Roadha Mihaaru
ޖާބިރު ކިނބިގަސްދޮށުގެއަށް ގެއްލުންދިން މައްސަލަ ބަލަނީ

ޖާބިރު ކިނބިގަސްދޮށުގެއަށް ގެއްލުންދިން މައްސަލަ ބަލަނީ

04 އޯގަސްޓް 2021

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ދެއްވި ކަމަށް ބުނާ 29 މިލިއަން ރުފިޔާގެ ލޯނެއް އަނބުރާ ދަައްކާފައި ނުވާތީ އޭގެ ބަދަލުގައި މައުމޫންގެ ގެކޮޅާ ހަވާލުވާން ކަމަށް ވިދާޅުވެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކިނބިގަސްދޮށުގެ ކައިރިއަށް މިއަދު ވަޑައިގެން އެތަނުގައި ހުރި ބައެއް ތަކެއްޗަށް ގެއްލުންދިން މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ދެއްވި ކަމަށް ބުނާ 29 މިލިއަން ރުފިޔާގެ ލޯނެއް އަނބުރާ ދަައްކާފައި ނުވާތީ އޭގެ ބަދަލުގައި މައުމޫންގެ ގެކޮޅާ ހަވާލުވާން ކަމަށް ވިދާޅުވެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކިނބިގަސްދޮށުގެ ކައިރިއަށް މިއަދު ވަޑައިގެން އެތަނުގައި ހުރި ބައެއް ތަކެއްޗަށް ގެއްލުންދިން މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

ޖާބިރު އަތުން 2018 ގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް 29 މިލިއަން ރުފިޔާ މައުމޫން ހޯއްދެވި ކަމަށާއި އެ ފައިސާ ދެއްވީ ނުދެއްކިއްޖެ ނަމަ ޖާބިރަށް ކިނބިގަސްދޮށުގެ ދޭން ޖެހޭ ގޮތަށް އެއްބަސްވެ ކަމަށް ޖާބިރު ވިދާޅުވެ އެވެ. އެ މައްސަލ ފުލުސް އޮފީހަށާއި ކޯޓަށް ހުށަހެޅި ނަމަވެސް ހެކި ނެތުމުން މައްސަލަ ކުރިއަކަށް ނުގެންދެވުނެވެ.

މައުމޫން އަދިވެސް ފައިސާ ނުދެއްވާ ކަމަށް ވިދާޅުވެ ޖާބިރު މިއަދު ވަނީ ކިނބިގަސްދޮށުުގެ ކުރިމަތީ ހުންނަވައި، އެ ގޭގެ ފާރުމައްޗަށް އަރުވާފައި އޮތް ވެޔޮގަނޑަކަށް ގެއްލުންދީފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެތަނަށް ދިޔައީ ކިނބިގަސްދޮށުގެއާ ހަވާލުވާށެވެ.

"މިހާރު އަޅުގަނޑު މިހިރީ ކިނބިގަސްދޮށުގެއާ ހަވާލުވެގެންނޭ. އަދުލު އިންސާފު ނެތީމާ އަމިއްލަަ އަށް އަދުލު އިންސާފު ގާއިމުކުރަމުން މިދަނީ،" މައުމޫންގެ ގެކޮޅު ކުރިމަތީގައި ހުންނަވައި ޖާބިރު ވިދާޅުވި އެވެ.

ފުލުހުން މި މައްސަލައާ ގުޅިގެން ބުނީ ކިނބިގަސްދޮށުގޭގައި ހުރި ބައެއް ތަކެއްޗަށް ގެއްލުންދިން މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ބުންޏެވެ.

ކިނބިގަސްދޮށުގެއާ ހަވާލުވާން ދިޔަ ކަމަށް ޖާބިރު ވިދާޅުވި ނަމަވެސް އެތަނުގައި ހުންނަވައިގެން އަޑުގަދަކުރެއްވުމަށް ފަހު އެތަނުން ވަޑައިގަތީ އެވެ.

ޖާބިރު، ކިނބިގަސްދޮށުގެ ކައިރި އަށް ވަޑައިގެން އަޑުގަދަ ކުރެއްވިއިރު، މައުމޫން ވަރަށް ކުރިއްސުރެ ފެށިގެން އެ ގޭގައި ދިރިނޫޅުއްވަ އެވެ. މީގ 13 އަހަރު ކުރިން 2008 ގައި ވެރިކަން ގެއްލުނު ފަހުން ފުރަތަމަ ދުވަސްވަރު އުޅުއްވީ އަނބިކަނބަލުން ނަސްރީނާ އިބްރާހީމްގެ ބޭބޭބޭފުޅު އިލްޔާސް އިބްރާހިމް ގެ މ. އަލިވާގޭގަ އެވެ. އޭގެ ފަހުން ބަދަލުވެވަޑައިގަތީ އަނބިކަނބަލުންގެ ގެކޮޅު އެންދެރިމާގެ އަށެވެ.

ޖާބިރު ވިދާޅުވި ގޮތުގައި މައުމޫނަށް ދެއްވި ކަމަށް ބުނާ ފައިސާއާ ހަވާލުވެވަޑައިގަތީ މައުމޫންގެ ދަރިކަރުން ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ފާރިސް އެވެ. ނަމަވެސް ޖާބިރު އަތުން ފައިސާ ނެންގެވި ކަމަށް ކުރާ ތުހުމަތު މައުމޫން ދޮގުކުރައްވަ އެވެ.

ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ގޮސްފައި ވަނިކޮށް އިއްޔެ ޖާބިރު ވަނީ މަޖިލިސް އިދާރާއަށް ވަޑައިގެން އެތާ ކުރިމަތީ އޮށޯވެގެން އަދި ފަހުން އިށީނދެގެން އިނދެ ހުތުރު ބަހުން އެކި ވާހަކަތައް ދައްކައިފަ އެވެ. މިކަން ހިނގި އިރު، ކޯޓުގައި އޮތް މައްސަލައަކާ ގުޅިގެން އޭނާގެ ޕާސްޕޯޓު އޮތީ ހިފަހައްޓައިފަ އެވެ.