށް ގިނަ ބަސްތައް ދަތުރުކުރާ އާންމު މަގުތައް ބަންދުކޮށް، އެ ބަސްތައް ވަނީ އެހެން މަގުތަކަށް ބަދަލުކޮށްފަ އެވެ.

ބޯކޮށް ވާރޭ ވެހި ފެން ބޮޑުވުމުގެ ސަބަބުން، ލަންޑަންގެ މަޝްހޫރު ދެ ހޮސްޕިޓަލެއް ކަމަށްވާ، ނިއުހަމް ޔުނިވަސިޓީ ހޮސްޕިޓަލާއި ވިޕްސް ކްރޮސް ޔުނިވަސިޓީ ހޮސްޕިޓަލުގެ ހިދުމަތްތަކަށް ވަނީ ބުރޫ އަރައިފަ އެވެ. އެހެންވުމުން، އެ ދެ ހޮސްޕިޓަލުން ޑޮކްޓަރުންނަށް ދައްކަން އަންނަ މީހުން އެހެން ހޮސްޕިޓަލްތަކަށް ދިއުމަށް ވަނީ އިރުޝާދު ދީފަ އެވެ.

ސޯޝަލް މީޑިއާ އިން ފެންނަ ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި، ކާރު ފަދަ އެއްގަމު އުޅަނދު ނުދުއްވޭ ވަރަށް ލަންޑަންގެ ބައެއް މަގުތަކުގައި ވަނީ ފެން ބޮޑުވެފަ އެވެ. އަދި ބައެއް ސަރަހައްދުތަކުގެ މަގުތަކުގައި، ކުދި ޑިންގީ އާއި ބޮއްކުރާ ފަދަ ތަކެތީގައި، މީހުން ސަލާމަތްކުރާ ޓީމުތައް ހަރަކާތްތެރިވާ މަންޒަރު ވެސް ފެނެ އެވެ.

ލަންޑަންގެ އަލިފާން ނިއްވާ އިދާރާ އިން ބުނި ގޮތުގައި، ގޭގޭގައި ފެން ބޮޑުވެގެން ވަރަށް ގިނަ ފޯންކޯލުތައް އެ އިދާރާ އަށް ލިބިފައިވެ އެވެ. އޭގެ އިތުރުން ބައެއް ގޭގޭގެ ސީލިންގް ވެއްޓުމާއި، އެއްގަމު އުޅަނދުފަހަރު ފެންގަނޑުގެ ތެރޭގައި ތާށިވުމުގެ ސަބަބުން އެހީއަށް އެދިގެން ކުރި ފޯންކޯލްތައް ވެސް ހިމެނެ އެވެ.

ފެންބޮޑުވުމުގެ ކުއްލި ހާދިސާއެއް އިއްޔެ ލަންޑަނަށް މިކުރިމަތިވީ، މިދިޔަ ހުކުރު ދުވަހު ރެކޯޑް މިންވަރަކަށް ހޫނުމިން މަތިވުމަށް ފަހު އެވެ. މޫސުމާ ބެހޭ ރިޕޯޓްތައް ބުނާ ގޮތުގައި، އިއްޔެ ލަންޑަންގެ ބައެއް ހިސާބުތަކަށް އެއް ގަޑިއިރުގެ ތެރޭގައި، 60-92 ސެންޓިމީޓަރުގެ ވާރޭ ވެހުނެވެ.