Roadha Mihaaru
ފިރިމީހާ ކޮބައިތޯ އެހުމުން ޝިލްޕާ ރުޅިގަދަވެއްޖެ

ފިރިމީހާ ކޮބައިތޯ އެހުމުން ޝިލްޕާ ރުޅިގަދަވެއްޖެ

28 ސެޕްޓެމްބަރ 2021

ބަރަހަނާ ފިލްމު ހެދި މައްސަލައެއްގައި ހައްޔަރުކޮށް ދެ މަހެއްހާ ދުވަސް ފަހުން މިދިޔަ ހަފުތާގައި ދޫކޮށްލި، ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދުރާ މިހާރު ކޮބައިތޯ ނޫސްވެރިން ސުވާލުކުރުމުން ރުޅިގަދަވެގެން ނޫސްވެރިންނަށް ޝިލްޕާ ބަހުގެ ހަމަލާތަކެއް ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބަރަހަނާ ފިލްމު ހެދި މައްސަލައެއްގައި ހައްޔަރުކޮށް ދެ މަހެއްހާ ދުވަސް ފަހުން މިދިޔަ ހަފުތާގައި ދޫކޮށްލި، ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދުރާ މިހާރު ކޮބައިތޯ ނޫސްވެރިން ސުވާލުކުރުމުން ރުޅިގަދަވެގެން ނޫސްވެރިންނަށް ޝިލްޕާ ބަހުގެ ހަމަލާތަކެއް ދީފި އެވެ.

ބައެއް މީޑިއާތަކުން ބުނީ އާދީއްތަ ދުވަހުގެ ވަގުތެއްގައި ނޫސްވެރިންތަކަކާ ޝިލްޕާއާ ދިމާވުމުން ރާޖްއާ ބެހޭ ގޮތުން ސުވާލުތައް އޮއްސަން ފެށި ކަމަށެވެ. އަދި އެކަމާ ފުސްމޫނު ހަދައި، ނޫސްވެރިންނަށް ޝިލްޕާ ހޫނުކޮށް ރައްދު ދިނެވެ.

"އަހަރެންނަކީ ރާޖް ކުންދުރާތަ؟ އޭނައާ އަހަރެންނާ ވައްތަރުތަ؟ އަހަރެންނަކީ ކާކު؟" ނޫސްވެރިންނާ ދިމާއަށް ޝިލްޕާ ބުނި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

ރުޅިގަދަވެފައި އެ ސުވާލުތައް ރައްދުކުރުމުގެ އިތުރަށް ޝިލްޕާ ދެން ބުނެފައި ވަނީ ސެލެބްރިޓީއަކަށް ވާތީ މީޑިއާތަކާއި އާންމުންގެ ފަރާތުން ކުރިމަތިވާ ކަންކަމާ ޝަކުވާ ކުރަން ބޭނުން ނުވާ ކަމަށެވެ. އެކަމަކު ކޮންމެކޮންމެ ކަމެއް ސާފުކޮށްދޭން ޖެހޭ ކަމަށް ގަބޫލު ނުކުރާ ކަމަށް ބުންޏެވެ.

"އަހަރެންގެ އަމިއްލަ ހަޔާތުގައި ގެންގުޅޭ ފިލޯސަފީ އަކީ އަބަދު ވެސް އެއީ،" ޝިލްޕާ ބުންޏެވެ.

ރާޖްގެ މައްސަލާގައި ޝިލްޕާ މިހާތަނަށް ފާޅުގައި އެއްވެސް މީޑިއާއަކާ ވާހަކައެއް ދައްކައިފައެއް ނުވެ އެވެ. އޭނާ ހަމައެކަނި އެއްޗެއް ބުނީ "މީޑިއާގެ ޝަރީއަތެއް ބޭނުން ނުވާ ކަމަށް ބުނެ" ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގަ އެވެ.

ނަމަވެސް ފިރިމީހާ މިދިޔަ ޖުލައި މަހުގެ 19 ގައި ހައްޔަރުކުރި ފަހުންނާއި މި މަހުގެ 20 ގައި ދޫކޮށްލުމުގެ ފަހުން ވެސް އެ މައްސަލައިގައި އަޒުމް ވަރުގަދަކަން ހާމަކޮށްދޭ ސްކްރީންޝޮޓްތަކެއް ޝިލްޕާގެ އިންސްޓަގްރާމްގައި ސްޓޯރީގައި ޕޯސްޓްކުރަމުން ގޮސްފައިވެ އެވެ.

ރާޖް ހައްޔަރުކުރި ދަނޑިވަޅު ޝިލްޕާ އާއި އޭނާގެ އާއިލާއާ ބެހޭ ގޮތުން ބައެއް މީޑިއާތަކުން ފެތުރި ވާހަތަކަކާ ގުޅިގެން ބަދަލު ހޯދަން ކޯޓަށް ވެސް ހުށަހެޅި އެވެ. އެކަމަކު އެ ދައުވާގައި މާ ބޮޑު އޮއްޓަރެއް ނެތް ކަމަށް މުމްބާއީ ހައި ކޯޓުން ބުނެފައިވެ އެވެ.

ސޮނީ ޓީވީގެ "ސުޕަ ޑާންސާ 4" ގެ ފަނޑިޔާރުކަން މިހާރު ކުރަމުން އަންނަ ބަތަލާ ވަރަށް އަވަހަށް އެ ޗެނެލްގެ އެހެން ޝޯއެއް ކަމަށްވާ އިންޑިއާސް ގޮޓް ޓެލެންޓް (ޖީއައިޓީ) ގެ 8 ވަނަ ސީޒަންގެ ޕެނަލުން ވެސް ފެންނާނެ އެވެ.

މިދިޔަ މަހު ރިލީޒްކުރި "ހަންގާމާ 2" އަށް ފަހު ޝިލްޕާގެ ކުރިއަށް އޮތް ފިލްމަކީ "ނިކައްމާ" އެވެ.