Roadha Mihaaru
އަމީންދީދީއަށް އިންސާފު ހޯދައިދޭން އެދި ހުށަހަޅައިފި

ވެރިކަން ވައްޓައިލުމަށް ފަހު އަމީން ދީދީ އަށް ކުރި ހުކުމް ބާތިލުކޮށްދޭން އެދިއްޖެ

12 ސެޕްޓެމްބަރ 2021

ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް މުހައްމަދު އަމީން ދީދީގެ ވެރިކަން 1953 ގައި ވައްޓައިލުމަށް ފަހު، އެ މަނިކުފާނަށް ކުރި ހުކުމް ބާތިލުކޮށްދޭން އެދި އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހަޅައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް މުހައްމަދު އަމީން ދީދީގެ ވެރިކަން 1953 ގައި ވައްޓައިލުމަށް ފަހު، އެ މަނިކުފާނަށް ކުރި ހުކުމް ބާތިލުކޮށްދޭން އެދި އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ހުށަހެޅުއްވި އެ މައްސަލައިގަައި ވިދާޅުވީ އަމީން ދީދީ އަށް އަނިޔާކުރުމަށް ފަހު، ފައްޖެހި އެނދަކަަށް ލަައިގެން މާލެ ގެނެސް "ބިރުވެރި ޝަރީއަތެއް" ހިންގާފައިވާ ކަމަށާއި އެކަން ހިނގައި ދިޔަ ގޮތް ދައުލަތުން ސާފުކޮށްދޭން އެދިވަޑައިގަންނަވާ ކަަމަށެވެ. އަމީން ދީދީގެ ވެރިކަން ވެއްޓުމަށް ފަހު، އެ މަނިކުފާނާ މެދު ހިނގައިދިޔަ އަނިޔާވެރި ކަންތައްތައް ޝަކުވާއެއްގެ ގޮތުގައި ހުށަހަޅުއްވައި އޭގެ "ފަރުވާއެއް" ގެ ގޮތުގައި ބޮންޑޭ ހުށަހެޅުއްވީ އޭރު ކުރި ހުކުމް ބާތިލު ކޮޮށްދިނުމަށެވެ.

"އަޅުގަނޑުމެން އެދޭ ފަރުވާއަކީ އަލް މަރްހޫމް މުހައްމަދު އަމީންއާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކުގެ ހަގީގަތަކީ ކޮބައިކަން ސާފުކޮށްދިނުމާއި ޚާއިނެއް ކަމަށް ބުނެ އެ ބޭފުޅާގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލުކުރުމެވެ،" އިންތިގާލީ އިންސާފުގެ އޮފީހަށް މައްސަަލަ ހުށަހެޅުއްވި ފޯމުގައި ބޮންޑޭ ލިއުއްވާފައި ވެ އެވެ.

އަމީނުގެ ވެރިކަން ވައްޓަައިލުމަށް ފަހު، އޭނާ އަށް ކުރި ހުކުމް، ރަސްމީ އެއްވެސް ލިޔެކިއުމަކުން ފެންނަން ނެތް ކަމަށް ވިދާޅުވެ، އެކަން ސާފުކޮށްދޭން ވެސް ބޮންޑޭ ހުށަހެޅުއްވި އެވެ. ނަމަވެސް ތާރީހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ރަސްމީ ލިޔެކިއުންތަކުން އެ ހުކުމް ފެންނަން އެބައޮތެވެ.

ކުރީގެ ރައީސް މުހައްމަދު އަމީނަށް ކުރި ހުކުމް ބާތިލުކޮށްދޭން އެދިވަޑައިގެން، މެމްބަރު އިބްރާހީމް ރަޝީދު އިންތިގާލީ އިންސާފުގެ އޮފީހަށް މައްސަލަ ހުށަހަޅުއްވަނީ.

ކުރީގެ ރައީސް މުހައްމަދު އަމީނަށް ކުރި ހުކުމް ބާތިލުކޮށްދޭން އެދިވަޑައިގެން، މެމްބަރު އިބްރާހީމް ރަޝީދު އިންތިގާލީ އިންސާފުގެ އޮފީހަށް މައްސަލަ ހުށަހަޅުއްވަނީ.

އަމީން ދީދީ އަށް ވިހަމަނާފުށީގައި [މިހާރުގެ ކުރުނބާ މޯލްޑިވްސް ހިންގާ ރަށުގައި] އަނިޔާކުރި ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ކަމަށާއި އަމީން ދީދީ ހަވަރަށް ދިނީ ކޮން ބައެއްކަން އެނގިވަޑައިގަންނަވަން ބޭނުންވާ ކަމަށް ބޮންޑޭ ވިދާޅުވި އެވެ. އަމީނަށް އަނިޔާކުރި މީހުންނަށް އަދުލު އިންސާފުގެ ތެރެއިން ނިޔާއެއް ކަނޑައަޅަން އެދިވަޑައިގަންނަވާ ކަމަށް ވެސް ބޮންޑޭ ވިދާޅުވި އެވެ.

މިދިޔަ އަހަރު ފާސްކޮށް، އަމަލުކުރަމުން އަންނަ އިންތިގާލީ އިންސާފުގެ ގާނޫނުގައި އޮތް ގޮތުން އެ ގާނޫނުގެ ދަށުން އިންސާފު ހޯދޭނީ ޖެނުއަރީ 1، 1953 އިން ނޮވެމްބަރު 17، 2018 އާ ހަމައަށް ހިނގާފައިވާ ކަންކަމަށެވެ.