Roadha Mihaaru
އެމެރިކާ އަށް ވެސް ތާލިބާނުން މައިތިރިއެއް ނުކުރެވުނު

އެމެރިކާ އަށް ވެސް ތާލިބާނުން މައިތިރިއެއް ނުކުރެވުނު

10 އޯގަސްޓް 2021

އަފްގާނިސްތާނުގައި ތިބި އެމެރިކާ ސިފައިން އެ ގައުމުން ފައިބައިގެން ދިޔުމާ އެކު، ތާލިބާނުންގެ ހަމަލާތައް ވަރަށް ވަރުގަދަ ކުރި އެވެ. އެއާ އެކު، ތާލިބާނުންގެ ފުރިހަމަ ބާރުގެ ދަށަށް އެ ގައުމު ހިނގައިދާނެ ކަމަށް އަފްގާނިސްތާނުގެ ސިޔާސީ ފަރާތްތަކުން ވެސް ލަފާކުރި އެވެ. ބައިނަލްއަގުވާމީ މުޖްތަމައުން ވެސް އެ އިންޒާރު ދިނެވެ.

އަފްގާނިސްތާނުގައި ތިބި އެމެރިކާ ސިފައިން އެ ގައުމުން ފައިބައިގެން ދިޔުމާ އެކު، ތާލިބާނުންގެ ހަމަލާތައް ވަރަށް ވަރުގަދަ ކުރި އެވެ. އެއާ އެކު، ތާލިބާނުންގެ ފުރިހަމަ ބާރުގެ ދަށަށް އެ ގައުމު ހިނގައިދާނެ ކަމަށް އަފްގާނިސްތާނުގެ ސިޔާސީ ފަރާތްތަކުން ވެސް ލަފާކުރި އެވެ. ބައިނަލްއަގުވާމީ މުޖްތަމައުން ވެސް އެ އިންޒާރު ދިނެވެ.

ނަމަވެސް މިހާރު ތާލިބާނުން އެ ގައުމުގެ ސަރަހައްދުތައް ހިފަމުން އެދާ ހަލުވި މިނުގައި، އަފްގާނިސްތާނު އެމީހުންގެ ބާރުގެ ދަށަށް ހިނގައިދާނެ ކަމަށް އެކަކު ވެސް ނުދެކެ އެވެ. ނަމަވެސް މިދިޔަ ހުކުރު ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް، އަފްގާނިސްތާނުގެ މުހިންމު ފަސް ޕްރޮވިންސެއްގެ ވެރިރަށް، ތާލިބާނުންގެ ބާރުގެ ދަށަށް ގެންގޮސްފި އެވެ.

އެ ހުރިހާ ރަށެއް ވެސް ތާލިބާނުންގެ ބާރުގެ ދަށަށް ދިޔައީ، އެ ޖަމާއަތުގެ ހަނގުރާމަވެރިން ދިން ހަމަލާތައް ނާކާމިޔާބުކޮށްލުމުގައި، ސަރުކާރު ސިފައިން ނާކާމިޔާބުވެ، ހަނގުރާމައިގެ މައިދާން ދޫކޮށް ފިލައިގެން ދިޔުމުންނެވެ. އެއާއެކު ތާލިބާންގެ ހަނގުރާމަވެރިން އެ ރަށްތަކަށް އަރައިގަނެ، ސަރުކާރުގެ އިމާރާތްތައް އެމީހުންގެ ބާރުގެ ދަށަށް ގެނެސް، ބައެއް އިމާރާތްތަކަށް ގެއްލުންދީ ހުޅުޖަހައި ތަންތަން ސުންނާފަތި ކުރަން ފެށި އެވެ.

މިދިޔަ މެއި މަހުގެ ތެރޭގައި އެމެރިކާ އާއި ނޭޓޯ ސިފައިން އަފްގާނިސްތާނުން ފައިބަން ފެށުމާ އެކު، ތާލިބާނުންގެ ހަމަލާތައް ވަރުގަދަކުރަން ފެށީ، އެ ގައުމުގެ ރަށްފުށު ސަރަހައްދުތަކަށެވެ. ރަށްފުށުގެ ގިނަ އަވަށްތަކާއި ރަށްތައް އެމީހުންގެ ބާރުގެ ދަށަށް ގެންދިޔައީ މަހެއްހާ ދުވަހުގެ ތެރޭގަ އެވެ.

އެއަށް ފަހު، ޖޫން މަހުގެ ނިޔަލަށް އެމެރިކާ އާއި ނޭޓޯގެ ހުރިހާ ސިފައިން (މަދު ބަޔަކު ފިޔަވައި) އެމެރިކާ އިން ފައިބައިފިކަން އިއުލާން ކުރުމާ އެކު، ތާލިބާނުންގެ ހަމަލާތައް ޕްރޮވިންސްތަކުގެ މައި ރަށްތަކަށާއި ވެރިރަށްތަކަށް އަމާޒުކުރަން ފެށި އެވެ.

ތާލިބާނުންގެ ހަމަލާތަކުން ސަލާމަތްވުމަށް ކުންދޫޒް އާއި ތަޚާރް ޕްރޮވިންސް ދޫކޮށް ކާބުލް އަށް ދިޔަ ބަޔަކު، ގަސްތަކެއްގެ ތެރޭގައި ފޭލިގެ ޖަހައިގެން. --އޭއެފްޕީ

ތާލިބާނުންގެ ހަމަލާތަކުން ސަލާމަތްވުމަށް ކުންދޫޒް އާއި ތަޚާރް ޕްރޮވިންސް ދޫކޮށް ކާބުލް އަށް ދިޔަ ބަޔަކު، ގަސްތަކެއްގެ ތެރޭގައި ފޭލިގެ ޖަހައިގެން. --އޭއެފްޕީ

މި ހަމަލާތައް ހުއްޓުވުމަށް، އަފްގާނިސްތާން ސަރުކާރު ސިފައިން ފަށާފައިވާ މަސައްކަތްތައް ކާމިޔާބު ކުރުމަށް، އެމެރިކާ ސިފައިންގެ އަސްކަރީ އެހީތެރިކަމަށް އެދުނެވެ. އެއާއެކު، އެމެރިކާގެ ސިފައިން ވައިގެ މަގުން، ތާލިބާނުންގެ މަރުކަޒުތަކަށް މިދިޔަ ދެ ހަފުތާގެ ތެރޭގައި ވެސް ކޮންމެވެސް ވަރަކަށް ހަމަލާތައް ދިނެވެ. އެ ހަމަލާތަކުގައި ތާލިބާނުންގެ 200 ވަރަކަށް ހަނގުރާމަވެރިން މަރާލެވުނު ކަމަށް، އެމެރިކާ ސިފައިން މިދިޔަ ހަފުތާގައި އިއުލާންކުރި އެވެ.

ނަމަވެސް ތާލިބާނުންގެ ހަމަލާތަކަށް މާ ބޮޑު ބަދަލެއް ނާދެ އެވެ. އެއްގަމު މަގުން އަފްގާނިސްތާނުގެ ކޮމާންޑޯ ސިފައިން، އަދި ވައިގެ މަގުން އެމެރިކާ ސިފައިން ދޭ ހަމަލާތަކުން މާބޮޑު ކުރިއެރުމެއް ނުލިބެނީ، މިހާރުގެ ހަމަލާތައް ކުރިއަށް ދަނީ، މައި ރަށްތަކުގައި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ކަމަށް ވާތީ އެވެ.

ތާލިބާނުންގެ ހަމަލާތައް ވަރުގަދަ ވަމުން ދާއިރު، މިހާރު އެންމެ ބޮޑު ނުރައްކަލެއް އުފެދިފައިވަނީ، އަފްގާނިސްތާނުގައި މިހާރު ބާކީ ތިބި ބިދޭސީ ހުރިހާ ސިފައިން ވެސް، ކުރިއަށް އޮތް 22 ދުވަހުގެ ތެރޭގައި، އެ ގައުމުން ފައިބައިގެން ދިޔުމުން، އަފްގާނު ސަރުކާރު ސިފައިންނަށް ވައިގެ މަގުން އަސްކަރީ މަދަދު ދޭނެ ބަޔަކު ނުތިބޭނެތީ އެވެ. އެމެރިކާ އާއި ނޭޓޯގެ ސިފައިން އެކުގައި ފޭބުމަށް ފަހު، އެމެރިކާ ސިފައިން އަފްގާނިސްތާނުގައި ހިންގާނީ ވަރަށް މަދު އަސްކަރީ ހަރަކާތްތަކެކެވެ. އެއީ ޓެރަރިޒަމާ ގުޅުން ހުރި ކަންކަމާ ދެކޮޅަށް އެކަންޏެވެ.