Roadha Mihaaru
ޝިލްޕާ އާއި މަންމައާ ދެކޮޅަށް ހީލަތުގެ މައްސަލަތަކެއް

ޝިލްޕާ އާއި މަންމައާ ދެކޮޅަށް ހީލަތުގެ މައްސަލަތަކެއް

11 އޯގަސްޓް 2021

ބަރަހަނާ ފިލްމު ހަދައިގެން އާމްދަނީ ހޯދަމުން ދިޔަ މައްސަލާގައި ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދުރާ ހައްޔަރުކޮށް މައްސަލައިގެ ތަހުގީގު ކުރިއަށް ދަނިކޮށް، ޝިލްޕާ އާއި މަންމަ ސުނަންދާ ޝެޓީއާ ދެކޮޅަށް މަކަރާއި ހީލަތުގެ މައްސަލަތަކެއްގެ ފުލުހުންނަށް ހުށަހަޅައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބަރަހަނާ ފިލްމު ހަދައިގެން އާމްދަނީ ހޯދަމުން ދިޔަ މައްސަލާގައި ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދުރާ ހައްޔަރުކޮށް މައްސަލައިގެ ތަހުގީގު ކުރިއަށް ދަނިކޮށް، ޝިލްޕާ އާއި މަންމަ ސުނަންދާ ޝެޓީއާ ދެކޮޅަށް މަކަރާއި ހީލަތުގެ މައްސަލަތަކެއްގެ ފުލުހުންނަށް ހުށަހަޅައިފި އެވެ.

މީޑިއާތަކުން ބުނި ގޮތުގައި ދެމައިންނާ ދެކޮޅަށް އުއްތަރު ޕްރަދޭޝްގެ ދެ ޕޮލިސް ސްޓޭޝަނަކަށް މައްސަލަ ހުށަހެޅީ ޝިލްޕާ ޗެއާމަނެއްގެ ދައުރު އަދި މަންމަ ޑިރެކްޓަރެއްގެ ދައުރު އަދާކުރާ ވެލްނެސް ސެންޓަރުގެ އައުޓްލެޓްތަކެއް ލަކްނޫ ސިޓީގެ ދެ ތަނެއްގައި ހުޅުވައިދޭނެ ކަމަށް ބުނެ ގިނަ އަދަދެއްގެ ފައިސާ ނަގައި، އެތަންތަން ހުޅުވާފައި ނުވާތީ ކަމަށެވެ.

ދެމައިންނާ ދެކޮޅަށް މައްސަލަ ހުށަހެޅީ ޖިއޯތުސްނާ ޗޯހަނާއި ރޯހިތު ވީރު ސިންގް ކިޔާ މީހެކެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ ދެމައިން ގުޅިގެން މަކަރާއި ހީލަތުން ފައިސާ ހޯދި ކަމަށް ތުހުމަތުކޮށްފަ އެވެ.

އެހެންވެ އެ މައްސަލާގައި މިހާރު އުއްތަރު ޕްރަދޭޝްގެ ފުލުހުންގެ ޓީމެއް މުމްބާއީ އަށް ގޮސް ޝިލްޕާ އާއި މަންމައާ ސުވާލުކޮށް، ބަޔާން ނަގަން މަސައްކަތްކުރަމުން އަންނަ މީޑިއާތަކުން ބުންޏެވެ.

މީގެ ކުރިން ވެސް ޝިލްޕާގެ ވެލްނެސް ސެންޓަރުން ހިންގި ކަމަށް ބުނާ މަކަރާއި ހީލަތުގެ މައްސަލަތަކެއް ފެންމަތިވެފައިވެ އެވެ. އެއީ އޭނާ އާއި ރާޖް މީހެއްގެ އަތުން ފަހުން ދައްކާ ގޮތަށް ނެގި ފައިސާތަކެއް ނުދީ ހިޔާނާތްތެރިވި ކަމަށް ބުނެ އެވެ.

ފިރިމީހާ ހައްޔަރުކުރި ފަހުން ޝިލްޕާ ހާޖާނުގަނޑެއްގެ ތެރެއަށް ވެއްޓިފައިވާ އިރު ދާދި ފަހުން އޭނާ ވަނީ މީޑިއާތަކަކަށް ދައުވާކުރަން ކޯޓަށް ވެސް ހުށަހަޅައިފަ އެވެ. އަދި ރާޖްގެ މައްސަލާގައި "މީޑިއާގެ ޝަރީއަތެއް" ބޭނުން ނުވާ ކަމަށް ބުނެ މިދިޔަ ހަފުތާގައި ބަޔާން ވެސް ނެރުނެވެ.

ބަރަހަނާ ފިލްމުގެ މައްސަލާގައި ޝިލްޕާގެ ފިރިމީހާ ހައްޔަރުކުރީ މިދިޔަ މަހުގެ 19 ގަ އެވެ. އޭނާ ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުގީގުކުރަމުން އަންނަ އިރު، ކޯޓުން ވަނީ ކަފާލަތް ވެސް ބަލައިނުގެންފަ އެވެ. ކޯޓުން ބުނެފައިވާ ގޮތުގައި ކަފާލާތުގެ މައްސަލަ ބޭރުކޮށްލީ، އޭގެ ދަށުން އޭނާ ދޫކޮށްލައިފި ނަމަ ހެކި ނައްތައިލަން މަސައްކަތްކޮށްފާނެތީ އެވެ.