16 އޯގަސްޓް 2021
ދައުލަތަށް ފައިސާ ހޯދުމަށްޓަކައި މާލޭގެ ސްކޫލުތަކެއް ރަހުނުކުރާ ވާހަކައަކީ ދޮގެއް ކަމަށާއި ސަރުކާރުން ފަށާފައިވާ ސުކޫކް ވިއްކުމުގެ ޕްރޮގްރާމްގެ ތެރޭގައި ދައުލަތުގެ އެސެޓްތައް ހިމެނޭ އިރު ސްކޫލުތައް ވެސް ހިމެނޭ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ދައުލަތަށް ފައިސާ ހޯދުމަށްޓަކައި މާލޭގެ ސްކޫލުތަކެއް ރަހުނުކުރާ ވާހަކައަކީ ދޮގެއް ކަމަށާއި ސަރުކާރުން ފަށާފައިވާ ސުކޫކް ވިއްކުމުގެ ޕްރޮގްރާމްގެ ތެރޭގައި ދައުލަތުގެ އެސެޓްތައް ހިމެނޭ އިރު ސްކޫލުތައް ވެސް ހިމެނޭ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މާލޭގެ ސްކޫލުތަކެއް ރަހުނުކުރާ ވާހަކައަކީ "ކަނޑައެޅިގެން ދޮގެއް" ކަމަށެވެ.
"ބޮންޑުގައި ކުރާ ރަހުނާއި ސުކޫކުގައި ބަހައްޓާ އެސެޓަކީ މުޅިން ތަފާތު ދެ އެއްޗެއް،" މަބްރޫކް ވިދާޅުވި އެވެ.
ދައުލަތުން ސުކޫކް ވިއްކަން އެސެޓެއްގެ ގޮތުގައި ބަހައްޓަން ނިންމި ސްކޫލުތަކުގެ ތެރޭގައި އިސްކަންދަރު ސްކޫލް، ތާޖުއްދީން ސްކޫލް، ގިޔާސުއްދީން ސްކޫލް، އިމާދުއްދީން ސްކޫލް، ކަލާފާނު ސްކޫލް، ރެހެންދި ސްކޫލާއި، އީޕީއެސް އާއި އެމްއީއެސް ހިންގި އިމާރާތް އަދި ސީއެޗްއެސްއީ ހިމެނެ އެވެ.
ސަރުކާރުގެ ހަރަދުތައް މެނޭޖުކުރަން މި އަހަރުގެ ފަހުކޮޅު އިތުރު ސުކޫކެއް ވިއްކާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ކުރިން "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ، ސަރުކާރުން ފަށާފައިވާ އެއް ބިލިއަން ޑޮލަރުގެ ސުކޫކް ވިއްކުމުގެ ޕްރޮގްރާމުގެ ދަށުން އަންނަ އަހަރު ވެސް ސުކޫކެއް އިޝޫ ކުރުމުގެ ފުރުސަތު ސަރުކާރަށް އޮންނާނެ ކަމަށެވެ.
ސުކޫކު ވިއްކައިގެން މިދިޔަ އޭޕްރީލް މަހު 300 މިލިއަން ޑޮލަރު (4.6 ބިލިއަން ރުފިޔާ) ސަރުކާރަށް ލިބިފައިވެ އެވެ. މިއީ ފަސް އަހަރު ފަހުން އިންޓަރެސްޓާ އެކު ސަރުކާރުން އަނބުރާ ދައްކަން ޖެހޭނެ ފައިސާ އެވެ.
މި ސުކޫކް ވިއްކީ ދަރުމަވަންތަ ހޮސްޕިޓަލް އެސެޓެއްގެ ގޮތުގައި ބޭނުންކޮށްގެން ކަމަށް ވާއިރު، ގާތްގަނޑަކަށް 387 މިލިއަން ޑޮލަރު (5.9 ބިލިއަން ރުފިޔާ) އަނބުރާ ދައްކަން ޖެހޭނެ އެވެ. ސުކޫކުން ލިބުނު 191 މިލިއަން ޑޮލަރު (2.9 ބިލިއަން ރުފިޔާ) ހޭދަކުރީ ދައުލަތުގެ ދަރަނި ދެއްކުމަށެވެ.
ސަރުކާރުން ސުކޫކް އިޝޫ ކުރުމުގައި މޯގޭޖް ކުރުން ފަދަ ގޮތަކަށް ޕްރޮޕަޓީ ބޭނުންކުރި ނަމަވެސް މިއީ ކޮންވެންޝަނަލް އުސޫލުތަކުގައި އޮންނަ ގޮތަށް ކުރާ ކަމެއް ނޫނެވެ. ސުކޫކް އިޝޫ ކުރާއިރު، ދެ ފަރާތުގެ ހިއްސާ އޮންނަ ގޮތަށް އެސްޕީވީ [ކުންފުންޏެއް] އުފައްދައި އެ އެސްޕީވީގެ ނަމުގައި، ސްކޫކް ސެކިއު ކުރެވޭ ވަރުގެ ޕްރޮޕަޓީ ހުންނަން ޖެހެ އެވެ. ކުންފުނީގެ ވިޔަފާރި ފަށާނީ ސްކޫކް އަނބުރާ ނުދެއްކިއްޖެ ހާލަތެއްގައި އެ ފައިސާ ހޯދުމަށެވެ. އާންމު މޯގޭޖް އުސޫލުގައި އޮންނަ ގޮތަށް، ދަރަނި ނުދެއްކުމުން މޯޖޭގް ވިއްކައެއް ނުލާނެ އެވެ.
މަބްރޫކް: ފަހަތަށް ޖެހިލައި އަނެއްކާވެސް މެރާކީގައި
މަބްރޫކް އިސްތިއުފާ ދެއްވުމުން އެ މަގާމަށް މިއުވާން
ނ.އަތޮޅުގެ 5 ރަށަކަށް މާދަމާ ރައީސް ވަޑައިގަންނަވަނީ
ބަޖެޓާ ގުޅޭ ގޮތުން ރައީސް މެންބަރުންނާ ބައްދަލުކޮށްފި
ދައްޕަރު ފިއްލަދޫގެ ބަޔަކަށް ހަދަން ރައީސް ނިންމަވައިފި
ކެންސަރު ހޮސްޕިޓަލުގެ މަސައްކަތް ފަށަން ޓީމެއް އަންނަނީ
މި ދައުރުގެ ތެރޭގައި ޖޭއެސްސީ ބަދަލުކުރާނެ: މަބްރޫކް
އުތުރުގެ ތިން ރަށަކަށް ރައީސް ވަޑައިގަންނަވަނީ
ދެބާރުގެ ވެރިންނަށް ވަގުތީ ގެކޮޅު ހަމަޖައްސައިފި
ދެބާރުގެ ވެރިންނަށް ރަސްމީ ގެކޮޅެއް ހަމައެއްނުޖެހޭ