Roadha Mihaaru
އަހަރެންގެ ރޯލު ދޭނީ ރަން މެޑަލް އެތުލީޓަށް: އަކްޝޭ

އަހަރެންގެ ރޯލު ކުޅެން ދޭނީ ރަން މެޑަލް ހޯދި އެތުލީޓަށް: އަކްޝޭ

11 އޯގަސްޓް 2021

އަމިއްލަ ހަޔާތާ ބެހޭ ފިލްމެއް ހަދާ ނަމަ އެ ފިލްމު ކުޅެން އެދެނީ މި ހަފުތާގައި ޖަޕާންގެ ޓޯކިއޯގައި ނިންމައިލި އޮލިމްޕިކްސް މުބާރާތުގައި އިންޑިއާ އަށް ރަން މެޑެލް ހޯދައިދިން އެތުލީޓް ނީރަޖް ޗޯޕްޅާ ކަމަށް އަކްޝޭ ކުމާރު ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަމިއްލަ ހަޔާތާ ބެހޭ ފިލްމެއް ހަދާ ނަމަ އެ ފިލްމު ކުޅެން އެދެނީ މި ހަފުތާގައި ޖަޕާންގެ ޓޯކިއޯގައި ނިންމައިލި އޮލިމްޕިކްސް މުބާރާތުގައި އިންޑިއާ އަށް ރަން މެޑެލް ހޯދައިދިން އެތުލީޓް ނީރަޖް ޗޯޕްޅާ ކަމަށް އަކްޝޭ ކުމާރު ބުނެފި އެވެ.

އޭނާ މިހެން ބުނީ މީގެ ނީޖަރްގެ ބައޮގްރަފިކަލް ޑްރާމާއެއް އެއްވެސް މީހަކު ހަދައި އޭނާގެ ރޯލު ކުޅެން ބޭނުން ވަނީ އަކްޝޭ ނުވަތަ ރަންދީޕް ހޫޑާ ކަމަށް އޭނާ ބުނެފައިވާތީ އެވެ. މި މަހުގެ 19 ގައި ރިލީޒްކުރާ އަކްޝޭގެ އާ ފިލްމު "ބެލް ބޮޓަމް" ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ނީރަޖްގެ ވާހަކަތަކާ ގުޅުވައިގެން އަކްޝޭ ބުނީ ނީރަޖަކީ ސިފަ ވެސް ވަރަށް ރީތި އެތުލީޓެއް ކަމަށެވެ.

"އެހެންވެ އަހަރެންގެ ބައޮގްރަފިކަލް ޑްރާމާއެއް ހަދާ ނަމަ އަހަރެންގެ ރޯލު ކުޅެން އެދެނީ ނީރަޖް ލައްވައި،" އަކްޝޭ ބުންޏެވެ.

ޖެވެލިން އިން އިންޑިއާ އަށް ރަން މެޑަލް ހޯދައި ދިނުމާ އެކު ނީރަޖްގެ މަޝްހޫރުކަމާއި މަގޫބުލުކަން ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައިވެ އެވެ. އަދި އޭނާގެ ވާހަކަ ފިލްމެއްގައި ކިޔައިދޭން އެދި ވަރަށް ގިނަ ބަޔަކު އަންނަނީ ޓްވިޓާގައި މީމްތައް ދައުރުކުރަމުންނެވެ. ނީރަޖް ގައުމަށް ހޯދައިދިން ކާމިޔާބީއާ ގުޅިގެން، އަކްޝޭ ދެން ނީރަޖްގެ ރޯލު ކުޅުމާ ދޭތެރޭ ސީރިއަސްކޮށް ވިސްނަންވެއްޖެ ކަމަށް ވެސް ޓްވިޓާގެ އަޑުގަދަކުރާ މީހުން އަންނަނީ ބުނަމުންނެވެ.

ނީރަޖަކީ ޖެވެލިން އިން އިންޑިއާ އަށް ރަން މެޑަލް ހޯދައިދިން ދެވަނަ އެތުލީޓެވެ. ކުރިން އެ ކުޅިވަރުން ރަން މެޑޯލް ހޯދާފައި ވަނީ އަބިނާވް ބިންދުރާ އެވެ. އޭނާގެ ބައޮގްރަފިކަލް ޑްރާމާއެއް އެކްޓަރު އަނިލް ކަޕޫރްގެ ދަރިފުޅު ހާޝްވަރްދަން ކަޕޫރާ އެކު 2017 ގައި އިއުލާންކުރި ނަމަވެސް އެ ފިލްމުގެ އެއްވެސް މަސައްކަތެއް މިހާތަނަށް ކޮށްފައެއް ނުވެ އެވެ.

ބޮލީވުޑުން މި ފަހުން އަންނަނީ އެ ގައުމުގެ އެކި ކުޅިވަރު ޝަހުސިއްޔަތުންގެ ބައޮގްރަފިކަލް ޑްރާމާތައް ހަދަމުންނެވެ.

މި އަހަރުގެ އޮލިމްޕިކްސްގައި ރަން މެޑަލް ހޯދި ނީރަޖް، 23، އަކީ ކޮމަންވެލްތު ގޭމްސް އާއި އޭޝިއަން ގޭމްސްގައި ވެސް އިންޑިއާ ތަމްސީލުކޮށް ކާމިޔާބީތައް ހޯދާފައިވާ އެތުލީޓެކެވެ. ވަނަމަކަށް "ގޯލްޑެން ބޯއި" ކިޔާ ނީރަޖަކީ އިންޑިއާގެ އަސްކަރީ އޮފިސަރެއް ވެސް މެ އެވެ.