Roadha Mihaaru
މީޑިއާއާ ދެކޮޅަށް ޝިލްޕާ ކޯޓަށް

މީޑިއާއާ ދެކޮޅަށް ޝިލްޕާ ކޯޓަށް

31 ޖުލައި 2021

ބަރަހަނާ ފިލްމު ހެދި މައްސަލާގައި ފިރިމީހާ ރާޖް ކުންދުރާ ހައްޔަރުކުރި ފަހުން ބަތަލާ ޝިލްޕާ ޝެޓީ އާއި އޭނާގެ އާއިލާއާ ބެހޭ ގޮތުން ބައެއް މީޑިއާތަކުން ހަގީގަތާ ހިލާފު ވާހަކަ ދައްކާފައިވާތީ ލިބުނު ގެއްލުމުގެ ބަދަލު ހޯދަން މުމްބާއީ ހައި ކޯޓަށް ހުށަހަޅައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބަރަހަނާ ފިލްމު ހެދި މައްސަލާގައި ފިރިމީހާ ރާޖް ކުންދުރާ ހައްޔަރުކުރި ފަހުން ބަތަލާ ޝިލްޕާ ޝެޓީ އާއި އޭނާގެ އާއިލާއާ ބެހޭ ގޮތުން ބައެއް މީޑިއާތަކުން ހަގީގަތާ ހިލާފު ވާހަކަ ދައްކާފައިވާތީ ލިބުނު ގެއްލުމުގެ ބަދަލު ހޯދަން މުމްބާއީ ހައި ކޯޓަށް ހުށަހަޅައިފި އެވެ.

މީޑިއާތަކުން ބުނީ ޝިލްޕާ ބަދަލެއްގެ ގޮތުގައި 25 ކްރޯޑް ރުޕީސް ހޯދަން ކޯޓަށް ހުށަހެޅީ ސައްހަކަން ކަށަވަރުނުކޮށް އޭނާއާ ބެހޭ ގޮތުން ބައެއް މީޑިއާތަކުން ވަރަށް ގިނަ ވާހަކަ ފަތުރާފައިވާތީ ކަމަށެވެ. އަދި މީޑިއާތަކުން ގެނެސްދިން ހަގީގަތާ ހިލާފު ވާހަކަތައް ހިމެނޭ އާޓިކަލްތަކާއި ވީޑިއޯތަކާއި އެ ތަންތަނުގެ ވެބްސައިޓްތަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ޑިލީޓްކޮށް ދިނުމުގެ އަމުރަކަށް ވެސް އެދިފައިވެ އެވެ.

ޝިލްޕާ ބުނެފައިވާ ގޮތުގައި ފިރިމީހާ ހައްޔަރުކުރި ފަހު އޭނާ އާއި އާއިލާ އަދި ދަރިންނާ ބެހޭ ގޮތުން ވެސް ބައެއް މީޑިއާތަކުން ގެނެސްދީފައިވާ ރިޕޯޓްތަކުގެ ސަބަބުން ނަފުސާނީ ގޮތުން ވެސް އެތައް ގެއްލުމެއް ލިބި، އަމިއްލަ ނަފުސާއި އާއިލާގެ އަބުރާއި އިއްޒަތަށް ވެސް ހުތުރުވެފައިވެ އެވެ. ގިނަ ވާހަކަތައް ގެނެސްދީފައި ހުރީ އެ ވާހަކަތަކުގެ ސަައްހަކަން ކަށަވަރުނުކޮށް ކަމަށާއި އެކަމުގެ ސަބަބުން ޒާތީ ދިރިއުޅުމާއި ޕްރޮފެޝަނަލް ކެެރިއަރަށް ވެސް ގެއްލުންވެ، އާންމުންނާއި ފޭނުންގެ ކުރިމަތީގައި ވެސް އަގު ވެއްޓިފައިވާ ކަމަށް ބުންޏެވެ. ޝިލްޕާ ބުނީ އޭނާއާ ބެހޭ ގޮތުން މީޑިއާތަކުން ދައްކާ ސާބިތު ނުހިވޭ ވާހަކަތަކުގެ ސަބަބުން އޭނާގެ ވިޔަފާރި ޕާޓްނަރުންނާއި އުފެއްދުންތައް އެންޑޯޒްކޮށްދޭ ކުންފުނިތަކުގެ ކުރިމަތީގައި ވެސް ނަން ހުތުރުވެފައިވާ ކަމަށެވެ.

އަދި ފިރިމީހާ ހައްޔަކުރި ފަހުން ޝިލްޕާ މިޑިއާތަކަށް ވެސް ފިލައި، ފިރިމީހާގެ ދިފާއުގައި އެއްވެސް މަސައްކަތެއް ނުކޮށް، އޭނާ އެކަނިމާއެކަނި ދޫކޮށްލާފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކުގެ ސަބަބުން ވެސް އާއިލާ އަށް ވަރަށް ބޮޑު އަސަރެއްކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.

ރާޖް ބަރަހަނާ ފިލްމު ހަދައި އެ އެއްޗެހި ދައުރުކޮށް، އާމްދަނީ ހޯދަމުން ދިޔަ މައްސަލާގައި ހައްޔަރުކުރީ މި މަހުގެ 19 ގަ އެވެ. އޭގެ ފަހުން ޝިލްޕާ ވަނީ މީޑިއާތަކާ ދުރުވެފަ އެވެ. އެގޮތުން މި މަހުގެ 23 ގައި ރިލީޒްކުރި އޭނާގެ ފިލްމު "ހަންގާމާ 2" ގެ ޕްރޮމޯޝަނަލް މަސައްކަތްތަކުން އެކަހެރިވެ، ޖަޖެއްގެ ގޮތުގައި ބައިވެރިވަމުން ދިޔަ ސޮނީ ޓީވީގެ "ސުޕަ ޑާންސާ 4" ވެސް ދޫކޮށްލާފައިވެ އެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ފިރިމީހާ ބަރަހަނާ ފިލްމުގެ ހެދުމުގެ މަސައްކަތް ކުރަމުން ދިޔައީ ޝިލްޕާ އަށް އެނގިގެންނެވެ. އަދި އެކަމުގައި އޭނާގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ދައްކަން އުޅުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ބެސް ބުނެފައިވެ އެވެ. ސަބަބަކީ އެ މަސައްކަތްކޮށްފައި ވަނީ ކުރިން ޝިލްޕާ ވެސް ހިއްސާވި ފިރިމީހާގެ ކުންފުނިތަކުގެ ދަށުން ކަމަށްވާތީ ކަމަށް މީޑިއާތަކުން ބުނެ އެވެ.