Roadha Mihaaru
ސްކޫލްތަކުގައި ނާސްތާދިނުން މިއަހަރުގެ ނިޔަލަށް ނޯންނާނެ

ސްކޫލްތަކުގައި ނާސްތާ ޕްރޮގްރާމް މިއަހަރުގެ ނިޔަލަށް ކުރިއަށް ނުގެންދަން ނިންމައިފި

26 ޖުލައި 2021

ކޮވިޑް-19ގެ އެންމެ ނާޒުކް ދުވަސްތަކަށް ފަހު، ސްކޫލުތަކުގައި ކިޔަވައިދިނުން ފެށި ނަމަވެސް މި އަހަރުގެ ބާކީ ދުވަސްތަކުގައި ވެސް ނާސްތާ ޕްރޮގްރާމް ކުރިއަށް ނުގެންދަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކޮވިޑް-19ގެ އެންމެ ނާޒުކް ދުވަސްތަކަށް ފަހު، ސްކޫލުތަކުގައި ކިޔަވައިދިނުން ފެށި ނަމަވެސް މި އަހަރުގެ ބާކީ ދުވަސްތަކުގައި ވެސް ނާސްތާ ޕްރޮގްރާމް ކުރިއަށް ނުގެންދަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުގެ ދަށުން ސަރުކާރުގެ ހަރަދުގައި ސްކޫލުތަކުގައި ދަރިވަރުންނަށް ނާސްތާ ދޭން ފެށީ 2019 ގަ އެވެ. އެ ޕްރޮގްރާމްގައި ފުރަތަމަ ބައިވެރިކުރީ 25 ސްކޫލެއް ކަމަށް ވިޔަސް އެ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށީ ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ނާސްތާ ދިނުމުގެ ވައުދާ އެކު އެވެ.

ނަމަވެސް ރާއްޖޭގައި ކޮވިޑުގެ ބަލިމަޑުކަން ފެތުރުމާ އެކު، އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އެންގީ ނާސްތާ ޕްރޮގްރާމް މެދުކަނޑައިލަން ނިންމާފައިވާ ކަމަށެވެ. އަދި ދަރިވަރުންނަށް ގޭގައި ރަނގަޅަށް ނާސްތާ ދިނުމަށް ފަހު ސްކޫލަށް ފޮނުވުމަށާއި ބޯނެ ފެން ވެސް ގެއިން ހިފައިގެން ދިއުމަށް ބެލެނިވެރިނަށް އެންގި އެވެ. މިދިޔަ އަހަރުގެ ކިޔެވުން ނިންމައި، މިދިޔަ މަހު އެ ކުދިން ޗުއްޓީ އަށް ދިއުމާ ހަަމަ އަށް ވެސް ނާސްތާ ޕްރޮގްރާމު އޮތީ މެދުކަނޑާލައިފަ އެވެ.

އަންނަ މަހުގެ 10 ވަނަ ދުވަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާ ގޮތަށް ނިންމާފައިވާއިރު، އެޑިއުކޭޝަން މިނިސްޓްރީން ސަރުކާރުގެ ސްކޫލުތަކަށް ފޮނުވި މެސެޖެއްގައި ވަނީ މި ވަގުތު ރާއްޖޭގައި ކޮވިޑްގެ ހާލަތު އޮތް ގޮތުން ނާސްތާ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ދަތިތަކެއް ހުރުމާ އެކު، މި އަހަރުގެ ނިޔަލަށް އެ ޕްރޮގްރާމު މެދުކަނޑައިލަން ނިންމާފައިވާ ކަމަށެވެ.

ނާސްތާ ޕްރޮގްރާމް މެދުކަނޑައިލި ނަމަވެސް ސްކޫލުތަކުގައި ގިނަ އަދަދެއްގެ ކިރު ޕެކެޓްތަކެއް ހުރުމާއި އޯޑަރު ދީފައިވާ ކިރު ޕެކެޓް ހުރުމުން އެ ތަކެތި ސްކޫލުތަކުގައި ބޭނުން ކުރަން ނިންމާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ. އެގޮތުން ދިރާސީ އަހަރުގެ ކިޔެވުން ފެށުމުން، ބޭނުންވާ ދަރިވަރުންނަށް އެ ކިރު ޕެކެޓްތައް ނާސްތާ ގަޑީގައި ދޭނެ ކަމަށް ބުންޏެވެ.

"ދިރާސީ އަހަރުގެ ކިޔެވުން ފެށުމުން ކިރު ޕެކެޓް ބޭނުންވާ ދަރިވަރުންނަށް ކޮންމެ ދުވަހަކު ކިރު ޕެކެޓެއް ނުވަތަ ކިރު ތައްޓެއް ދިނުމުގެ އިންތިޒާމު ސްކޫލުން ހަމަޖެއްސުން އެދެމެވެ،" މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި މެސެޖުގައިވެ އެވެ.

ސްކޫލެއްގައި ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްފައި--

ސްކޫލެއްގައި ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްފައި--

ނާސްތާ ޕްރޮގްރާމުގެ ދަށުން އެސްޓީއޯ އިން ގެނައި ގިނަ އަދަދެއްގެ ކިރު ޕެކެޓްތައް، މުއްދަތު ހަމަވެގެން އުކައިލަން ވެސް ކުރިން ޖެހުނެ އެވެ. އަދި ޕްރޮގްރާމް މެދުކަނޑައިލިއިރު ގިނަ އަދަދެއްގެ ކިރު ޕެކެޓް ހުރުމުން ދަރިވަރުންގެ މެދުގައި ބަހަން ވެސް ބެހި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މި ފަހަރު ސްކޫލުތަކަށް އެންގީ ކިރު ޕެކެޓްތަކުގެ މުއްދަތު ހަމަވާން ކައިރިވާއިރު، ވެސް ސްޓޮކް ހުރި ނަމަ، އެކަން އެ މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމަށެވެ. އަދި ކިރު ޕެކެޓެއްގެ މުއްދަތު ހަމަވުމުގެ ފަސް ދުވަސް ކުރިން ދަރިވަރުން ބޭނުން ނަމަ ދޭން ވާނެ ކަމަށް ބުނެފައިވެ އެވެ.

މި އަހަރުގެ ނިޔަލަށް ނާސްތާ ޕްރޮގްރާމް މެދުކަނޑައިލަން ނިންމިއިރު ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ފާސްކުރި ތައުލީމާ ބެހޭ ގާނޫނުގައި ބުނެފައިވާ ދުޅަހެޔޮ ސިއްހަތަކަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމުގެ ދަށުން، ސަރުކާރުގެ ކޮންމެ ސްކޫލަކުން ނާސްތާ ފޯރުކޮށްދޭން ޖެހެ އެވެ.

ސަރުކާރުގެ ސްކޫލުތަކަށް ނާސްތާ ފޯރުކޮށްދެނީ ވިޔަފާރި އުސޫލުން އެކި ފަރާތްތަކާ ހަވާލުކޮށްގެންނެވެ. އެގޮތުން 50،000 އަށް ވުރެ ގިނަ ދަރިވަރުންނަށް 203 ސްކޫލެއްގައި އައީ ނާސްތާ ދެމުންނެވެ. އެ ޕްރޮގްރާމް މެދުކަނޑައިލުމާ ހަމައަށް 139 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވެ އެވެ.