Roadha Mihaaru
ޝިލްޕާގެ ފިރިމީހާގެ ބަންދަށް އިތުރު 14 ދުވަސް

ޝިލްޕާގެ ފިރިމީހާގެ ބަންދަށް އިތުރު 14 ދުވަސް

28 ޖުލައި 2021

ބަރަހަނާ ފިލްމު ހަދައި އެ ދައުރުކޮށްގެން އާމްދަނީ ހޯދަމުން ދިޔަ މައްސަލާގައި ހައްޔަރުކުރި ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދުރާގެ ބަންދަށް އިތުރު 14 ދުވަސް ކޯޓުން އަންގާރަ ދުވަހު ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބަރަހަނާ ފިލްމު ހަދައި އެ ދައުރުކޮށްގެން އާމްދަނީ ހޯދަމުން ދިޔަ މައްސަލާގައި ހައްޔަރުކުރި ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދުރާގެ ބަންދަށް އިތުރު 14 ދުވަސް ކޯޓުން އަންގާރަ ދުވަހު ދީފި އެވެ.

މުމްބާއީގެ ފުލުހުން ރާޖް ހައްޔަކުރީ މި މަހުގެ 19 ވަނަ ދުވަހު އެވެ. އެއާ އެކު މައްސަލައިގެ ތަހުގީގަށް މި މަހުގެ 23 އާ ހަމައަށް އޭނާ ބަންދުގައި ބަހައްޓަން ކޯޓުން މުއްދަތު ދިނެވެ. އޭގެ ފަހުން ކޯޓުން އަނެއްކާ މި މަހުގެ 27 އަށް ހަމައަށް މުއްދަތު އިތުރުކޮށް ދިނުމަށް ފަހު، އެ މުއްދަތު އަންގާރަ ދުވަހު ހަމަވުމުން އިތުރު 14 ދުވަހަށް ބަންދުގައި ބަހައްޓަން ނިންމީ އެވެ. މިކަމާ ގުޅިގެން އޭނާގެ ވަކީލު ވިދާޅުވީ ރާޖްގެ ކަފާލާތުގެ މައްސަލަ ބުދަ ދުވަހު ހައި ކޯޓަށް ހުށަޅުއްވާނެ ކަމަށެވެ.

މުމްބާއީގެ ކްރައިމް ބްރާންޗުން ބުނީ ރާޖްގެ ބަންދުގެ މުއްދަތު އިތުރުކޮށްދޭން އެދުނީ ރާޖް ބަރަހަނާ ފިލްމު ދައުރުކޮށްގެން ވިޔަފާރީގެ ގިނަ މުއާމަލާތްތައް ހިންގައި ގިނަ އަދަދެއްގެ ފައިސާ ހޯދައި، މަނީ ލޯންޑްރިންގެ އަމަލުތަކެއް ވެސް ހިންގާފައިވާ ކަމަށް ބެލެވޭތީ ކަމަށެވެ. އޭގެ ތެރޭގައި ބޭރު ފައިސާ އިން ހިންގި ގިނަ މުއާމަލާތްތަކެއް ވެސް ހިމެނޭ ކަމަށް ބުންޏެވެ.

މި މައްސަލާގައި ރާޖްގެ ގިނަ އެކައުންޓްތަކެއް ފްރީޒްކޮށް، މައްސަލަ އަންނަނީ ވަރަށް ސީރިއަސްކޮށް ތަހުގީގުކުރަމުންނެވެ. ކުރިން ފުލުހުން ބުނެފައިވާ ގޮތުގައި އިންޑިއާ އާއި އިނގިރޭސިވިލާތުގައި ތިބޭ ވިޔަފާރީގެ ޕާޓްނަރުންނާ އެކު ހޮޓްސްޕޮޓް ކިޔަ އެޕަކަށް ބަހަރަނާ ފިލްމު ހަދައި، އެ ދައުރުކޮށް ދުވާލެއްގެ މައްޗަށް ރާޖް 6-8 ލައްކަ ރުޕީސްގެ އާމްދަނީއެއް ހޯދަމުން ދިޔަ އިރު، އެކަމުގައި އެންމެ އިސްކޮށް ހުރީ ވެސް އޭނާ އެވެ.

މި މައްސަލަ ފުލުހުންނަށް އެންމެ ފުރަތަމަ ރިޕޯޓްކުރީ މި އަހަރުގެ ފެބްރުއަރީ މަހު ކަމަށް މުމްބާއީ ފުލުހުން ބުނެފައިވެ އެވެ. ރާޖްގެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ އިރު، އަންހެނުން ޝިލްޕާ އާއި ރާޖްގެ ކުންފުނިތަކުގެ ތެރެއިން ބަރަހަނާ ފިލްމުގައި ހިއްސާވި ކުންފުނީގެ މުވައްޒަފުންތަކަކާ ވެސް ސުވާލުކޮށް އެ މީހުންގެ ބަޔާން ނަގާފައިވެ އެވެ.

މީޑިއާތަކުން ބުނި ގޮތުގައި ފުލުހުން ސުވާލުކުރި މުވައްޒަފުން ބަޔާން ދީފައި ވަނީ ރާޖްއާ ދެކޮޅަށެވެ. ފުލުހުންނަށް ޝިލްޕާ ދިން ބަޔާނުގައި މައިގަނޑު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ރާޖް ބަރަހަނާ ފިލްމު ނަހަދާ ކަމަށާއި އޭނާ ހިއްސާވީ އިރޮޓިކް ފިލްމުތަކެއް ހެދުމުގެ މަސައްކަތުގަ އެވެ. އެހެންވެ ފިރިމީހާ ކުށެއް ކުރި ކަމަށް ޝިލްޕާ ގަބޫލުނުކުރާ ކަމަށް ބަޔާނުގައި ބުނެފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ.

ނަމަވެސް މިކަމާ ގުޅިގެން ޝިލްޕާ ފިރިމީހާ ދެކެ ވަރަށް ބޮޑަށް ހިތްހަމަނުޖެހި ރުޅިގަދަވެފައިވާ ކަމަށާއި މިދިޔަ ހުކުރު ދުވަހު އެ މީހުން އުޅޭ ގެ ރެއިޑްކޮށް ފާސްކުރި ވަގުތު ރާޖް ގެއަށް ގެންދިއުމުން ޝިލްޕާ އާއި އޭނާއާ ދެމެދު ހޫނު ޒުވާބުތަކެއް ހިނގައި ޝިލްޕާ ވަރަށް ގަދައަށް ރުއި ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.

ބައެއް މީޑިއާތަކުން ބުނީ ފިރިމީހާއާ ހެދި އާއިލާގެ އަގު ވެއްޓިފައިވާ ކަމަށް ޝިޕްލާ ބުނި ކަމަށާއި މި މައްސަލަގަނޑުގެ ސަބަބުން އޭނާ އަށް އެތައް މަސައްކަތެއް ވެސް ދޫކޮށްލަން މަޖުބޫރުވެފައިވާ ކަމަށް ޝިލްޕާ ބުނި ކަމަށެވެ.

ރާޖްގެ މައްސަލަގަނޑު ފެންމަތިވި ދަނޑިވަޅަކީ ގިނަ އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ޝިލްޕާ ކުޅުނު ފުރަތަމަ ފިލްމު "ހަންގާމާ 2" މިދޔަ ހުކުރު ދުވަހު ރިލީޒްކުރަން ތައްޔާރުވި ވަގުތެވެ. މިކަމާ ހެދި ލަދުން ޝިލްޕާ މީޑިއާތަކާ ވެސް ދުރުވެ، ޖަޖެއްގެ ގޮތުގައި ބައިވެރިވަމުން ދިޔަ ސޮނީ ޓީވީގެ "ސުޕަ ޑާންސާ 4" ގެ މަސައްކަތުން ވެސް އެކަހެރިވެފައިވެ އެވެ.