Roadha Mihaaru
ޝިލްޕާގެ ފިރިމީހާ ކަފާލާތުގެ ދަށުން މިނިވަންކޮށްފި

ޝިލްޕާގެ ފިރިމީހާ ކަފާލާތުގެ ދަށުން މިނިވަންކޮށްފި

21 ސެޕްޓެމްބަރ 2021

ބަރަހަނާ ފިލްމު ހަދައި އެއިން ވިޔަފާރި ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި، ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދުރާ ދެ މަހެއްހާ ދުވަސް ފަހުން، ކަފާލާތުގެ ދަށުން ޖަލުން ދޫކޮށްލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބަރަހަނާ ފިލްމު ހަދައި އެއިން ވިޔަފާރި ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި، ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދުރާ ދެ މަހެއްހާ ދުވަސް ފަހުން، ކަފާލާތުގެ ދަށުން ޖަލުން ދޫކޮށްލައިފި އެވެ.

މީޑިއާތަކުން ބުނީ ޖުލައި މަހުގެ 19 ގައި ހައްޔަކުރި ރާޖް ކަފާލާތުގެ ދަށުން މުމްބާއީ ހައި ކޯޓުން ދޫކޮށްލީ ހޯމަ ދުވަހު ކަމަށެވެެ. އެއީ ކަފާލާފަށް 50،000 ރުޕީސް ބަހައްޓައިފަ އެވެ.

ބަރަހަނާ ފިލްމުން އާމްދަނީ ހޯދާ މައްސަލަ ފަޅާއަރައި، އެކަމުގައި އެންމެ އިސްކޮށް ތިބިކަމުގެ ތުހުމަތުގައި ރާޖާ އެކު އޭނާގެ ވިޔަފާރި ޕާޓްނަރެއް ކަމަށްވާ ރަޔަން ތޯޕީ ވެސް ހައްޔަރުކުރި އެވެ. އޭނާ ވެސް ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލައިފަ އެވެ. އެ ދެ މީހުން ދޫކޮށްލި އިރު، ކުރިން ދެ ފަހަރެއްގެ މަތިން ކަފާލާތުގެ މައްސަލަ ކޯޓުން ބޭރުކޮށްލާފައިވެ އެވެ.

ރާޖްގެ މައްސަލަ ތަހުގީގުކުރާ މުމްބާއިީ ފުލުހުންގެ ކްރައިމް ބްރާންޗުން ބުނެފައިވާ ގޮތުގައި އިންޑިއާ އާއި އިނގިރޭސިވިލާތުގައި ތިބި ވިޔަފާވެރި ޕާޓްނަރުންތަކެއްގެ ބައިވެރިވުމާ އެކު، ބަރަހަނާ ފިލްމު ހެދުމުގެ ވިޔަފާރީފައި އެންމެ އިސްކޮށް ހުރި މީހަކީ ރާޖް އެވެ. އެފަދަ ފިލްމުތައް ދައުރުކޮށްފައި ވަނީ ހޮޓްޝޮޓް އާއި ބޮލީވުޑް ފޭމް ކިޔާ މޮބައިލް އެޕްތަކެއްގައި ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

ނަމަވެސް ރާޖްގެ މައްޗަށް ކުރާ ތުހުމަތަށް އޭނާ އިންކާރު އެވެ. އަދި އަންހެނުން ޝިލްޕާ ވެސް މި މައްސަލާގައި ދީފައިވާ ބަޔާނުގައި ބުނެފައި ވަނީ ރާޖް އެފަދަ އެއްވެސް ކަމެއްކުރާކަން އެނގިފައި ނެތް ކަމަށެވެ. އަދި އެ މީހުންގެ ދޮށީ ދަރިފުޅު ވިއާން ކުންދުރާގެ ނަމުގައި ހަދާފައިވާ ކުންފުނީގައި ކުރިން ހިއްސާ އޮތް ނަމަވެސް ހިޔާލު ތަފާތުވުންތަކަކާ ހެދި ހިއްސާ ވެސް ދޫކޮށްލާފައިވާތީ އެ ކުންފުނީގެ ދަށުން ފަހުން އެއްވެސް ކަމެއްގެ މައުލޫމާތު ނޭނގޭ ކަމަށް ޝިލްޕާ ބުނެފައިވެ އެވެ. އޭނާ ފުލުހުންނަށް ދިން ބަޔާނުގައި ބުނެފައިވާ ގޮތުގައި ބަރަހަނާ ފިލްމު ހެދިކަމުގެ ތުހުމަތު ރާޖަށް ކުރިޔަސް އޭނާ ކުރީ އެފަދަ މަސައްކަތެއް ނޫނެވެ. އަދި ރާޖް ހެދީ "އިރޮޓިކް" ފިލްމުތަކެއް ކަމަށާއި އެ އެއްޗެހި ބަރަހަނާ ފިލްމުގެ ގޮތުގައި ސިފަނުކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް ޝިލްޕާގެ އެ ވާހަކަތައް ގަބޫލުކުރަން ދަތި ކަމަށް ބުނެ ވަރަށް ގިނަ ބަޔަކު ފާޑު ވެސް ކިޔާފައިވެ އެވެ.

ރާޖްގެ މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާ އިރު މިހާތަނަށް 43 މީހެއްގެ ބަޔާން ވެސް ފުލުހުން ނަގައި، މައްސަލަ ތަހުގީގު މިހާރު ގޮސްފައިވާ ހިސާބަށް ބިނާކޮށް 1،400 ސޮފުހާގެ ލިޔެކިޔުންތައް ކޯޓަށް ހުށަހަޅާފައިވެ އެވެ.